ކުޅިވަރު

ޗެމްޕިއަންސް ލީގަށް ތައްޔާރުތަ؟


ޔޫރަޕުގެ ފުޓްބޯޅަ މުބާރާތްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ފޯރިހުންނަ މުބާރާތަކީ ޗެމްޕިއަންސް ލީގެވެ. އެންމެ ޝަރަފުވެރި ކުލަބު މުބާރާތް މިރޭ އަލުން މި ފަށަނީ ހުސްވި ސީޒަނަށްވުރެ ފޯރިގަދަ ކުލަތަކަކާއި ވާދަވެރިކަމަކާއެކުގައެވެ. 

ޓީވީ ރައިޓްސް އާއި ސްޕޮންސާޝިޕްގެ އަގު އަރައިދިއުމާއެކު ޔުކްރޭނުގެ ކިއޭވްގައި ކުޅޭ ފައިނަލާ ހަމައަށް ދަތުރުކޮށް ތަށި އުފުލާލާ ޓީމަކަށް 57.2 މިލިއަން ޔޫރޯ ލިބޭނެ މަގު ޔޫއޭފާއިން ވަނީ ފަހިކޮށްދީފައެވެ. 

މި ފަހަރުގެ މުބާރާތުގެ ގްރޫޕް ފިޔަވަހީގެ މެޗަކުން މޮޅުވާ ޓީމަކަށް 1.5 މިލިއަން ޔޫރޯ ލިބޭނެއެވެ. އެއްވަރުވާ މެޗަކަށް ކޮންމެ ޓީމަކަށް ލިބޭނީ ފަސްލައްކަ ޔޫރޯއެވެ. މުބާރާތުގެ ދެ ވަނަ ބުރަށްދާ ކޮންމެ ޓީމަކަށް 6 މިލިއަން ޔޫރޯ ލިބޭއިރު ކުއާޓާ ފައިނަލް ކުޅޭ ކޮންމެ ޓީމަކަށް 6.5 މިލިއަން ޔޫރޯ ލިބޭނެއެވެ. އަދި ސެމީ ފައިނަލް ކުޅޭ ކޮންމެ ޓީމެއްގެ ޖީބަށް 7.5 މިލިއަން ޔޫރޯ ވަދެގެންދާނެއެވެ. 

ޔޫއޭފައިން ހަމަޖައްސާފައިވަނީ މުބާރާތުގެ ޗެމްޕިއަން ޓީމަށް 15.5 މިލިއަން ޔޫރޯ ދިނުމަށެވެ. ދެވަނަ ޓީމަށް ލިބޭނީ 11 މިލިއަން ޔޫރޯއެވެ.

މި އަމާޒަކަށް ދަތުރުކުރުމަށް 32 ޓީމާއެކު މިރޭ މުބާރާތް ފަށާއިރު މިފަހަރު ވެސް އެންމެ ގިނަބައެއްގެ ފެވަރިޓުންނަކީ ރެއާލް މެޑްރިޑެވެ. 1992ގެ ފަހުން ޖެހިޖެހިގެން ދެ ފަހަރު ތަށި ހޯދި ފުރަތަމަ ޓީމަކަށްވުމުގެ ޝަރަފާއެކު މެޑްރިޑް މި ފަހަރު ނުކުންނަނީ ތިން ވަނަ ފަހަރު ތަށީގައި ބީހިލަން ކެތްމަދުވެފައި ތިބެގެންނެވެ. 

މި އުފަލާ ހަމައަށް ވާސިލް ވުމަށް ކޯޗު ޒައިނުއްދީން ޒިދާނަށް ލިބިފައިވަނީ ކޯޗަކަށް ލިބޭނެ އެންމެ ފައްކާ ސްކޮޑެވެ. ތަޖުރިބާކާރު މޮޅު އެތައް ކުޅުންތެރިންނަކާއެކު ފުރަތަމަ 11ގެ ވާދަވެރިކަން ބޮޑުކޮށްދެނީ މާކޯ އަސެންސިއޯ އާއި އިސްކޯ ފަދަ ޒުވާން ތަރިންނެވެ. މިހެންވެ ގެރެތް ބޭލް ފަދަ ކުޅުންތެރިންނަށް ފުރަތަމަ 11 ޔަގީންނުވުމަކީ ޗެމްޕިއަންސް ލީގުގެ ފެވަރިޓުންގެ ލިސްޓުގެ އެއްވަނަ މެޑްރިޑަށް ހައްގުވާ މައިގަނޑު ސަބަބެވެ.

