ދުނިޔެ

"ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ހުއްޓުވަންޖެހޭ"


މިޔަންމާ ސިފައިން އެގައުމުގެ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހުއްޓުވުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢިން ހަލުވި ފިޔަވަޅުތަކެއް އަޅަމުންނުދާ މައްސަލައިގައި ހިޔުމަން ރައިޓްސް ވޮޗުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ މުސްތަގިއްލު ޖަމްޢިއްޔާއެއް ކަމަށްވާ ހިޔުމަން ރައިޓްސް ވޮޗުން ބުނީ، ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް މިޔަންމާ ސިފައިން ހިންގަނީ ރޮހިންޔާއިންގެ ނަސްލު ނައްތާލުމުގެ ޖަރީމާތަކެއް ކަމަށާއި، އެ ޖަރީމާތައް ހުއްޓުވައި އެކަމުގެ ފަހަތުގައިވާ މީހުން ބައިނަލްއަގްވާމީ އަދާލަތަށް ހާޒިރުކުރަންޖެހޭ ކަމަށެވެ.

ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން ހިޔުމަން ރައިޓްސް ވޮޗްގެ ވެރިޔާ ކެނެތް ރުތު ވިދާޅުވީ، ރޮހިންޔާ މުސްލިމުންނާ ކުރިމަތިވެފައިވަނީ، ދައުލަތަކުން ނިޒާމީ ގޮތެއްގައި ހިންގާ ގަތުލްއާންމުތަކެއް ކަމަށާއި، މި ގަތުލްއާންމުތަކުގައި އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީމީހުން ކަތިލެވެމުންދާއިރު، އެކަން ހުއްޓުވުމަށް، ބައިނަލްއަޤުވާމީ މުޖުތަމަޢުން އެކަށީގެންވާ މަސައްކަތެއް ކުރާތަން ނުފެންނަކަމަށެވެ.

އޭނާ ވިދާޅުވީ މިޔަންމާ ސަރުކާރާ ދެކޮޅަށް ވަރުގަދަ ފިއްތުންތަކެއް ކުރިމަތި ކޮށްގެން މެނުވީ ރޮހިންޔާ މުސްލިމުން ސަލާމަތް ކުރެވޭނެކަމަށް ދެކެވަޑައިނުގަންނަވާކަމަށެވެ.

މިޔަންމާ ސިފައިން ހިންގާ ގަތުލްއާންމުތަކުން ސަލާމަތް ވުމަށްޓަކައި އަވަށްޓެރި ބަންގްލަދޭޝްގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ޖަމާވެފައިވާ ރޮހިންގްޔާ ރެފިއުޖީން ބުނަނީ އެމީހުންގެ ކުރިމަތީގައި މިޔަންމާ ސިފައިންނާއި ހަރުކަށި ބުދިސްޓުންވަނީ އެމީހުންގެ އަޚުންނާއި އުޚްތުންނަށް ވަޅިން ހަމަލާދީ އެމީހުންގެ އަތްފައި ބުރިކުރަމުން ދިޔަ ބިރުވެރި މަންޒަރުތައް އެމީހުންނަށް ފެނިފައިވާކަމަށެވެ.

މި މައްސަލައިގައި މިޔަންމާއާ ދެކޮޅަށް ހަރަކާތްތެރިވުމަށް އދ ނުކުޅެދިފައިވާއިރު، މިޔަންމާގެ ހަރުކަށި ލީޑަރުން ގެންދަވަނީ ރޮހިންޔާ މުސްލިމުންގެ އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާކަމަށް ކުރާ ތުހުމަތުތަކަށް ކަނޑައެޅިގެން އިންކާރު ކުރައްވަމުންނެވެ.

މިޖަރީމާތަކަށް އިންކާރުކުރައްވާ ލީޑަރުންގެ ތެރޭގައި މިޔަންމާގެ ބާރުގަދަ ސިޔާސީ ލީޑަރު، އަންގ ސަން ސޫޗީވެސް ހިމެނިވަޑައިގަންނަވައެވެ.