ދުނިޔެ

ސިންގަޕޫރުގެ ރައީސްކަމަށް ހަލީމާ ޔައުގޫބު، ހޮވިވަޑައިގެންފި


ސިންގަޕޫރުގެ ރައީސްކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މަގާމުގެ ޝަރުތު ފުރިހަމަވާ ހަމައެކަނި ކެންޑިޑޭޓް ކަމަށްވާ ހަލީމާ ޔައުގޫބު، އެމަގާމަށް ހޮވިވަޑައިގެންފިއެވެ.

ސިންގަޕޫރުގެ އިންތިޚާބުތަކާބެހޭ އިދާރާއިން ބުނީ، އެ ގައުމުގެ ރިޔާސަތަށް ކުރިމަތިލެއްވި ތިން ކެންޑިޑޭޓުންގެ ތެރެއިން މަގާމުގެ ޝަރުތު ފުރިހަމަވާ ހަމައެކަނި ކެންޑިޑޭޓަކީ ހަލީމާ ކަމަށްވާތީ، އިންތިޚާބަކާ ނުލައި، ރައީސްކަމުގެ މަގާމަށް ހަލީމާ ހޮވިވަޑައިގެންފައިވާކަމަށެވެ. ސިންގަޕޫރުގެ މެލޭ ދަރިކޮޅުގެ މުސްލިމް އަންހެން ބޭފުޅެއް ކަމަށްވާ ހަލީމާއަކީ އެ ގައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސްކަމުގެ މަގާމުވެސް އަދާކުރައްވާފައިވާ ބޭކަނބަލެކެވެ. އެކަމަނާ ވެގެންދާނީ ސިންގަޕޫރުގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވާ ފުރަތަމަ އަންހެން ބޭފުޅާއަށެވެ.

އުމުރުން ފަސްދޮޅަސް ދެ އަހަރުގެ ހަލީމާ ސިންގަޕޫރުގެ ރައީސްކަމުގެ ހުވާ ކުރައްވާނީ މާދަމާއެވެ. ސިންގަޕޫރަކީ ބަރުލަމާނީ އުސޫލާ އެއްގޮތަކަށް ވެރިކަމުގެ ނިޒާމު ބައްޓަންކޮށްފައިވާ ގައުމެއް ކަމުން އެގައުމުގެ ވެރިކަމުގެ ބާރުތައް އޮންނަނީ ބޮޑުވަޒީރުގެ އަތްޕުޅުގައެވެ.

ނަމަވެސް ބަރުލަމާނީ ނިޒާމުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ސިންގަޕޫރުގެ ގާނޫނު އަސާސީގައި ބޮޑުވަޒީރަށާއި ސަރުކާރަށް ބޮޑެތި ބާރުތަކަކާއި އިޚްތިޔާރުތަކެއް ދީފައިވެއެވެ. އަދި މިނިވަން މުއައްސަސާތައްވެސް ބައްޓަންކޮށްފައިވަނީ ސަރުކާރުގެ ބާރު އޮންނަގޮތަށެވެ.

ސިންގަޕޫރުގެ މިހާރުގެ ރައީސަކީ ޓޯނީ ޓާންއެވެ. ޓާންގެ ރިޔާސީ ދައުރު، މިއަދު ހަމަވާނެއެވެ.