ޚަބަރު

ޖެމްކިއުއަކީ ޕިރަމިޑް ސްކީމެއް، ސްކީމަށް ބައިވެރިން ހޯދުމުގައި ޝާމިލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ


  • މިފަދަ ޕިރަމިޑް ސްކީމްތަކުގައި އިންވެސްޓް ނުކުރުމަށްވަނީ އިލްތިމާސްކޮށްފައި

  • ޖެމްކިއު ސްކީމަކީ ސީއެމްޑީއޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ސްކީމެއް ނޫން

ޖެމްކިއު އިންވެސްޓްމެންޓް ސްކީމަކީ ޕިރަމިޑް ސްކީމެއްކަން ކަށަވަރުވެފައިވާ ކަމަށާއި އެސްކީމް ހިންގައި ޕްރޮމޯޓް ކުރާ މީހުންނަށް ޤާނޫނީ ފިޔަވަޅު އެޅުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިހެން ވިދާޅުވީ ޖީއެމްސީއީ ނުވަތަ ޖެމްކިއު އިންވެސްޓްމަންޓް ސްކީމާ ގުޅޭގޮތުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ދިވެހި ފުލުހުންގެ ޚިދުމަތުން ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ.

ޖީއެމްސީއީ ނުވަތަ ޖެމްކިއުގެ ނަމުގައި ވެބް އެޕްލިކޭޝަނެއް މެދުވެރިކޮށް ހިންގަމުން ގެންދާ އިންވެސްޓްމަންޓް ސްކީމަކީ އިންވެސްޓް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން އިންޓަރނެޓް މެދުވެރިކޮށް ހިންގާ އޮންލައިން ޕްލެޓްފޯމެކެވެ. މިޕްލެޓްފޯމުގައި ބައިވެރިވާ ފަރާތްތަކަށް ޔޫއެސްޑީޓީ ނަމަކަށް ކިޔާ ޑިޖިޓަލް ފައިސާ (ކްރިޕްޓޯކަރަންސީ) ބޭނުންކޮށްގެން އިންވެސްޓްކުރެވެއެވެ. އިންވެސްޓަރުންނަށް ކޮންމެ ދުވަހަކ،ު އެ ފަރާތެއްގެ އިންވެސްޓްމަންޓް ދަރަޖައަށް ބިނާކޮށ،ް ޕްލެޓްފޯމުގައިވާ ވަކި ބަޓަނަކަށް ފިތާލުމުން އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީގެ އެހީގައި ކްރިޕްޓޯ ގްރިޑް، ޓްރޭޑިންގ ކުރާކަމަށް ދައްކުވައިދެއެވެ. މިސްކީމުގައި އިންވެސްޓްކުރާ އެންމެ ދަށް އިންވެސްޓްމަންޓްގެ 2.5 އިންސައްތައިގެ ފައިދާ ލިބޭކަމަށް ދައްކުވައިދެއެވެ. އަދި މިސްކީމް ފަރުމާކޮށްފައިވަނީ އިންވެސްޓަރުގެ ދަރަޖަ މަތިވުމާއެކު މިނިސްބަތް އިތުރުވާ ގޮތަށެވެ.

މި ސްކީމާ ގުޅޭގޮތުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ދިވެހި ފުލުހުންގެ ޚިދުމަތުން ގުޅިގެން ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ އިންވެސްޓްމަންޓް ފަންޑު ރަޖިސްޓްރީކޮށް ހިންގުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިނ،ް މިފަދަ އިންވެސްޓްމަންޓް ސްކީމްތައް ހިންގަންވާނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ރަޖިސްޓްރީކޮށް ހުއްދަނަގައިގެންނެވެ. އެހެންނަމަވެސ،ް ޖީއެމްސީއީ ނުވަތަ ޖެމްކިއުގެ ނަމުގައި ހިންގާ ސްކީމަކީ ސީއެމްޑީއޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ސްކީމެއް ނޫންކަމަށާއި މި ސްކީމަކީ ގާނޫނީ ހަމަތަކުގެ ތެރެއިން ހިންގާ ސްކީމެއް ނޫންކަން އެނގޭކަމަށް އެ ބަޔާނުގައި ވިދާޅުވިއެވެ.

ބޭރު ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރި މަސައްކަތްތަކުގެ އަލީގައ،ި ޖެމްކިއުގެ ނަމުގައި ހިންގަމުންދާ ސްކީމަކީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއްކަން ކަށަވަރުވެފައިވާކަމަށް މިނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ. އަދި މިސްކީމުގައި އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިންގ ކުރާކަމަށް ދެއްކި ނަމަވެސ،ް އެއީ އޮޅުވާލުމެއްކަމަށްވެސް ނޫސް ބަޔާނުގައިވެއެވެ.

ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 319 ވަނަ މާއްދާގެ ދަށުނ،ް މިފަދަ ޕިރަމިޑް ސްކީމުގައި ބައިވެރިވުމުގެ ހައްގު ވިއްކާލުމަކީވެސް ގާނޫނީ ގޮތުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަމަލެއްކަން ފުލުހުން ފާހަގަކުރައްވައެވެ. ފުލުހުންނާއި ސީއެމްޑީއޭއިން ވަނީ ޓެކްނޮލޮޖީއާއެކު ތައާރަފުވަމުންދާ މިފަދަ ޕިރަމިޑް ސްކީމްތަކުގައި އިންވެސްޓް ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް ފަދަ އެންމެންނަށް ފަރިތަނޫން ބަސްތައް ބޭނުންކޮށްގެން އޮޅުވާލައިގެން ހިންގާ އިންވެސްޓްމަންޓް އެޕްލިކޭޝަންތައް އިންޓަރނެޓުގައި ގިނަވަމުންދާ ދުވަސްވަރެއްގައ،ި ރަނގަޅަށް ދިރާސާނުކޮށ،ް ބުރަ މަސައްކަތުން ރައްކާކޮށްފައިވާ ފައިސާ މިފަދަ ސްކީމްތަކުގައި އިންވެސްޓްކުރުމުގެ ސަބަބުނ،ް އިއާދަނުކުރެވޭފަދަ މާލީ ބޮޑެތި ގެއްލުންތަކާ އެތައް ބަޔަކަށް ކުރިމަތިލާންޖެހިފައިވާކަންވެސް އެ އިދާރާތަކުން ފާހަގަކުރައްވައެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއާއި ދިވެހި ފުލުހުންގެ ޚިދުމަތުން ގުޅިގެން މި މައްސަލަ ބޭރުގެ އެޖެންސީތަކުގެ އެހީތެރިކަމާއެކު ތަހުގީގު ކުރަމުންދާކަމަށް ގުޅިފައިވާ ނޫސްބަޔާނުގައިވެއެވެ. އަދި މި ސްކީމް ހިންގައ،ި ޕްރޮމޯޓްކޮށް އަދި އޭގައި ބައިވެރިވުމަށް މީހުން ހޯދުމުގައި ޝާމިލުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުން ގެންދާނެކަމަށްވެސް ނޫސްބަޔާނުގައި ވިދާޅުވިއެވެ.