ސިޔާސީ

އިސްލާހީ ބަދަލުތަކުގެ ތަފްސީލް އެއްވެސް ޕާޓީއަކުން އަދި ހުށަނާޅާ!


ސަރުކާރުން އިސްނަގައިގެން ފަށާފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ސިޔާސީ ޕާޓީތަކުން ބޭނުންވާ އިޞްލާޙީ ބަދަލުތަކަކީ ކޮބައިކަން ހުށައެޅުމަށް ދިން ފުރުޞަތުގައި މިހާތަނަށް އަދި އެއްވެސް ފަރާތުން ސިޓީ ފޮނުވާފައި ނުވާކަމަށް، މަޝްވަރާތަކުގެ އެންމެ އިސް މަންދޫބު ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

މަޝްވަރާކުރުމަށް ޕާޓީތަކުން ބޭނުންވާ އިޞްލާޙީ ބަދަލުތަކަކީ ކޮބައިކަން ހަފުތާއެއްހާ ދުވަހުގެތެރޭގައި ސަރުކާރަށް ހުށައެޅުމަށް މިނިސްޓަރ އެދިވަޑައިގެންފައިވެއެވެ. އަދި މި ހުށަހެޅުންތައް ލިބުމުން ޕާޓީތަކާއެކު މަޝްވަރާކުރުމަށްފަހު ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ކުރިޔަށް ގެންދިޔުމުގެ މަސައްކަތްތައް ކުރިއަށްގެންދާނެކަމުގެ ޔަޤީންކަން ޑރ.ޝައިނީ ދެއްވިއެވެ. ނަމަވެސް ސަރުކާރުން ހުޅުވާލި ހަތްދުވަހުގެ މުއްދަތު އަދި ހަމަވެފައެއް ނުވެއެވެ.

ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކަށް ސަރުކާރުން ހުޅުވާލީ، އެއްވެސް ޝަރުތަކާނުލައި، ވަކިވަކި ފަރުދުންގެ ވާހަކަނުދައްކައި، ރާއްޖޭގައި ދިމާވެފައިވާކަމަށް ވާދަވެރި ފަރާތްތަކުން ބުނާ ބޮޑެތި މައްސަލަތަކަށް ޙައްލު ހޯދުމަށްޓަކައި، އެބޭފުޅުންގެ ހުށަހެޅުންތަކެއް ހުރިކަމަށް ސަރުކާރަށް ފެންނާތީވެ، ހުޅުވާލި ފުރުޞަތެއްކަމަށް ޑރ.ޝައިނީ ވިދާޅުވެފައިވެއެވެ.

ސަރުކާރުން ވަނީ މަޝްވަރާތަކުގައި ބައިވެރިވުމަށް ސިޔާސި ހުރިހާ ޕާޓީއަކަށާއި، މި ވަގުތު ސިޔާސީ ގިނަ ޙަރަކާތްތަކުގައި އިސްވެ އުޅުއްވާ ބޭފުޅެއްގެ ހައިސިއްޔަތުން ޕީޕީއެމްގެ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ދަޢުވަތު އަރުވާފައެވެ.

އިދިކޮޅު ސިޔާސީ ޕާޓީތަކުން ބުނީ މަޝްވަރާތަކުގައި ބައިވެރިވުމާއި ނުވަތަ ނުވުމާމެދު އަދި ވަކި ގޮތެއް ނުނިންމާކަމަށާއި އެކަމާމެދު ގޮތެއް ނިންމާނީ އިދިކޮޅު ހުރިހާ ޕާޓީތަކުން މަޝްވަރާކުރުމަށްފަހުކަމަށެވެ. އަނެއްކާވެސް ސަރުކާރުން ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަށް ކުރިޔަށް ގެންދިޔުމަށް މަސައްކަތް މިފެށީ އިދިކޮޅު ފަރާތްތަކުން އިޞްލާޙީ ބަދަލުތަކެއްގެ ވާހަކަ ދައްކައި އެކި ވަޞީލަތްތައް މެދުވެރިކޮށް އެކަމަށް ގޮވާލަމުން ގެންދާތީ، މިފަދަ ފުރުޞަތަކަށް ޕާޓީތަކުން ތައްޔާރަށް ތިބިކަމަށް ސަރުކާރަށް ޤަބޫލުކުރެއްވޭތީއެވެ. ނަމަވެސް މަޝްވަރާތައް އަދިވެސް ކުރިއަށް ގެންދެވޭނީ މަޝްވަރާތަކުގައި ބައިވެރިވާ ފަރާތްތަކުން އެއްވެސް ޝަރުތަކާއި ނުލައި ހެޔޮނިޔަތުގައި މަޝްވަރާތަކަށް އައުމުން ކަމުގައި ޑރ.ޝައިނީ ވިދާޅުވިއެވެ.