ޚަބަރު

މިޔަންމާ އަސްކަރިއްޔާގެ އޮޕަރޭޝަން ހުއްޓާލުމަށް ގޮވާލައިފި


މިޔަންމާގެ ރަކާން ސްޓޭޓްގައި، ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން ހިންގާ އޮޕަރޭޝަން މިހާރުން މިހާރަށް ހުއްޓާލުމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓޭރޭޝް ގޮވާލައްވައިފިއެވެ.

އދގެ ސަލާމަތީ މަޖިލީހުންވެސް މިހާރު ވަނީ މި ހަމަނުޖެހުންތައް ހުއްޓާލުމަށް މިޔަންމާގެ ސަރުކާރަށް ގޮވާލާފައެވެ. މިޔަންމާގެ ރަކާން ސްޓޭޓްގައި ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކާ ބެހޭގޮތުން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓޭރޭޝް ވިދާޅުވީ، ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ރަކާންގައި މިހާރު ހިންގަމުންދާ ޖަރީމާތައް ސިފަކުރެވެނީ، އެ ނަޞްލު ނައްތާލުމަށް ކުރިއަށްގެންދާ ޢަމަލުތަކެއްގެ ގޮތުގައި ކަމަށެވެެ. އަދި ރޮހިންޔާ މުސްލިމުންގެ އާބާދީގެ ތިން ބައި ކުޅަ އެއްބަޔަށް، އަމިއްލަ ވަޒަން ދޫކޮށް ފިލަން މަޖުބޫރުވެފައިވާއިރު މިނޫން ގޮތަކަށް މިޔަންމާގެ އަސްކަރިއްޔާއިން ހިންގާ އޮޕަރޭޝަން ސިފަ ނުކުރެވޭނެ ކަމަށް ގުޓޭރޭޝް ވިދާޅުވިއެވެ.

ގުޓޭރޭޝް ވަނީ، މިޔަންމާގެ އަސްކަރިއްޔާއިން ރަކާން ސްޓޭޓްގައި މިހާރު ހިންގާ އޮޕަރޭޝަން މެދުކަނޑާލާ، ހަމަނުޖެހުންތައް ހުއްޓުވާ، އެ ގައުމުގައި ޤާނޫނު ނަގަހައްޓާ، ގައުމު ދޫކޮށް ހިޖުރަކުރަކުރަން މަޖުބޫރުކުރުވި ފަރާތްތަކަކީވެސް އެ ޤައުމަށް އެނބުރި އައުމުގެ ހައްޤު އޮތް ބައެއްކަން ޤަބޫލުކުރުމަށް މިޔަންމާގެ ސަރުކާރަށް ގޮވާލައްވާފައެވެ. އަދި މިމައްސަލައިގައި މިޔަންމާގެ ލީޑަރު އައުން ސަން ސޫޗީއާ އެތައް ފަހަރެއްގެ މަތިން ފޯނުން މަޝްވަރާ ކުރައްވާފައިވާކަންވެސް ގުޓޭރޭޝް ފާހަގަކުރެއްވިއެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ ރަކާންގައި ހިންގަމުންދާ ޖަރީމާތަކުގެ ސަބަބުން މިހާރު އެ ޤައުމުގައި އިންސާނީ މުސީބާތެއް އުފަންވެފައިވާކަމަށާއި، ސަލާމަތަށް އެދި ރަކާން ސްޓޭޓުން ނިކުތް ފަރާތްތަކަށް ބައިނަލްއަޤުވާމީ ދުނިޔޭގެ އެހީ ބޭނުންވާކަމަށެވެ. މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން މިޔަންމާގެ ރަކާން ސްޓޭޓްގައި ހިންގަމުންދާ ޖަރީމާތަކުން ސަލާމަތްވުމަށް އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކޮށްފައިވާ ފަރާތްތަކުގެ އަދަދު މިހާރު ވަނީ 370 ހާހަށް އުފުލިފައެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ މިޔަންމާއިން ފިލައިގެންދާ ރެފިއުޖީންގެ ތެރޭގައި ގިނައިން ތިބީ އަންހެނުންނާއި، ކުޑަކުދިންކަމަށާއި، އެމީހުން ވަނީ ކާނާ އާއި ބޯހިޔާވަހިކަމަށް ބޭނުންވެފައިވާކަމަށެވެ. އދގެ ސެކްރެޓަރީ ޖެނެރަލް މިޔަންމާގެ ހާލަތާ ބެހޭ ގޮތުން މި މޭރުމުން ވާހަކަދައްކަވާފައި މިވަނީ މިޔަންމާގެ ހަމަނުޖެހުންތައް ހުއްޓާލުމަށް އދގެ ސަލާމަތީ މަޖިލީހުންވެސް ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.

ސްވިޑަން އާއި އިނގިރޭސިވިލާތުގެ އެދުމުގެ މަތިން މިޔަންމާގެ މައްސަލައިގައި އދގެ ސަލާމަތީ މަޖިލީހުން ބޭއްވި ބައްދަލުވުމަށް ފަހު ނެރުނު ބަޔާނުގައި ވަނީ، ރަކާންގައި ހަމަނުޖެހުންތައް ހިންގުމަށް މެދުވެރިވިކަމަށް ބުނާ ހަމަލާ އާއި، އެއަށްފަހު ރައްދުގައިކަމަށް ބުނެ އަސްކަރިއްޔާއިން ހިންގާ އޮޕަރޭޝަން ކުށްވެރިކުރާކަމަށް ބުނެފައެވެ. އަދި އަސްކަރިއްޔާގެ އޮޕަރޭޝަންގައި ހިންގަމުންދާކަމަށް ބުނާ ޖަރީމާތަކާ މެދު ކަންބޮޑުވާ ކަމަށާއި، ރަކާންގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާ ކަމަށްވެސް އދގެ ސަލާމަތީ މަޖިލީހުގެ ބަޔާނުގައިވެއެވެ. އދގެ ސަލާމަތީ މަޖިލީހުންގެ ބަޔާން ފާސްކޮށްފައިވަނީ މެމްބަރު ހުރިހާ ގައުމެއްގެ އަޣުލަބިއްޔަތުންނެވެ. މިއީ ވޭތުވެދިޔަ 9 އަހަރު ދުވަހުގެ ތެރޭގައި މިޔަންމާގެ މައްސަލައިގައި އދގެ ސަލާމަތީ މަޖިލީހުގެ ފުރިހަމަ އަޣްލަބިއްޔަތުން ބަޔާނެއް ނެރުނު ފުރަތަމަ ފަހަރުކަމަށެވެ.