ސިޔާސީ

މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރުގެ ގޮނޑި ގެއްލިއްޖެ


ރައްތިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށް ކަނޑައަޅާ، އިލެކްޝަންސް ކޮމިޝަނުން އެކަން ރައްޔިތުންގެ މަޖިލީހަށް އަންގައިފިއެވެ.

ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ އަޙްމަދު ޕީޕީއެމުން ވަކިކޮށްދިނުމަށް އެޕާޓީން އެދިފައިވާތީ، އެކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންގުމާ ގުޅިގެން އޭނާގެ ގޮނޑި ވަނީ ގެއްލިފައެވެ.

ސުޕްރީމް ކޯޓުން ޖުލައި މަހުގެ ތޭރަ ވަނަ ދުވަހު ކުރި ހުކުމުގައި ވާގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް އެޕާޓީއެއްގެ ދަފުތަރުން ވަކިކޮށް އެކަން ރައްޔިތުންގެ މަޖިލީހަށް އެންގުމުން އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއްގެ ގޮނޑި ހުސްވެއްޖެ ނަމަ 60 ދުވަހުގެ ތެރޭގައި އެދާއިރާހެ ބައި-އިލެކްޝަން ބާއްވަން ޖެހެއެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިންވެސް ވަނީ 6 މެންބަރެއްގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅާފައެވެ. މި 6 މެމްބަރުންގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ނިންމަވާފައިވަނީ، މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.

އެ ހަ ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިޢުލާންކޮށްފައެވެ. މި ހަ ދާއިރާއަކީ ތުލުސްދޫ ދާއިރާ، ދިއްދޫ ދާއިރާ، ވިލިނގިލި ދާއިރާ، މަޑުއްވަރީ ދާއިރާ، ދަނގެތި ދާއިރާގެ އިތުރުން މައްޗަންގޮޅި ދެކުނު ދާއިރާއެވެ.