ރާއްޖޭގެ ފްލައިބޯޑިންގގެ ޗެމްޕިއަން އިބްރާހީމް ޙުސައިން، އިއްބަޑޭއާ ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެން އުރަމަތީގެ ކެންސަރަށް އާންމުން ހޭލުންތެރި ކުރުމުގެ ޚާއްސަ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފިއެވެ.
ވިލިނގިލީގައި ހުންނަ ލިވަބޯޑްގެ ވޯޓަރ ސްޕޯޓްސްގައި ކުރިޔަށް ގެންދިޔަ މި އިވެންޓްގައި ކުރިން ކެންސަރަށް ފަރުވާކޮށް މިހާރު އެބަލިން ސަލާމަތްވެފައިތިބި މީހުންވަނީ، އާންމުންނަށް މަޢުލޫމާތު ފޯރުކޮށްދީފައި. އެގޮތުން އެމެރިކާގެ މަޝްހޫރު އަންހެން ފްލައިބޯޑަރ އައިރީންވެސްވަނީ ކެންސަރުބަލިން އޭނާ ސަލާމަތްވިގޮތާއި އެކަމުގައި ކުރިޔަށްދާންވީ ގޮތް އާންމުންނާ ޙިއްސާކޮށްފައެވެ. ކެންސަރަކީ އެބަލިޖެހުމުން އަމިއްލަ ނަފްސުގެ ބާރުވެރިކަން އިތުރުކޮށް އަމިއްލަޔަށް ވަރަށްބޮޑަށް މަސައްކަތް ކުރަންޖެހޭ ބައްޔެއްކަން އެފަރާތްތަކުން ވަނީބުނެފައެވެ.
އުރަމަތީގެ ކެންސަރަށް ފަރުވާހޯދާ އެބަލިން ސަލާމަތްވެފައިވާ ރާއްޖޭގެ އަންހެން ކުއްޖެއް ކަމަށްވާ ޝެރާޒް މޫސާބުނީ ކަމެއް ދިމާވުމުން ކަންކަން ސިއްރުނުކޮށް ބަލީގެ އެންމެ ކުރީކޮޅު ފަރުވާ ހޯދުމަކީ މިކަމުން ސަލާމަތްވުމަށް އޮތް އެންމެ މުހިންމު އެއްކަންތައް ކަމަށާއި އެފަދަ ކަމެއް ދިމާވުމުން ވީހާވެސް އަވަހަކަށް ޑޮކްޓަރެއްގެ ލަފަޔާއެކު ޓެސްޓްތައް ހަދަންޖެހޭ ކަމަށެވެ. ޝެރާޒް ވަނީ، އުރަމަތީގެ ކެންސަރަކީ ސަލާމަތް ވެވިދާނެ ބައްޔެއްކަން ފާހަގަކޮށް، ހިތްވަރާއެކު މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.
މި އިވެންޓް ކުރިޔަށް ގެންދިއުމުގައި މުހިންމު ދައުރެއް އަދާކުރި ފްލައިބޯޑަށް ކެންސަރ ސޮސައިޓީންވަނީ ޝުކުރު އަދާކޮށްފައެވެ. ލިވަބޯޑްގެ ފައުންޑަރ އިބްރާހީމް ޙުސައިންބުނީ އުއްމީދަކީ މިފަދަ ކަންކަމަށް މީހުން ހޭލުންތެރިކުރުމަށް ކުރިޔަށް އޮތްތަނުގައި މިފަދަ އިތުރު ފުރުޞަތު ލިބުން ކަމަށެވެ. މިފަދަ ކަންކަމަށް އާންމުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް އަބަދުވެސް އެއްބާރުލުން ދޭނެކަމަށް ލިވަބޯޑުން ވަނީ ބުނެފައެވެ.