ފާހަގަކޮށްލި އެތައް ކުޅުންތެރިންނަކާހުރެ ޓްރާންސްފާ މާކެޓުގައި މެޑްރިޑު ހިމޭނުން އޮތުމުން ފަތުއަޑުކިޔުއްވާފައި ވިޔަފާރިކޮށްލީ ފްރާންސްގެ ޕީއެސްޖީންނެވެ. ދުނިޔޭގެ ރެކޯޑް އަގަކަށް ގެންދިޔަ ބްރެޒިލްގެ ނޭމާ އާއި ފްރާންސްގެ ކޭލިއަން އެމްބާޕޭ އިތުރުން އެޑިންސަން ކަވާނީ ފަހަތުން ވެސް އޮތީ ތަރިން ސްކޮޑެކެވެ. ބެންޗުވެސް އެހާމެ ވަރުގަދައެވެ. ނަމަވެސް ޕީއެސްޖީ ޓެސްޓް ކޮށްލެވޭނީ އަދިވެސް ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި ޗެމްޕިއަންސް ލީގުންނެވެ. އެކަމަކު އެމީހުންނާއި އަހަރުމެންގެ ހަނދާނުގައި ވެސް އެންމެގާތުގައިވާ މެޗަކީ ހުސްވި ސީޒަނުގައި ބާސެލޯނާ އަތުން ޕީއެސްޖީ ބަލިވެދިޔަ ގޮތުގެ ހިތްދަތި ހަނދާންތަކެވެ. މިހެންވެ ނޭމާ ނެތަސް ބާސެލޯނާ އަކީ އަދިވެސް ފެވަރިޓެއްކަމަށް ގަބޫލުކުރާ ކޯޗުންނާއި ކުޅުންތެރިން އެހާމެގިނައެވެ. އިޓަލީގެ ޔުވެންޓަސް އަކީ ވެސް ތައްޓަށް ވާދަކުރާނެ ޓީމެކެވެ.

ތާރީހީ ޗެމްޕިއަންސް ލީގަކަށް މިފަހަރުގެ މުބާރާތް ވެގެންދަނީ ޔުނައިޓެޑް ކިންގްޑަމްގެ ހަ ޓީމު ވާދަކުރާތީވެއެވެ. އެއީ މެންޗެސްޓާގެ ދެޓީމު ކަމަށްވާ ޔުނައިޓެޑާއި ސިޓީ އަދި ޗެލްސީ އާއި ލިވަޕޫލް އިތުރުން ޓޮޓެންހަމާއި ސްކޮޓްލޭންޑްގެ ސެލްޓިކެވެ. މީގެ ތެރެއިން ސެލްޓިކް ފިޔަވައި އަނެއް ފަސް ޓީމަކީ އިނގިރޭސި ޓީމުތަކެވެ. މިއީ އިނގިރޭސި ފަސް ޓީމެއް މި މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރުވެސްމެއެވެ. 

އިނގިރޭސި ޓީމުތަކުގެ ތެރެއިން ލިވަޕޫލަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެކަމަކު 2005ގައި ތަށި ހޯދި ފަހުން ލިވަޕޫލްގެ ނެވަވޯލް އެލޯންގެ އަޑުވަނީ ފަނޑުވެގެންގޮސްފައެވެ. ޔުނައިޓެޑް ސީދާ ތައްޓަށް އަމާޒު ހިފާފައިވާއިރު ޕެޕް ގާޑިއޯލާ ހުރުމުން ސިޓީގެ އުއްމީދަކީ ވެސް ތަށި ނޫން ދެވަނަ އެއްޗެއްނޫނެވެ. ޗެލްސީގެ ވިދުން އަދި ފަނޑުކޮށް ފެނުނަސް އެމީހުން ގަބޫލުކުރާ ގޮތުގައި އިނގިރޭސީންގެ އުއްމީދުތައްވަނީ އެމީހުންނާއެކުގައެވެ.