ޚަބަރު

ހިމަބިހި ނައްތާލާފައިވާކަމުގެ އެވޯޑް ދިވެހިރާއްޖެއަށް ދީފި


ދިވެހިރާއްޖެއަކީ ހިމަބިހި ނައްތާލާފައިވާ ޤައުމެއްގޮތުގައި ކަނޑައަޅައި، އެކަމުގެ އެވޯޑް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ދިވެހިރާއްޖެއަށް ދީފިއެވެ.

ދިވެހިރާއްޖެއަށް މި އެވޯޑް ދީފައިވަނީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ، ޑަބްލިއު.އެޗް.އޯގެ ދެކުނު އިރުމަތީ އޭޝިއާގެ 70 ވަނަ ސަރަޙައްދީ ބައްދަލުވުމުގެ ތެރެއިން ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ދިވެހިރާއްޖެއަށް މިކަމާ ގުޅޭ ލިޔުން ޙަވާލުކޮށްދެއްވީ ޑަބްލިއު.އެޗް.އޯގެ ރީޖަނަލް ޑިރެކްޓަރ ޑރ. ޕޫނަމް ކެތްރަޕާލް ސިންގްއެވެ. އަދި ރާއްޖޭގެ ފަރާތުން މިއެވޯޑާ ޙަވާލުވެވަޑައިގަތީ ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ.

ދިވެހިރާއްޖެއަކީ ހިމަބިހި ނައްތާލާފައިވާ ޤައުމެއްކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅައި އެކަން އިޢުލާންކުރީ މިއަހަރުގެ ޖޫންމަހުގެ 13 ވަނަ ދުވަހުގައެވެ. އަދި މިއަދު އެޖަމްޢިއްޔާއިން ވަނީ މިކަމުގެ ރަސްމީ ލިޔުން ދިވެހިރާއްޖެއަށް ދީފައެވެ. މި އެވޯޑާ ހަވާލުވެވަޑައިގަތުމަށްފަހު ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، މި އެވޯޑް ދިވެހިރާއްޖެއަށް ލިބުމަކީ ލިބުނު ވަރަށްބޮޑު ފަޚުރެއްކަމަށާއި، މިއީ ދިވެހިރާއްޖެއިން ސިއްޙީ ދާއިރާގައި ހޯދަމުންދާ ކުރިއެރުންތައް ބައިނަލްއަޤްވާމީ މުޖުތަމަޢު ބަލައިގަންނަކަމުގެ ހެއްކެއްކަމަށެވެ. މިފަދަ ބޮޑެތި ކާމިޔާބީތައް ދިވެހިރާއްޖޭހެ ސިއްޙީ ދާއިރާއިން ޙާސިލްކުރެވެމުން މިދަނީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ދައުލަތުގެ އިސްވެރިން ސިއްޙީ ދާއިރާއަށް ދެއްވާ ޚާއްޞަ އަހަންމިއްޔަތުގެ ސަބަބުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޞިއްޙީ ދާއިރާއިން ރާއްޖެ ހޯދަމުންދާ ކާމިޔާބީ ތަކުގައި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި، މިނިސްޓަރވަނީ އެޖަމްޢިއްޔާގެ އިސްވެރިންނަށް ޝުކުރު ދަންނަވާފައެވެ. މި ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހިމަބިހި ނުވަތަ މީސްލްސް ނައްތާލެވިފައިވާ 2 ޤައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ. އަދި 2020 ވަނައަހަރުގެ ކުރިން ސަރަހައްދީ ޤައުމުތަކުން ހިމަބިހި ނައްތާލުމަށް ކަނޑައަޅާފައިވާ އަމާޒަށް ދިވެހިރާއްޖެއިންވަނީ އެމުއްދަތުގެ ކުރިން ވާސިލްވެފައެވެ.

ގައިންގަޔަށް އަރާ ބަލިތަކުން ތުއްތުކުދިން ރައްކާތެރިކުރުމަށްޓަކައި ރާއްޖޭގައި ވެކްސިން ދޭން ފަށާފައިވަނީ 1976 ވަނައަހަރުއެވެ. އަދި 1983 ވަނަ އަހަރުން ފެށިގެން ހިމަބިހި ވެކްސިން ރާއްޖޭގައި އުފަންވާ ތުއްތުކުދިންނަށް ދަނީ ދެމުން. ރާއްޖޭގައި ހިމަބިހި ފެތުރުން މަދުކުރުމަށް ޢާންމުކޮށް ވެކްސިންދޭ ޢުމުރުފުރާގެ އިތުރުން އެހެން އުމުރުފުރާތަކަށް ޢަމާޒުކޮށްގެން 2005، 2006، 2007 ވަނަ އަހަރު ވަނީ ވެކްސިން ދިނުމުގެ ކެމްޕެއިންތައް ކުރިއަށްގެންގޮސްފައެވެ.

ދިވެހިރާއްޖެއިން އެންމެފަހުން ހިމަބިހި ޖެހިފައިވާ މީހެއް ފެނިފައިވަނީ 2009 ވަނަ އަހަރުއެވެ.

ދިވެހިރާއްޖެއަކީ މެލޭރިއާ ނައްތާލެވިފައިވާ ޤައުމެއްގެގޮތުގައި 2015 ވަނައަހަރު ވަނީ ކަނޑައަޅާފައި، އަދި މިދިޔައަހަރު ވަނީ ދިވެހިރާއްޖެއަކީ ލިންފަޓިކް ފައިލޭރިއާސިސް ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ކަނޑައަޅާފައެވެ. ރާއްޖޭގެ ޞިއްޙީ ނިޒާމް ތަރައްޤީކޮށް، ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ޚާއްޞަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.