ދުނިޔެ

ޤަތަރުގެ އަމީރު ތުރުކީއަށް ވަޑައިގަންނަވަނީ


ޤަތަރުގެ އަމީރު ޝޭޚް ތަމީމް ބިން ހަމަދް ޢަލް ޘާނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ތުރުކީވިލާތަށް ވަޑައިގެން އެ ގައުމުގެ ރައީސް ތައްޔިބު އުރުދުޣާނާ ބައްދަލުކުރައްވާނެ ކަމަށް ތުރުކީވިލާތުގެ ރިޔާސީ އޮފީހުން ހާމަކޮށްފިއެވެ.

މި ދަތުރު ވާނީ، ޖޫން މަހުގެ ފަސްވަނަ ދުވަހު ޢަރަބި ބާރުތައް ކަމަށްވާ ސައުދީ ޢަރަބިއްޔާ، ޔޫ.އޭ.އީ. ބަހްރައިން އަދި މިސްރުން ޤަތަރާ ސިޔާސީ އަދި ވިޔަފާރީގެ ގުޅުންތައް ކަނޑާލި ފަހުން ޤަތަރުގެ ޢަމީރު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުފުޅަށެވެ. ޤަތަރުގެ ޢަމީރު ޝޭޚް ތަމީމާއި ތުރުކީވިލާތުގެ ރައީސް އުރުދުޣާނާ ދެބޭފުޅުންގެ ބާއްވާ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުމާއި ސަރަހައްދީ މައްސަލަތަކުގެ އިތުރުން، ބައިނަލްއަޤްވާމީ މަސްރަހުގައި މިވަގުތު ހުރި މައްސަލަތަކާ ބެހޭގޮތުން ވެސް ދެ ގައުމުގެ އިސްވެރިން މަޝްވަރާ ކުރައްވާނެކަމަށް ތުރުކީގެ ރިޔާސީ އޮފީހުން ވަނީ ހާމަކޮށްފައެވެ.

ޓެރަރިސްޓް ޖަމާޢަތްތަކާއެކު ޤަތަރުން ގުޅުން ބާއްވާކަމަށް ތުހުމަތުކޮށް ޢަރަބި ބާރުތަކުން ޤަތަރާ ގުޅުން ކަނޑާލި ފަހުން ތުރުކީވިލާތުން ވަނީ އެކި ގޮތް ގޮތުން ޤަތަރަށް އެހީ ފޯރުކޮށްދީފައެވެ. މިގޮތުން މި ހަތަރު ގައުމުން ޤަތަރާ ހިއްސާ ކުރާ ސަރަހައްދީ ރޮނގުތައް ބަންދުކޮށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމަށް ކުރިމަތިވެދާނެ ކާބޯތަކެތީގެ ދަތިކަމެއް ނައްތާލުމަށް ތުރުކީވިލާތުން ވަނީ ޤަތަރަށް ކަނޑު މަގުންނާ ވައިގެ މަގުން ކާބޯތަކެތީގެ އެހީތައް ފޮނުވާފައެވެ.

އަނެއްކޮޅުން، ޢަރަބި ބާރުތަކުން ޤަތަރާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާ ދެކޮޅަށް ތުރުކީވިލާތުގެ ރައީސް އުރުދުޣާން ވަނީ އެތައް ފަހަރެއްގެ މަތިން އަޑުއުފުލާފައެވެ. މީގެ އިތުރުން، މި ގައުމުތަކުން ގުޅުންތައް ކަނޑާލި ފަހުން ތުރުކީއިން ވަނީ ޤަތަރުގައި އެގައުމުން ޤާއިމުކޮށްފައިވާ އަސްކަރީ މަރުކަޒަކަށް ސިފައިންގެ ފައުޖުތައްވެސް ފޮނުވާފައެވެ.