ޚަބަރު

ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ފެނަކައިން ފަންޑު ފޮށްޓެއް!


މިޔަންމާގައި ދިރިއުޅޭ ރޮހިންޔާ މުސްލިމުންނަށް ދެމުންދާ އަނިޔާތައް ހުއްޓާލައި އެފަރާތްތަކަށް ދޭންޖެހޭ ރައްކާތެރިކަން މިހާރުން މިހާރަށް ފޯރުކޮށްދިނުމަށް ގޮވާލައި ފެނަކަ ކޯޕަރޭޝަނުން ފަންޑު ފޮށްޓެއް ބަހައްޓައިފިއެވެ. 

"ފެނަކައިގެ މުވައްޒަފުން ރޮހިންޔާ މުސްލިމުންނާއެކު" ތިބިކަން ހާމަކުރުމަށް ފެނަކަ ރެކްރިއޭޝަން ކްލަބުން އިންތިޒާމްކޮށްގެން ފަންޑު ފޮށްޓެއް ބެހެއްޓުމަށް ޕޯޓްސް ބިލްޑިންގ ކުރިމަތީގައި ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ، މިޔަންމާގެ ސަރުކާރާއި، ސިފައިންނާއި އެޤައުމުގެ ހަރުކަޝި ބުޑިސްޓުން ރޮހިންޔާ މުސްލިމުންނަށް ކުރަމުންދާ އަނިޔާތަކާއި ނިގުޅައިގަންނަމުންދާ އިންސާނީ ޙައްޤުތައް ހޯދައިދިނުމަށް އެމީހަކަށް ވީވަރަކުން މަސައްކަތް ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް މިއަދު ލާޒިމް ކަމެއްކަމަށް ދެކެވަޑައިގަންނަވާކަމަށެވެ. 

ޝަރީފް ވިދާޅުވީ ރޮހިންޔާ މުސްލިމުން ތަޙައްމަލުކުރަމުންދާ އަނިޔާއާ ހިތްދަތިކަމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. ފާޅުގައި ޤަތުލުޢާންމުތައް ހިންގައި، ދިރިތިއްބާ އެތައް މުސްލިމުންނެއް އަންދާ އަޅިއަށް ހަދަމުން އަންނައިރު، މިއީ އެއްވެސް ނަޒަރަކަކުން ބަލައިގަނެވޭނެ އަދި ޤަބޫލުކުރެވޭނެ ކަމެއްނޫންކަމަށެވެ. 

ޝަރީފް ވިދާޅުވީ ފެނަކައިގެ ފަރާތުން ހުޅުވި ފަންޑު ފޮށްޓަށް އެ ކުންފުނީގެ މުވައްޒަފުންނާއި އެމީހުންގެ ޢާއިލާތަކުގެ އިތުރުން އާންމު ފަރާތްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި އެކުންފުނީގެ 148 ބްރާންޗުގައި މި ފަންޑު ފޮށި ބަހައްޓާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. 

ޝަރީފް ވަނީ ފަންޑު ފޮށި ހުޅުވައިދެއްވުމަށްފަހު ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް އެފޮށްޓަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި އެ ކުންފުނީގެ ގިނަ ޢަދަދެއްގެ މުވައްޒަފުންވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. 

ފެނަކައިން ހުޅުވި ފަންޑު ފޮށި ބަންދުކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ ނަވާރަވަނަ ދުވަހު ކަމަށް އެ ކުންފުނިން ބުނެއެވެ.