ކުޅިވަރު

ލީގު ފެށުމުގެ ކުރިން ޓްރާންސްފަރ ބަންދުކުރަން ކުލަބުތައް ތައްޔާރު


އަންނަ ސީޒަނުގެ އިނގިރޭސި ޕްރެމިއާރ ލީގު ފެށުމުގެ ކުރިން ޓްރާންސްފާރ މާކެޓް ބަންދު ކުރަން އިނގިރޭސި ކުލަބުތަކުން ރުހުން ދީފިއެވެ.

އިނގިރޭސިވިލާތާއި ޔޫރަޕުގެ ޓްރާންސްފާ މާކެޓް މިހާރު ބަންދުކުރަނީ އޮގަސްޓް 31ގައިއެވެ. މިއީ އިނގިރޭސި ލީގު ފަށާތާ ތިން ހަފުތާސް ފަހެވެ. މިހެންވެ ކުލަބުތަކުން ބުނަނީ ސީޒަން ފަށާ ފަހުން ޓްރާންސްފާ މާކެޓް ބަންދުކުރާތީވެ ވަރަށް ގިނަގޮތްގޮތުން ތައްޔާރީތަކަށް ނޭދެވޭ އަސަރުކުރާ ކަމަށެވެ. ހާއްސަކޮށް ސީޒަން ފަށާފަހުން ކުޅުންތެރިން ގަންނަން ކުލަބުތަކުން ހުށަހަޅާތީވެ އިނގިރޭސި ކުލަބުތަކުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

އިނގިރޭސި ޓްރާންސްފާ މާކެޓް ސީޒަން ފެށުމާއެކު ބަންދުކުރަން ނިންމި ނަމަވެސް ޔޫރަޕުގެ އެހެން ގައުމުތަކުގެ ޓްރާންސްފާ މާކެޓް ބަންދުވާނީ އަދިވެސް އޮގަސްޓް 31ގައެވެ.

އިނގިރޭސި ކުލަބުތަކަށް މިސީޒަނުގައި ވެސް ވަނީ ޓްރާންސްފާ މާކެޓްގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށްކޮށްފައެވެ. 

ލިވަޕޫލް ދޫކޮށް ފިލިޕް ކޮޓީނިއޯ ސްޕޭނުގެ ބާސެލޯނާ އަށް ބަދަލުވާން އުޅުމާއި، އާސެނަލްގެ އެލެކްސިސް ސަންޗޭޒް މެންޗެސްޓާ ސިޓީ އަށް ބަދަލުވާން އުޅުމާއި، ޗެލްސީއަށް ނުކުޅެން ޑިއެގޯ ކޯސްޓާ ގަދަ ހަދާފައި އުޅުމަކީ ފާހަގަކުރެވޭ މައްސަލަތަކެވެ.