އޭސީސީ މެންސް އީސްޓް ޒޯން ކަޕުގައި ވާދަކުރާ 16 އަހަރުންދަށުގެ ގައުމީ ކުރިކެޓު ޓީމާ ޖާރޒީ ހަވާލުކޮށްފިއެވެ.
މިމަހުގެ 20އިން އަންނަ ޖުލައި މަހުގެ 6 އަށް މެލޭޝިއާގެ ސެލަންގޯރގައި އޮންނަ މުބާރާތުގައި ވާދަކުރުމަށް ތައްޔާރުވަމުން އަންނަ ޓީމާ ޖާރޒީހަވާލުކޮށްފައި ވަނީ ޝީ ބިލްޑިންގުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގެ ތެރެއިންނެވެ.
މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ކުޅުންތެރިންނަށް ޖާރޒީ ހަވާލުކޮށްދެއްވާފައިވަނީ ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއުއެވެ. ވަޒީރު ރާފިއުގެ އިތުރުން މިރަސްމިއްޔާތުގައި ކުރިކެޓު ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހަންމަދު ފައިސަލްގެ އާއި އެބޯޑުގެ ނައިބު ރައީސް އަހުމަދު އިސްހާޤުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން 16 އަހަރުންދަށުގެ ގައުމީ ކުރިކެޓު ޓީމުގެ އޮފިޝަލުންނާ އެތުލީޓުންގެ ބެލެނިވެރިންވެސް ބައިވެރިވެފައިވެއެވެ.
މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވަޒީރުވަނީ ޓީމަށް ހިތްވަރުދެއްވާފައެވެ. ވަޒީރު ވިދާޅުވީ އުމުރުން ހަގު ކުޅުންތެރިންތަކެއް ނަމަވެސް މިކުދިންނަކީ ހުއްޓުމެއްނެތި ކުރިކެޓުގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުން އަންނަ ކުދިންތަކެއްކަމަށެވެ. އެހެންކަމުން މިއީ ވަރަށް ޚާއްސަ ޓީމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން ކުރިކެޓު އިތުރު ހަރުފަތަކަށް ގެންދިއުމަށް ސީބީއެމްއިން ކުރަމުންދާ މަސައްކަތްވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
"ކުރިކެޓު ބޯޑުން ކުރާ މިންނެތް މަސައްކަތް އެމަސައްކަތް އެކުރައްވަމުން ގެންދަވަނީ ދިވެހިރާއްޖޭގެ ކުރިކެޓު އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި" ވަޒީރު ވިދާޅުވެފަވެއެވެ.
މިމުބާރާތުގައި ރާއްޖެ ހިމެނޭހެން އިތުރު ނުވަ ޓީމަކުން ވާދަކުރާނެއެވެ. މުބާރާތުގައި ވާދަކުރާނެ ގައުމުތަކަކީ އަލަށް ކުރިކެޓުގެ ތެރެއަށް ތައާރަފްވަމުން އަންނަ ޖޫނިއަރ ލެވެލްގެ ގައުމުތައްކަމަށް ކުރިކެޓު ބޯޑުންވަނީ މައުލޫމާތުދީފައެވެ.
މިމުބާރާތުގައި ރާއްޖެއިން ވާދަކުރާ ޓީމަކީ އުމުރުގެ ގޮތުން ވަރަށް ހަގު ޓީމެކެވެ. މީގެ ހައެއްކަ މަސްކުރިން މުބާރާތަށް ފަތިތަކުރުންތަށް ފަށާފަވާއިރު، ޓީމުގެ ކޯޗު ފާއިޒު ބުނެފައި ވަނީ ކުރިކެޓު ކުރިއަރާނީ ޖޫނިއާ ގައުމީ ކުރިކެޓު ޓީމަށް ފުރުސަތުތަކެއް ފަހިކޮށްދެވިގެންކަމަށާ، ބައިނަލްއަޤްވާމީ ފެންވަރުގައި އެކި ގައުމުތަކާ ވާދަކޮށްލަން މިކުދިންނަށް ލިބުމަކީ ކުރިކެޓު ތަރައްގީވުމަށް ލިބިގެންދާނެ މުހިންމު ތަޖުރިބާއަކަށްވާނެކަމަށް ގަބޫލުކުރާކަމަށެވެ.
އޭސީސީ މެންސް އީސްޓް ޒޯން ކަޕުގައި ވާދަކުރާ 16 އަހަރުންދަށުގެ ގައުމީ ކުރިކެޓު ޓީމް ފުރުމަށް ހަމަޖެހިފައިވަނީ ހޯމަދުވަހުގެ ހަވީރެވެ.
އެންމެ ފަހުން ބޭއްވި އޭސީސީ މެންސް 16 އަހަރުންދަށުގެ އީސްޓް ޒޯން ކަޕުގެ ޗެމްޕިއަންކަން މެލޭޝިއާ ބަލިކުރުމަށްފަހު ހޯދާފައިވަނީ ނޭޕާލުންނެވެ. މިމުބާރާތުގެ 2019 ވަނަ އަހަރުގެ ތަށި އުފުލާލާފައި ވަނީވެސް ނޭޕާލުގެ ޓީމުންނެވެ.