ޚަބަރު

ސޫރިޔާގައި ޔަހޫދީ ސިފައިން ހަރަކާތްތެރިވާތީ އދ.ގެ ކަންބޮޑުވުން


ސޫރިޔާއާ ގުޅުންހުރި ކަންކަން ތަހުޤީޤު ކުރަމުންދާ އދގެ ކޮމިޝަނަކުން އެ ޤައުމުގައި ޔަހޫދީން އަސްކަރީ ޙަރަކާތްތައް ކުރިއަށް ގެންދިޔުމާމެދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އދގެ އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލްއަށް އަދާހަމަ ކޮށްދެމުން ‘ދަ އިންޑިޕެންޑެންޓް އިންޓަނޭޝަނަލް ކޮމިޝަން އޮފް އިންކުއަރީ އޮން ސީރިޔާ’ ގެ ކޮމިޝަނަރު ފިއޮނޮއުއަލާ ނި އައޮލައިން ވިދާޅުވީ ޔަހޫދީންގެ ބައެއް ޢަމަލުތަކަކީ ހަނގުރާމައިގެ ޖަރީމާގެ ގޮތުގައި ބެލެވޭނެ ކަންކަން ކަމަށެވެ. އެ ގޮތުން ސޫރިޔާގެ ޢާންމުން ބަންދުރުމަކީ އެ ފަދަ ޢަމަލެއްގެ ގޮތުގައި އޭނާ ފާހަގަކުރައްވާފައިވެއެވެ.

ކޮމިޝަނުން ވަނީ މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދެ ކުޑަކުދިން ހިމެނޭ ގޮތަށް ސޫރިޔާގެ 49 ރައްޔިތުން ޔަހޫދީން ބަންދުކޮށްފައިވާ ކަމަށް ބުނެފައެވެ. އެ މީހުން މިހާރު ވަނީ ސަރަޙައްދީ ރޮނގު ހުރަސްކޮށް އެހެން ތަނަކަށް ގެންގޮސްފައި ކަމަށް ބެލެވެއެވެ. މިއީ ހަނގުރާމައިގެ ޖަރީމާގެ ގޮތުގައި ބެލެވޭނެ ކަމެއް ކަމަށް ނި އައޮލައިން ވިދާޅުވިއެވެ.

ނި އައޮލައިން އިތުރަށް ވިދާޅުވީ ސޫރިޔާގެ ދެކުނުގެ ސަރަޙައްދުތަކުގައި ޔަހޫދީން ހިންގަމުންދާ އަސްކަރީ ޙަރަކާތްތައް އިތުރުވަމުންދާ ކަމަށާއި ވަގުތީ ޙަރަކާތްތަކެއް ކަމަށް ބުނެ ފެށި އެ ޙަރަކާތްތައް ދާއިމީ ޙަރަކާތްތަކަކަށް ބަދަލުވަމުންދާ ކަމަށެވެ. ޔަހޫދީ ސިފައިން ސޫރިޔާގެ ދެކުނުގެ ސަރަޙައްދުތަކުގައި އެއްްގަމު އޮޕަރޭޝަންތައް ތަކުރާރުކޮށް ހިންގަމުންދާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. އެ ފަދަ ޙަރަކާތްތަކުގެ ސަބަބުން އެ ސަރަަޙައްދުތަކުގައި ދިރިއުޅޭ ޢާންމުންނަށް ނޭދެވޭ އަސަރުތައް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރު އަލް ޢަސަދުގެ ވެރިކަން ކުއްލި ގޮތަކަށް ނިމުމަކަށް އައުމާއެކު، އެ ޤައުމުން ދަނީ ޤައުމު އަލުން އާރާސްތު ކުރުމަށް މަސައްކަތް ފަށާފައެވެ. 2024ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އަސަދުގެ ސަރުކާރު ވެއްޓުމާއެކު ޔަހޫދީ ސިފައިން ވަނީ އދން ބަލަހައްޓާ ބަފަރު ޒޯނަކަށް ވަދެގަނެފައެވެ. އޭގެ ފަހުން ޔަހޫދީން ވަނީ ސޫރިޔާގެ އަސްކަރީ ބިނާރަށް އަމާޒުކޮށް އެތައް ސަަތޭކަ ހަމަލާއެއް ދީފައެވެ. އަދި ސޫރިޔާގެ އިތުރު ސަރަޙައްދުތަކުގައި ޔަހޫދީ ސިފައިން ޤާއިމްވެފައިވެއެވެ. ސޫރިޔާގެ ސަރުކާރާއި އދން ވެސް ބުނަމުން ދަނީ ސޫރިޔާގައި ޔަހޫދީ ސިފައިން ޙަރަކާތްތެރިވުމަކީ ސޫރިޔާގެ އިސްތިޤުލާލަށް ބުރޫ އަރާ ކަމެއް ކަމަށެވެ. އަދި އެއީ 1973 ވަނަ އަހަރުގެ މެދުއިރުމަތީގެ ހަނގުރާމައަށް ފަހު 1974ވަނަ އަހަރު ޤާއިމްކޮށްފައިވާ އެއްބަސްވުމަކާ ޚިލާފު ޢަމަލެއް ކަމަށް ވެސް ފާހަގަކުރެވެއެވެ.

ކޮމިޝަނުން ބުނީ ޔަހޫދީން ސޫރިޔާގެ ސަރަޙައްދުގައި ވަގުތީ ޗެކްޕޮއިންޓުތައް ޤާއިމްކުރުމާއި އަސްކަރީ ބިނާރު ޤާއިމްކުރުމާ ގުޅޭ މަޢުލޫމާތު އެ އިދާރާއިން އެއްކޮށްފައިވާ ކަމަށެވެ. މި ކަންކަން ޚާއްޞަ ގޮތެއްގައި ސޫރިޔާގެ ދެކުނުގެ ޕްރޮވިންސުތަކެެއް ކަމަށްވާ އަލްޤުނައިޠީރުއާއި ދަރްޢާ ގައި އާންމުވެފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވެސް ބުނީ އެއްވެސް މީހަކާ މުއާމަލާތު ނުކުރެވޭ ގޮތަށް ސޫރިޔާގެ ބައެއް ރަައްޔިތުން ބަންދުކޮށްފައިވާ ކަމަށެވެ. ޔަހޫދީން އެ މީހުންނަށް އަނިޔާކޮށް އަދި އެ މީހުންނާ މެދު އިހާނެތިކޮށް ޢަމަލުކުރަމުންދާ ކަމަށް ޝައްކު ކުރެވޭ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. ޔަހޫދީންގެ އަސްކަރީ ޙަރަކާތްތަކުގެ ސަބަބުން ސޫރިޔާގެ ބައެއް ރައްޔިތުން ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރުވެފައިވާ ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އދގެ ސެކެޓްރީ ޖެނެރަލް އެންތޯނިޔޯ ގުތޭޚެޝް ވަނީ ސޫރިޔާގެ އިސްތިޤުލާލާއި ސަރަޙައްދީ މިނިވަންކަން ގެއްލޭ ގޮތަށް ޔަހޫދީން ކުރަމުންދާ ޢަމަލުތައް ބަލައިނުގަނެވޭނެ ކަމަށާއި އެ ކަންކަން ވަގުތުން ހުއްޓައިލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. ކޮމިޝަނުން ވަނީ ސެކެޓްރީ ޖެެނެރަލް ފާޅުކުރައްވާފައިވާ ޝުޢޫރަށް ތާއީދު ކޮށްފައެވެ.