ދުނިޔެ

އެމެރިކާއަށް ގިނަ ގޮންޖެހުންތައް ކުރިމަތިވާނެކަމުގެ އިންޒާރު ދީފި


އުތުރު ކޮރެއާ ދެކޮޅަށް އދގެ ސަލާމަތީ މަޖިލީހުން ހޯމަ ދުވަހު ފާސްކުރި ދަތިކުރުމުގެ ފިޔަވަޅުތަކަށްފަހު ކުރިއަށް އޮތްތަނުގައި އެމެރިކާއަށް ގިނަ ގޮންޖެހުންތައް ކުރިމަތިވާނެކަމުގެ އިންޒާރު އުތުރު ކޮރެއާއިން ދީފިއެވެ.

އުތުރު ކޮރެއާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހަން ތައި ސޯންގް ވިދާޅުވީ، އެމެރިކާއިން މަސައްކަތް ކުރަމުންދަނީ ސީޔާސީ، އިޤްތިސާދީ އަދި އަސްކަރީ ކުރިމަތިލުންތަކެއް ފެށުމަށްކަމަށެވެ. އަދި އދގެ ސަލާމަތީ މަޖިލީހުން އެންމެ ފަހުން އެޅި ފިޔަވަޅުތައް ޤަބޫލު ނުކުރާނެ ކަމަށާއި، މި ފިޔަވަޅުތައް ބަޔާންކޮށް އދގެ ސަލާމަތީ މަޖިލީހުން ފާސްކުރި ޤަރާރަކީ ޤާނޫނީ ގޮތުން ސައްޙަ ޤަރާރެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އުތުރު ކޮރެއާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ އދގެ ސަލާމަތީ މަޖިލީހުގެ 15 މެމްބަރު ގައުމުގެ ފުރިހަމަ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ މި ޤަރާރަކީ އެ ގައުމުގެ ދިފާޢި ނިޒާމު ވަރުގަދަކުރުމަށް އުތުރު ކޮރެއާއަށް ލިބިފައިވާ ހައްޤު ނިގުޅައިގަންނަ ޤަރާރެއް ކަމަށާއި، މި ޤަރާރުން މަސައްކަތްކުރަނީ އިޤްތިސާދީ ފިއްތުންތައް ކުރިމަތިކޮށްގެން އެ ގައުމާއި އުތުރު ކޮރެއާގެ ރައްޔިތުން ހާސްކޮށްލުމަށް ކަމަށެވެ. އަދި އުތުރު ކޮރެއާގެ ދިފާޢީ ބާރު ވަރުގަދަކޮށް އެ ގައުމުގެ ސިޔާދަތު ހިފެހެއްޓުމަށް އެ ގައުމުން ކުރަމުންދާ މަސައްކަތްތައް ދެގުނައަށް އިތުރުކުރާނެ ކަމަށާއި ސަރަހައްދުގެ ސަލާމަތާއި ސުލްޙަ ހިފެހެއްޓޭނީ އެމެރިކާއާ އެއްވަރަކަށް އެގައުމުގެ ދިފާޢީ ޤާބިލްކަންވެސް ވަރުގަދަ ކުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ.