ދުނިޔެ

ސަޢޫދީ ދިފާޢީ ވުޒާރާއަށް ދޭން ރޭވި ހަމަލާ ނާކާމިޔާބުކޮށްލައިފި


އައި.އެސް ހަނގުރާމަވެރިން ސަޢޫދީ ޢަރަބިއްޔާގެ ދިފާޢީ ވުޒާރާއަށް ދިނުމަށް ރޭވި ހަމަލާއެއް ނާކާމިޔާބުކޮށްލާފައިވާކަމަށް ސައުދީ ސަރުކާރުން ހާމަކޮށްފިއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ދަޚިލީ ސަލާމަތާ ބެހޭ އިދާރާގެ އޮފިޝަލަކާ ހަވާލާދީ ސަޢޫދީ ދައުލަތުގެ މީޑިއާ، އެސް.ޕީ.އޭ އިން ބުނެފައިވަނީ، އެ ޤައުމުގެ ވެރިރަށް ރިޔާޛްގައި ހުންނަ ދިފާޢީ ވުޒާރާގެ މައި މަރުކަޒަށް ބޮމުގެހަމަލާތަކެއް ދިނުމަށް މަސައްކަތް ކޮށްފައިވަނީ، ޔަމަނަށް ނިސްބަތްވާ ދެމީހުން ކަމަށާއި، މި ދެމީހުން ސައުދީގައި ދިރިއުޅެމުންދިޔައީ ޝަޚްޞު އޮޅުވާލައިގެންކަމަށެވެ.

މި ދެމީހުންގެ އިތުރުން ސަޢޫދީ ޢަރަބިއްޔާގެ ދެ ރައްޔިތަކުންވެސް މިހާރު ހައްޔަރުކޮށްފައިވާކަމަށާއި މި މީހުންނަކީވެސް މި ހަމަލާ ދިނުމުގައި ބައިވެރިވާ ބައެއްކަމަށް ބެލެވޭ ކަމަށް ސަޢޫދީގެ ސަލާމަތީ އޮފިޝަލާ ހަވާލާދީ އެސް.ޕީ.އޭ އިން ބުނެފައިވެއެވެ.

ހަމަލާ ނާކާމިޔާބުކޮށްލުމަށް ހިންގި އޮޕަރޭޝަންގައި، އަތު ބޮމާއި ބަޑި ފަދަ ހަތިޔާރު ފެނިފައިވާކަމަށާއި، ހައްޔަރުކުރި މީހުން ދިޔައީ ގޮވާ ތަކެތި ބޭނުންކުރުމުގެ ތަމްރީނުތައް ހޯދަމުން ކަމަށްވެސް އެސް.ޕީ.އޭ އިން ބުނެފައިވެއެވެ.

އައި.އެސް ހަނގުރާމަވެރިން މީގެ ކުރިންވެސް ވަނީ ސަޢޫދީގެ ސަލާމަތީ ބާރުތަކާ އެ ޤައުމުގެ ޢާއްމުންނާ ދެކޮޅަށް ބޮމާއި ބަޑީގެ ހަމަލާތައް ދީފައެވެ.

މީގެ އިތުރުން، ބޭރުގެ ޤައުމަކަށް ޖާސޫސީ މަޢުލޫމާތުތަކެއް ފޯރުކޮށްދިންކަމުގެ ތުހުމަތުގައިވެސް ސަޢޫދީ ޢަރަބިއްޔާގެ ރައްޔިތުންތަކެއް ހައްޔަރުކޮށްފައިވާ ކަމަށްވެސް އެސް.ޕީ.އޭ އިން ރިޕޯޓްކޮށްފައިވެއެވެ.

މިމައްސަލައިގައި ހައްޔަރުކުރި ފަރާތްތަކުން، ޖާސޫސީ ޙަރަކާތްތަކެއް ހިންގާ، މިސްރުގެ މުސްލިމް ބްރަދަރހުޑާ އެކު މަޢުލޫމާތު ހިއްސާކޮށްފައިވާކަމަށް ސަލާމަތީ އޮފިޝަލަކާ ހަވާލާދީ ރޮއިޓަރސްއިން ރިޕޯޓް ކޮށްފައިވެއެވެ.

ނަން ހާމަކުރަން ދެކޮޅު ހެދި މި އޮފިޝަލް ވިދާޅުވީ، ހައްޔަރުކޮށްފައިވާ މީހުން ވަނީ ސައުދީގެ ސަރުކާރު ވައްޓާލުމުގެ ބޭނުމުގައި ބޭރުގެ އެހެން ދެ ޤައުމެއްގެ މާލީ އަދި އެހެނިހެން އެހީތައް ހޯދާފައި ކަމަށާއި، މީ މިހުންގެ މަޤްސަދަކީ ސައުދީ ޢަރަބިއްޔާގައި ހަމަނުޖެހުންތައް އުފައްދައި، މުސްލިމް ބްރަދަރހުޑްއަށް ފައިދާވާނެ ގޮތަށް ސައުދީ ސަރުކާރު ވައްޓާލުން ކަމަށެވެ.

މުސްލިމް ބްރަދަރހުޑަކީ ޓެރަރިސްޓް ޖަމާޢަތެއް ކަމަށް ސައުދީ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.