ޚަބަރު

"އެއްވެސް ބިދޭސީއެއްގެ އަތުން އިތުރަށް ފައިސާއެއް ނުނަގާ"


ބިދޭސީން ރާއްޖެއަށް ވަޒީފާ އަދާކުރުމަށް ގެންނައިރު އެމީހުންގެ އަތުން މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުން އިތުރަށް ފައިސާ ނަގަމުން އަންނަ ކަމަށް ދެކެވެމުން އަންނަ ވާހަކަތައް އިމިގްރޭޝަނުން ދޮގުކޮށްފިއެވެ. މި ވާހަކަތައް ދޮގުކޮށް، އިމިގްރޭޝަންގެ ކޮންޓްރޯލަރ މުޙައްމަދު އަންވަރު ސޮއިކުރައްވާ އިމިގްރޭޝަނުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އެ މުއައްސަސާގެ އޮފިސަރުންނާ ގުޅޭގޮތުން ސާބިތުނުހިފޭ ހަޤީޤަތެއްނެތް މަޢުލޫމާތު އެކިއެކި ފަރާތްތަކުން ފަތުރަމުންދާ ކަމަށާއި އެފަދަ ކަންކަން ހުއްޓާލުމަށް އިލްތިމާސްކުރާ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ އެ މުއައްސަސާގެ އެއްވެސް އޮފިސަރެއް ގާނޫނާއި ގަވާއިދާ ޚިލާފު އަމަލެއް ކުރާކަމުގެ ނުވަތަ ކޮށްފައިވާކަމުގެ ސާބިތު ހެކި ލިބިފައިވާނަމަ އެ މަޢުލޫމާތު އެ މުއައްސަސާއާ ހިއްސާކުރުމުން އެކަމެއް ހިނގާފައިވާގޮތް ބަލައި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެފަދަ ކަންކަން ހުއްޓުވުމަށް ކުރަންޖެހޭ އެންމެހާ ކަންކަން އެ މުއައްސަސާއިން ކުރަމުންދާނެ ކަމަށެވެ. އަދި އެ މުއައްސަސާގެ އެއްވެސް އޮފިސަރަކު ޤާނޫނާ ޤަވާއިދާ ޚިލާފު އެއްވެސް ކަމެއް ކުރިކަމުގެ ސާބިތު ހެކި ލިބި، އެ ފަދަ މަޢުލޫމާތެއް އެ މުއައްސަސާއަށް ހިއްސާކުރަން ބޭނުން ނުވާނަމަ އެފަދަ މައްސަލަތައް ބަލާ ތަޙްގީގުކުރުމަށް އުފައްދާފައިވާ އެހެނިހެން މުއައްސަސާތަކަށް އެފަދަ މައްސަލަތައް ހުށަހެޅުމަށް އެދޭ ކަމަށެވެ.

އިމިގްރޭޝަނުގެ ނޫސްބަޔާނުގައި ބުނެފައިވަނީ އެ މުއައްސަސާގެ އޮފިސަރުންނާ ގުޅޭގޮތުން ހައްޤުނޫން އަދި ސާބިތު ހެކިނެތް ވާހަކަތައް ފަތުރަމުން ގެންދިއުމަކީ އިމިގްރޭޝަންގެ ނިޒާމު ހަރުދަނާކޮށް ހިއުމަން ޓްރެފިކިންގެ އަމަލުތައް ހުއްޓުވުމަށް އެ މުއައްސަސާއިން ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅުމަށް މަސައްކަތްކުރާ މަދު ފަރާތްތަކަކުން އެކަމުގެ ފަހަތުގައި ތިބެގެން ރާވައި، ހިންގާ ހަރަކާތްތަކުގެ ތެރެއިން ވަރަށްވެސް ފިނޑި އަމަލެއް ކަމަށެވެ. އަދި މިހާރު އިމިގްރޭޝަނުން ތަޢާރަފް ކުރަން ނިންމާފައިވާ މޯލްޑިވްސް އިމިގްރޭޝަން ޕްރި ޑިޕާޗަރ ސްކްރީނިންގ ސިސްޓަމް ވުޖޫދަށް އަޔަ ނުދިނުމަކީ އެފަދަ ވާހަކަތައް ފަތުރާ ސަބަބެއް ކަމަށްވެސް އިމިގްރޭޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.

ބޭރުގެ އެކި ފަރާތްތަކާއި ގުޅިގެން ހިއުމަން ޓްރެފިކިންގެ އަމަލުތައް ހުއްޓުވުމަށް އިމިގްރޭޝަނުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި އެފަދަ ދޮގު ޚަބަރުތައް ފަތުރާކަމީ އެކަމުގެ ނުރަނގަޅު އަސަރު މުޅި މުޖުތަމައުއަށް ކުރާނެ ކަމެއް ކަމަށާ، މި މަސައްކަތްތަކަށް ހުރަސް އަޅާ ފަރާތްތަކާއިމެދު ރާއްޖެއާއި ރާއްޖެއިން ބޭރުގެ، ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށްވެސް އިމިގްރޭޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.