ޚަބަރު

ރޮހިންޔާ މުސްލިމުންނަށް އެހީވާން ފަންޑެއް ހުޅުވައިފި


ދުނިޔޭގެ އެކި ގައުމުތަކުގައި މުސްލިމް އަޚުންނާއި އުޚުތުން ދިރިއުޅޭއިރު އެ ގައުމުތަކުގައި ދިރިއުޅޭ މުސްލިމުންނަށް ކުރިމަތިވާ ނޭއްގާނީ އަމަލުތައް އެންމެ ފުރަތަމަ ކުށްވެރިކުރާ ޤައުމަށް މި ކުޑަކުޑަ ދިވެހިރާއްޖެ ވާނެެއެވެ. އަދި އެފަދަ ލާއިންސާނީ ޢަމަލުތައް މުސްލިމުންނަށް ދެމުންދާއިރު އެންމެ ފުރަތަމަ އެހީގެ އަތްތައް ދިއްކޮށްލާ ޤައުމުތަކުގެ ތެރޭގައިވެސް ދިވެހިރާއްޖެ ހިމެނެއެވެ.

މިޔަންމާގެ ރަކާން ސިޓީގައި ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ޢަމަލުތައް ދިވެހިން އަންނަނީ ސޯޝަލް މީޑިއާގައާ އަދި އެހެނިހެން ޕްލެޓްފޯމްތަކުގައިވެސް ކުށްވެރިކޮށް އެ ޢަމަލުތައް ހުއްޓާލުމަށް ގޮވާލަމުންނެވެ. އަދި ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާކަންވެސް ފާހަގަކޮށްލެވެއެވެ.

އެގޮތުން ގަލޮޅުގެ ރައްޔިތުންނާ އަމިއްލަ ޖަމިއްޔާތަކުން އިސްނަގައިގެން މިހާރުވަނީ ރަސްފަންނުގައި ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ޚާއްސަ ފަންޑެއް ހުޅުވާފައެވެ. މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މި ފަންޑު ހަވީރު ހަތަރަކުން ހައެއަކަށް ހުޅުވާފައި ހުންނާނެއެވެ.

img:http://s3.psmnews.mv/images/660x400/15047956317707.jpg|ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ގަލޮޅުގެ ރައްޔިތުން އިސްނަގައިގެން ފަންޑު ފޮށްޓެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ ދިވެހިންނަކީ އަބަދުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމް އަޚުންނާއި އުޚުތުންނާއި އެކު ވާ ބައެއްކަން އަންގާ ބައެއް ކަމަށެވެ. އަދި މިފަދަ ހާދިސާތަކުން އެކަން ވަރަށް ސާފުކޮށް ހާމަވެގެންދާ ކަމަށްވެސް މިނިސްޓަރގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ގަލޮޅު ރައްޔިތުންނާ އަމިއްލަ ޖަމިއްޔާތަކުން އިސްނަގައިގެން ހުޅުވި މި ފަންޑު ފޮށި ރަސްމީކޮށް ހުޅުވައިދެއްވީ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް ޢަބްދުރަޙީމް ޢަބްދުﷲއެވެ. ފަންޑުފޮށި ހުޅުވައި ދެއްވުމުގެ ކުރިން ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މިފަދަ ޙަރަކާތްތަކުން ދުނިޔޭގެ އެހެން ޤައުމުތަކުގައި ދިރިއުޅޭ މުސްލިމް އަޚުންނާ އުޚުތުންނާއި ދޭތެރޭ ދިވެހިންގެ ހިތްތަކުގައި އޮންނަ ލޯބި ހާމަވެގެންދާ ކަމަށެވެ.

img:http://s3.psmnews.mv/images/660x400/15047955819147.jpg|ގަލޮޅުން އިސްނަގައިގެން ފަނޑު ފޮށި ހުޅުވުމަށް ބޭއްވި ރަސްމިއްުޔާތުގައި ހޯމް މިނިސްޓަރ އަޒްލީން އަހުމަދު ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

މި ފަންޑުފޮށި ބެހެއްޓުމުގައި އިސްކޮށް ހަރަކާތްތެރިވި ގަލޮޅުގެ ރައްޔިތެއް ކަމަށްވާ މަލީހް ޖަމާލް ވިދާޅުވީ އުއްމީދަކީ މި ފަންޑު ފޮށްޓަށް ޢާންމުންގެ ތަރުޙީބު ލިބިގެންދާނެ ކަމަށެވެ. އަދި ފަންޑުފޮށިން ލިބޭ ފައިސާ ރޮހިންޔާ މުސްލިމުންނަށް ލިބޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާކަން އޭނާ ފާހަގަ ކުރެއްވި. ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ސަލީމް، މާޒް ސަލީމް ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް އަދިވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

ގަލޮޅުގެ ރައްޔިތުންނާ އަމިއްލަ ޖަމިއްޔާތަކުން އިސްނަގައިގެން ކުރިއަށްގެންދާ މި ހަރަކާތުގައި ހޯމް މިނިސްޓްރީ އަދި ޕަބްލިކް ސާރވިސް މީޑިއާ، ޕީއެސްއެމްއިން ބައިވެރިވެއެވެ.