ކުޅިވަރު

ޔޫރަޕުން ވޯލްޑްކަޕަށް ކޮލިފައިވި ފުރަތަމަ ޓީމަކަށް ބެލްޖިއަމް


އަންނަ އަހަރު ރަޝިޔާގައި ބާއްވާ ވޯލްޑް ކަޕަށް ޔޫރަޕުން ކޮލިފައިވި ފުރަތަމަ ޓީމަކަށް ބެލްޖިއަމް ވެއްޖެއެވެ.

ކޮލިފައިންގައި ބާކީ ދެ މެޗު އޮއްވާ ބެލްޖިއަމް ކޮލިފައިވި ރޭ ގްރީސް އަތުން 2-1އިން މޮޅުވެގެންނެވެ. މިނަތީޖާއާއެކު ގްރީސް އަށް ވަނީ ވޯލްޑް ކަޕަށް ކޮލިފައިވާން ކުޅެން ޖެހޭ ޕްލޭއޯފުން ފުރުސަތު ހޯދުމުގެ ވެސް އަމިއްލަ ބާރު ގެއްލިފައެވެ.

ރޭގެ މެޗުގައި ބެލްޖިއަމަށް ލަނޑު ޖަހައިދިނީ ޓޮޓެންހަމަށް ކުޅޭ ކެޕްޓަން ޔާން ވާޓޮންގެން އާއި މެންޗެސްޓާ ޔުނައިޓެޑްގެ ފޯވަޑް ރޮމެލޫ ލުކާކޫއެވެ.

ވޯލްޑް ކަޕަށް މިހާތަނަށް ކޮލިފައިވެފައިވަނީ ބެލްޖިއަމާއެކު ހަ ގައުމެވެ. އެއީ މުބާރާތް ބާއްވާ ގައުމު ރަޝިޔާ އާއި ބްރެޒިލް އަދި މެކްސިކޯ އާއި ޖަޕާނާއި އިރާނެވެ.

ބެލްޖިއަމް ކޮލިފައިވުމުން ލުކާކޫ ބުނީ ކޮންމެ ކުޅުންތެރިއަކު ވެސް ވޯލްޑް ކަޕް ކުޅެން ބޭނުންވާނެ ކަމަށާއި ބެލްޖިއަމްގައި މިހާރު ތިބި ކުޅުންތެރިންނަކީ ވޯލްޑް ކަޕް ކުޅެންޖެހޭ ފެންވަރު ހުރި ކުޅުންތެރިންތަކެއް ކަމަށެވެ.

ޗެލްސީގެ އެޑެން ހަޒާޑް ބުނީ ވޯލްޑް ކަޕަށް ކޮލިފައިވުމަކީ މާބޮޑު ޒިންމާއެއް ކަމަށެވެ. އޭނާގެ އުއްމީދަކީ ވޯލްޑް ކަޕުގައި ބެލްޖިއަމް ޓީމަށް ކާމިޔާބު ހޯދައިދިނުން ކަމަށާއި ޓީމުގައި ތިބީ މޮޅު ކުޅުންތެރިން ކަމަށެވެ.

ބެލްޖިއަމްގެ ކޯޗު ރޮބާޓޮ މާޓިނޭޒް ބުނީ ހުރިހާ ޝުކުރެއް ވެސް އޮތީ އޭނާގެ ކުޅުންތެރިންނަށް ކަމަށާއި ބާކީ ދެ މެޗު އޮއްވާ ކޮލިފައިވި ނަމަވެސް އެ ދެ މެޗު ވެސް ފަސޭހަކޮށްނުލާނެ ކަމަށެވެ. ނަމަވެސް އެއީ ޒުވާން ކުޅުންތެރިން ޓެސްޓްކޮށްލަން ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.