ޚަބަރު

ޑަބްލިޔު.އެޗް.އޯގެ 70 ވަނަ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި


ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ކޮމިޓީގެ 70 ވަނަ ބައްދަލުވުން ރާއްޖޭގައި ފަށައިފިއެވެ.

މި ބައްދަލުވުން ކުރިއަށްދާނީ މިމަހުގެ ހަޔަކުން ފެށިގެން ދިހަވަނަ ދުވަހުގެ ނިޔަލަށް ޕެރެޑައިސް އައިލެންޑް ރިސޯޓްގައެވެ. މިބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ވަފުދެއް ބައިވެރިވެއެވެ. މި ވަފުދުގައި ރާއްޖޭގެ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމާއި ފިޝަރީޒް މިނިސްޓަރ ޑރ.މުހައްމަދު ޝައިނީ ބައިވެރިވެ ވަޑައިގަންނަވައެވެ. އަދި މި ވަފުދުގައި އިސްކޮށް ހުންނަވާ އަދި މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވަނީ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމްއެވެ.

މި ބައްދަލުވުމުގައި ދުނިޔޭގެ ސިއްޙަތުޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިއާގެ "ގުޑް ވިލް އެމްބެސެޑަރ ފޯރ ހެޕެޓައިޓިސް" އަމީތާބް ބައްޗަން ހެޕެޓައިޓިސް ސެޝަންގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

ދުނިޔޭގެ ސިއްޙަތުޖަމިއްޔާގެ ރީޖަނަލް ކޮމިޓީގެ ބައްދަލުވުމަކީ މިސަރަހައްދުގެ  ސިއްޙަތާ ބެހޭ ވަޒީރުންނާއި ސިއްޙީ ދާއިރާގެ ފަންނީ ބޭފުޅުން ހިމެނޭގޮތަށް، މި ސަރަހައްދުގެ  ރައްޔިތުންގެ ސިއްޙަތާއި ގުޅޭ މުހިންމު ނިންމުންތަކެއް ނިންމުމަށް އަހަރަކު އެއްފަހަރު ބާއްވާ ބައްދަލުވުމެކެވެ. މިބައްދަލުވުމުގައި މި ސަރަހައްދުގެ އެގާރަ ޤައުމުން ސިއްޙަތާ ބެހޭ ވަޒީރުންނާއި ސިއްޙަތާބެހޭ ވުޒާރާތަކުގެ އިސްފަރާތްތަކުގެ އިތުރުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިންވެސް ބައިވެރިވެއެވެ.

މި ބައްދަލުވުމުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވަމުން އަންނަ ނުރައްކާތަކަށް މެމްބަރުޤައުމުތަކުގެ ސިއްޙީ ނިޒާމް ތައްޔާރުވުމާ ގުޅޭގޮތުން ޙާއްޞަގޮތެއްގައި މަޝްވަރާ ކުރާނެއެވެ. "މާލޭ ޑިކްލަރޭޝަން އޮން ބިލްޑިންގ ހެލްތް ސިސްޓަމް ރެޒިލިއަންސް ޓު ކުލައިމެޓް ޗޭންޖް"ގެ ނަމުގައި ޞަރަހައްދުގެ ޞިއްޙަތާބެހޭ ވަޒީރުން ޤަރާރެއް ފާސްކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މިކަމަށް ކުރިއަށް އޮތްތަނުގައި މަސައްކަތްކުރުމަށް ތައްޔާރުކުރެވޭ ސަރަޙައްދުގެ " ފްރޭމްވޯކް ފޮރ އެކްޝަން އިން ބިލްޑިންގ ހެލްތް ސިސްޓަމް ރެޒިލިއަންސް ޓު ކުލައިމެޓް ޗޭންޖް ދެހާސް ސަތާރައިން ދެހާސް ބާވީހަށް" މި ބައްދަލުވުމުގައި ފައިނަލް ކުރެވިގެންދާނެއެވެ.

މީގެ އިތުރުން ދެހާސް ތިރީސް ވަނަ އަހަރު އަންނައިރު މި ސަރަހައްދުގެ ޤައުމުތަކުން ޓީބީ އަދި ހެޕެޓައިޓިސް ނައްތާލުމާއި، ބަލި ފަތުރާ ސޫފާސޫފި ކޮންޓްރޯލްކުރުމާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުންނާއި، އެންޓި މައިކްރޯބިއަލް ރެސިސްޓެންޓް އަދި ފަސޭހައިން ޞިއްޙީ ފަރުވާ ބޭނުންވާ ބޭސް ލިބޭނެ ނިޒާމެއް ޤާއިމްކުރުމަށް މަޝްވަރާކުރާނެއެވެ. މީގެ އިތުރުން މި ބައްދަލުވުމުގެ ތެރެއިން ދެހާސް އަށާރައިން ދެހާސް ނަވާރައަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ޞަރަހައްދީ ބަޖެޓް ކަނޑައެޅުމާމެދު މަޝްވަރާކޮށް، ދެމެހެއްޓެނެވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ އެއް އަމާޒުކަމުގައިވާ ޔުނިވަރސަލް ހެލްތް ކަވަރޭޖް މެމްބަރު ޤައުމުތަކުގައި ކުރިއަށްދާ މިނަވަރު ދެނެގަތުމާއި، އާންމު ސިއްޙަތާއި ގުޅުންހުރި މަސައްކަތްތަކާއި އިންސާނީ ވަސީލަތްތައް އިތުރަސް ހަރުދަނާކުރުމާމެދުވެސް މެމްބަރު ޤައުމުތަކުގެ މެދުގައި މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ.