ކުޅިވަރު

ފުރަތަމަ ބުރުގައި ނިއުއަށް ދެން އޮތީ ތިން ފައިނަލް - ކޯޗު


އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރުގައި ނިއު ރޭޑިއަންޓަށް ދެން އޮތީ ތިން ފައިނަލްކަމަށް ކޯޗު އޮސްކާ ބުރޫޒަން ބުނެފިއެވެ. 

އުރީދޫ ދިވެހި ޕްރިމިއާރ ލީގުގައި ނިއު މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު އެޓީމްވަނީ އެއް މެޗުން ބަލިވެ، ތިން މެޗުން މޮޅުވެފައެވެ. ނިއުގެ ކޯޗް އޮސްކާ ބުރޫޒަން ބުނީ ނިއު މިފަހަރު ޕްރިމިއަރ ލީގާ ކުރިމަތިލީ ތަށްޓަށްކަމަށާއި، އަދި އެކަން ކާމިޔާބުކުރެވޭ ވަރުގެ ސްކޮޑެއް މިވަގުތު ނިއުގައި އޮބައޮތްކަމަށެވެ. 

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި އޮމާނާ ވާދަކުރާ މެޗަށް ލީގް މެދު ކަނޑާލުމުން ލިބިފައިވާ ބްރޭކްގެ ބޭނުން އެންމެ އެކަށީގެންވާގޮތުގައި ހިފުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް ނިއުގެ ކޯޗް ބުންޏެވެ. އެސްޓީއޯ މާލޭ ލީގާއި، އުރީދޫ ދިވެހި ޕްރިމިއާރ ލީގުގައި މިހާތަނަށް ކުޅެފައި ހުރި މެޗްތަކުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް ރަނގަޅު ކުރަންވީ ކަންތައްތައް ވަރަށް ރަނގަޅަށް އެނގޭކަމަށްވެސް ކޯޗު ބުންޏެވެ. އޭނާ ބުނީ ބްރޭކްގައި އެމަސައްކަތްތަކަށް ވަރަށް ބޮޑު އިސްކަމެއް ދީގެން، މަސައްކަތް ކުރަމުންދާކަމަށެވެ. ޕްރިމިއަރ ލީގުގައި ވާދަކުރާ ހުރިހާ ޓީމް ތަކަކީވެސް ތަފާތު ޓީމް ތަކެއްކަމަށާއި، މާޒިޔާއާއި ވާދަކުރާއިރު، ވިސްނުން ބަހައްޓަންޖެހޭ ގޮތާއި ގްރީން ސްޓްރީޓް، ޓީސީ އަދި އަތޮޅު ތެރެއިން ލީގުގައި ވާދަ ކުރާ ޓީމްތަކާ ވާދަކުރާއިރު ވިސްނުން ބަހައްޓަންޖެހޭ ގޮތް ވަރަށް ތަފާތުކަމަށްވެސް ނިއުގެ ކޯޗް އޮސްކާ ބުރޫޒަން ފާހަގަކުރިއެވެ.

" ކޮންމެ ޓީމަކީވެސް ތަފާތު ޓީމެއް. އެއްވެސް ޓީމަކީ ބަލި ޓީމެއް ނޫން. ޚާއްސަކޮށް ފާހަގަކޮށްލެވޭ އަތޮޅު ތެރެއިން ވާދަކުރާ ޓީމްތަކުން ކުރާ މަސައްކަތް. މިލީގު އަދި ވަރަށް ފޯރިގަދަވާނެ. އަތޮޅު ތެރޭގެ ޓީމްތައް އަދި މާލޭގެ ޓީމްތަކުގެ މައްޗަށް ކުރި ހޯދާނެ. ނިއުއިން ކޮންމެ މެޗަކަށް ތައްޔާރުވަނީ ވަރަށް ވިސްނައިގެން. ނިއު މިފަހަރު ލީގާ ކުރިމަތިލީ ޗެންޕިއަންކަން ހޯދުމަށް. މިވަގުތު ތާވަލްގެ ދެވަނާގަ އޮތްނަމަވެސް، ކުރިއަށް ހުރި މެޗްތަކުން ޕޮއިންޓް ނެގުން ވަރަށް މުހިންމު. ސީދާ ބޭނުންވަނީ ތިން ޕޮއިންޓް." ކޯޗު ބުންޏެވެ.

ބްރޭކްއަށް ފަހު ނިއު ލީގްގައި ވާދަކުރާ ފުރަތަމަ މެޗްގައި ނިކުންނާނީ މިލަންދޫއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި ކުޑަހުވަދޫ އަދި ތިންވަނަ މެޗްގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް ނިކުންނާނީ ތިނަދޫއާއި ދެކޮޅަށެވެ.