ޚަބަރު

ޤާސިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދީފި


ރިޝްވަތު ކުށް ސާބިތުވެ، ތިން އަހަރަށްވުރެ ދިގު ޖަލު ޙުކުމެއް އިއްވާފައިވާ މަޝްހޫރު ވިޔަފާރިވެރިޔާ ޤާސިމް އިބްރާހީމް ސިންގަޕޫރުގައި ފަރުވާކުރެއްވުމުގެ މުއްދަތު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އިތުރުކޮށްދީފިކަމުގައި ޤާސިމްގެ ޢާއިލާއިން ޕީ.އެސް.އެމަށް މަޢުލޫމާތު ދީފިއެވެ. 

10 ދުވަހުގެ މުއްދަތަކަށް ސިންގަޕޫރަށް ބޭސްފަރުވާއަށް ދިއުމުގެ ހުއްދަ ދެއްވާފައިވާ ޤާސިމް އިބްރާހީމް ފަރުވާއަށް ސިންގަޕޫރުގައި މަޑުކުރެއްވުމުގެ އިތުރު މުއްދަތެއް ދެއްވީ، ޢާއިލާގެ ފަރާތުން ދެވަނަ ފަހަރަށް ކަމާ ގުޅުންހުރި އިތުރު ޑޮކިއުމަންޓްތައް, މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހުށަހެޅުމުން، އެ ލިޔެކިޔުންތަކަށް ރިޢާޔަތްކުރައްވާފައި ކަމަށް ޢާއިލާގެ ފަރާތުން ޕީއެސްއެމްއަށް ކަށަވަރުކޮށްދެއްވިއެވެ. 

ޖަލަށް ހުކުމްކުރެވޭ އެހެން މީހުންނާ ޚިލާފަށް ޤާސިމްގެ ޖަލު ޙުކުމާ ގުޅިގެން ބޮޑެތި ލުއިތަކެއް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މިހާތަނަށް ދެއްވާފައިވެއެވެ. ޙުކުމް ކުރެވުނީއްސުރެ މިހާތަނަށްވެސް ޖަލުގައި ޙުކުމް ތަންފީޒުކުރުމަށް ޤާސިމް ނުގެންދަވައި ފަރުވާއަށް ދޫކުރައްވާފައި ބެހެއްޓެވުން ދެއްވި ލުއިތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ޖަލު ޙުކުމުގައި ހުރި މީހަކާމެދު މުޢާމަލާތުކުރެވޭ ގޮތަށްވުރެ ކަންކަން ފަސޭހަކޮށްދެއްވައި، ޤާސިމާމެދު މުޢާމަލާތު ކުރައްވަމުން ގެންދަވަނީ ގޭބަންދުގައި ހުންނަ މީހަކާމެދު މުޢާމަލާތު ކުރައްވާގޮތަށެވެ. ޞިއްޙީ ފަރުވާ ނިމެންދެން ޤާސިމްގެ ޙުކުމް ގޭބަންދުގައި ބަހައްޓަވައިގެން ތަންފީޒުކުރެއްވުމަށްވެސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވަނީ ނިންމަވާފައެވެ. 

ޤާސިމަށް ކުރެވުނު ޙުކުމަށްވުރެ ބޮޑެތި ލުއިތަކެއް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ޤާސިމަށް ދެއްވިކަމުގައިވީ ނަމަވެސް، ސަރުކާރާ އިދިކޮޅު ޙަރަކާތްތަކަށް ޤާސިމްގެ މުދަލާ ވަސީލަތްތައް ވީހައި ގިނައިން ބޭނުން ހިފުމާ، ޤާނޫނީ ސަރުކާރާ އިދިކޮޅު ޙަރަކާތްތައް ހިންގުމަށް ޤާސިމް ގެންދަވަނީ މިހާރުވެސް ކަންކަން ފަހިކޮށްދެއްވަމުންނެވެ.