ސިއްހަތު

ދެމަސްދުވަހުގެ ތެރޭގައި ޓްރީޓޮޕް ހޮސްޕިޓަލުން ޚިދުމަތްދޭން ފަށަނީ


ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި ޓްރީޓޮޕް ހޮސްޕިޓަލުގެ މަސައްކަތް ނިންމައި ޚިދުމަށްދޭން ފަށާނެކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގެ ސީއީއޯ ގްރާންޓް މަޑްލް ވިދާޅުވީ ހޮސްޕިޓަލުން އާސަންދައިގެ ޚިދުމަތާއި، ހެލްތް އިންޝުއަރެންޝްގެ ޚިދުމަތް ދިނުމަށް ކާމާގުޅޭ ފަރާތްތަކާއެކު މިހާރު މަޝްވަރާތައް ކުރަމުން އަންނަކަމަށެވެ.

ތުރުކީވިލާތުގެ ކުންފުންޏަކާ ޙަވާލުކޮށްގެން ހުޅުމާލޭގައި ޢިމާރާތްކުރާ ޓްރީޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގައި ޞިއްޙީ ޚިދުމަތް ޓަރޝަރީ ފެންވަރުގައި ފޯރުކޮށްދޭނެ އަމިއްލަ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލަކީ އަމިއްލަ ކުންފުންޏަކުން ރާއްޖޭގެ ޞިއްޙީ ދާއިރާ ފުޅާކޮށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ދިނުމަށް ހިންގާ އެންމެ ބޮޑު އިންވެސްޓްމަންޓެވެ.

ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޮޑު ބަދަލެއް އަންނަނާކަމަށް ބެލެވޭ މި މަޝްރޫޢަކީ އަށްޑިހަ މިލިއަނަށްވުރެ ގިނަ ޑޮލަރު ޚަރަދުކޮށްން ހިންގާ މަޝްރޫޢެކެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރީޓޮޕް ހޮސްޕިޓަލްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ގްރާންޓް މަޑްލް ވިދާޅުވީ ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި ހޮސްޕިޓަލްގެ ހުރިހާ މަސައްކަތެއް ނިންމައި ހުޅުވުމުގެ މަރްޙަލާއަށް ދެވޭނެކަމަށެވެ. މިހާރު ކުރަމުން އަންނަނީ ހޮސްޕިޓަލް ހުޅުވުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތަކުގެ މަސައްކަތް ކަމަށްވެސް ގްރާންޓް ވިދާޅުވިއެވެ. އެގޮތުން މެޝިންތައް އިންސްޓޯލްކުރުމާއި، ޓެސްޓުކުރުމުގެ އިތުރުން ހޮސްޕިޓަލުގެ ޙިދުމަތް ފެށުމަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަން ގްރާންޓް ފާހަގަކުރެއްވިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ލިބޭ ފެންވަރުގެ ޚިދުމަތްތައް ލިބޭނެކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. ޓްރީޓޮޕް ހޮސްޕިޓަލްގެ ސީއީއޯ ގްރާންޓް މަޑްލް ވިދާޅުވީ ހިތުގެ ބަލީގެ ފަރުވާއާއި ކެންސަރުބަލީގެ ބޭސް ފަރުވާއާއި ސަރޖަރީގެ ޚިދުމަތާއި، ކިޑްނީ ބަލިތަކާއި، އަޑުއިވުމާއި ފެނުމުގެ މައްސަލަތަކުގެ ފަރުވާ މި ހޮސްޕިޓަލުން ލިބެން ހުންނާނެ ކަމަށެވެ. އަދި ކުޑަކުދިންނާއި، އަންހެނުންގެ ޚާއްޞަ ބަލިތަކާއި، ރިހެބިލިޓޭޝަންގެ ފަރުވާވެސް ލިބެން ހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ކުއްލި ޙާލަތުގެ ފަރުވާތައްވެސް އެކަމުގެ ސްޕެޝަލިސްޓުންނާއެކު ލިބެން ހުންނާނެ ކަމަށާއި، އެގޮތުން ސީ އެމްބިއުލާންސްގެ އިތުރުން އެއަރ ރެސްކިއުގެ ޚިދުމަށްވެސް ދިނުމަށް މަސައްކަތް ކުރަމުންއަންކަމަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން އާސަންދައިގެ ޚިދުމަށްވެސް ލިބޭނެކަމަށް ގްރާންޓް ވިދާޅުވިއެވެ. އެގޮތުން އާސަންދައިގެ ޚިދުމަތް ދޭނެ އިންސައްތައާ ގުޅޭގޮތުން އާސަންދަ ކުންފުންޏާއެކު މަޝްވަރާތައް ކުރަމުން އަންނަކަމަށާއި، އިތުރު ޕްރައިވެޓް އިންޝުއަރެންސް ކުންފުނިތަކާއިއެކުވެސް މަޝްވަރާ ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

ޓްރީޓޮޕްގެ އަމާޒަކީ ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދުމަށް ދިވެހިން ކުރާ ޚަރަދު ކުޑަކޮށް، އަމިއްލަ ޤައުމުގައި ތިބެގެން ދުނިޔޭގެ ފެންވަރުގެ ޚިދުމަތް ފޯރުކޮށްދިނުންކަމަށް އެކުންފުނިން ބުނެއެވެ. މިއީ ސަރުކާރުން ރާއްޖޭގެ ޞިއްހީ ޚިދުމަތް ފުޅާކުރުމުގައިވެސް ކަނޑައަޅާފައި އެއް އަމާޒެވެ. ގްރާންޓް ވިދާޅުވީ ޓްރީޓޮޕުން މަސައްކަތްކުރަނީ ރައްކާތެރި ހިތްފަސޭހަ މާހުލެއްގައި ފަރުވާ ފޯރުކޮށްދިނުމަށްކަމަށެވެ.

ދުއިސައްތަ ދިހަ އެންދުގެ މި ހޮސްޕިޓަލްގެ ހިންގުން ހަވާލުކޮށްފައިވަނީ ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ނަން މަޝްހޫރު ހޮސްޕިޓަލްތައް ހިންގަމުން އަންނަ މެލޭޝިއާގެ ކުންފުންޏެއްކަމަށްވާ ރެމްސޭ ސިމް ޑާރބީއާއެވެ. ޓްރީޓޮޕް އިމާރާތްކޮށްފައިވަނީ އެކަމަޑޭޝަން އިންތިޒާމުތަކަށް ޙާއްސޞަކޮށްގެން ހަދާ އަށްބުރީގެ އިމާރާތަކާވެސް އެކުގައެވެ.

ރާއްޖޭގައި ދެވޭ ޞިއްޙީ ޚިދުމަތް ފުޅާކޮށް ތަރައްޤީކޮށް، ފެންވަރު މަތިކުރުމަށް ސަރުކާރުން ފުޅާދާއިރާއެއްގައި މަސައްކަތް ކުރިޔަށް ގެންދިއުމާއެކު، މިދާއިރާއިން ޕްރައިވެޓް ސެކްޓަރ ކުރިއެރުވުމަށް ސަރުކާރުން އަންނަނޯ ބޮޑު އެއްބާރުލުމެއް ދެމުންނެވެ.