ތިމާވެށި

ކޮންމެ ރަށެއްގައި, އައިލެންޑް ވޭސްޓްމެނޭޖްމަންޓް ސެންޓަރެއް!


އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ކޮންމެ ރަށެއްގައި "އައިލެންޑް ވޭސްޓްމެނޭޖްމަންޓް ސެންޓަރުތަކެއް" ހެދިގެންދާނެކަމަށް އެންވަޔަރމަންޓް މިނިސްޓަރ ތޯރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ މި މަސައްކަތަކީ ސަރުކާރުން އަލަށް އެކުލަވާލާފައިވާ "ކޮމްޕްރެހެންސިވް ވޭސްޓް މެނޭޖްމަންޓް" ޕޮލިސީގެ ދަށުންކުރައްވަމުންގެންދަވާ މަސައްކަތްތަކެއްކަމަށެވެ. އަދި ރަށްރަށުގައި ޤާއިމްކުރާ އައިލެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކަށް މީހުން ތަމްރީނުކުރެވި، ކާދު ހެދެން ހުރި ރަށްރަށުގައި ކާދު ހަދާ، ރިސައިކަލްކުރުމުގެ މަސައްކަތްވެސް ކުރެވިގެންދާނެކަމަށް މިނިސްޓަރ ތޯރިޤް އިބްރާހިމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ވޭސްޓް މެނޭޖްމަންޓް ޕޮލިސީގައި ހިމެނޭ ކަންކަން ހާސިލްކުރުމަށް، ހުރިފަރާތެއްގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަމަށެވެ. އެގޮތުން ފަރުދީފެންވަރުގަޔާއި، ކައުންސިލުގެ ފެންވަރުގަޔާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި އަދި ސަރުކާރުގެ ވުޒާރާތައް ގުޅިގެން މި މަސައްކަތް ކުރުމަށް މިނިސްޓަރ ގޮވާލެއްވިއެވެ. އަންނަ އަހަރު ރާއްޖޭގެ 186 ރަށެއްގައި އައިލެންޑް ވޭސްޓްމެނޭޖްމަންޓް ސެންޓަރު ޤާއިމްކުރެވިގެންދާނެކަމަށް އެންވަޔަރމަންޓް މިނިސްޓްރީން މަޢުލޫމާތުދެއެވެ.