ޚަބަރު

ރޮހިންގޔާ މުސްލިމުންނަށް އެހީވުމަށް އެމްޕީއެލްއިން ހަރަކާތްތަކެއް


މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ މުވައްޒަފުންގެ ފަރާތުން މިޔަންމާގައި ހާލުގައި ޖެހިފައި ތިބި ރޮހިންގޔާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށްޓަކައި ފަންޑް ފޮއްޓެއް ހުޅުވައިފިއެވެ.

މި ފަންޑު ފޮށި ހުޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒިޔާދުއެވެ.

އެމް.ޕީ.އެލްގެ ހެޑްއޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ފަންޑު ފޮށި ހުޅުއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ މުސްލިމުންނަކީ އެއް ހަށިގަނޑެއްގެ މިސާލެއްކަމަށާއި، އެހެން މުސްލިމެއްގެ ވޭނާއި ކެކުޅުމުގައި ބައިވެރިވެ އެހީތެރިވުމަކީ މުހިންމު ކަމެއްކަމަށެވެ.

އައްޑޫ ސިޓީ އާއި ކުޅުދުއްފުށި އަދި ފުވައްމުލަކުގައި ފަންޑުފޮށިތައް ބަހައްޓައި، ހަރަކާތްތައް އެ ރަށްރަށުގައިވެސް ކުރިއަށްގެންދަންވަނީ ހަމަޖައްސާފައެވެ ރޮހިންޔާ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކުގައި އެމްޕީއެލްއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެމް.ޕީ.އެލް އިން ބުނެއެވެ.

އެމްޕީއެލްގެ ފަންޑު ފޮށިތައް މާލޭގެ އެކި ސަރަހައްދު ތަކުގައި ބަހައްޓަން ހަމަޖެހިފައިވެއެވެ. މިގޮތުން އެމް.ޕީ.އެލް ގެ ހެޑް އޮފީސް، މާލޭ ނޯތް ހާބަރ ،ޓީ ޖެޓީ ސަރައްހައްދު އަދި ޕޯޓް ކޮންޕްލެކްސް ބިލްޑިންގައި ވަނީ ފޮށިތައް ބަހައްޓާފައެވެ.

ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ މި ދަނޑީވަޅުގައި ރޮހިންޔާ މުސްލިމުންނަށް އެހީވުމަށްޓަކައި ދިވެހި ސަރުކާރުގެ ފަރާތުން ހިންގާ ހާއްސަ ހަރަކާތުގައި މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ( އެމް.އާރް.ޑި.ސީ) އިންވެސްވަނީ ބައިވެރިވާން ނިންމާފައެވެ. މިގޮތުން އެ ކުންފުނީގެ  މުވައްޒަފުންގެ އެއްދުވަހުގެ މުސާރަ ހަދިޔާ ކުރުމަށްވަނީ ނިންމާފައެވެ. އަދި މީގެ އިތުރުން ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް އެހީވުމަށްޓަކައި އިތުރު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރާއްވާފައިވާ ކަމަށް އެމް.އާރް.ޑީ.ސީން ބުނެއެވެ.