ޚަބަރު

49 ރަށެއްގެ ނަރުދަމާ، 23 ރަށެއްގެ ފެނުގެ ނިޒާމް ނިންމަނީ


ސަރުކާރުގެ އަމާޒަކީ މި ފަސްއަހަރު ދުވަސް ނިމިގެންދާއިރު، ރާއްޖޭގައި ފެނާއި ނަރުދަމާގެ ނިޒާމް އާބާދީގެ ހަތްދިހަ ފަސް އިންސައްތައަށް ޤާއިމްކޮށްދިނުމެވެ. މި އަމާޒަށް ވާޞިލްވުމަށްޓަކައި ސަރުކާރުން، އެކި ގޮތްގޮތަށް މާލީ އިންތިޒާމްތައް ހަމަޖައްސަވައިގެން، ފެނާއި ނަރުދަމާގެ އެތައް މަޝްރޫޢެއް ހިންގަމުން އެބަގެންދެއެވެ. އެގޮތުން ސަރުކާރުގެ މި ވޭތުވެދިޔަ 3 އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ 17 ރަށެއްގައި ފެނުގެ ނިޒާމު އަދި 18 ރަށެއްގައި ނަރުދަމާގެ ނިޒާމު ޤާއިމްކޮށް ނިންމައި އޭގެ ބޭނުން ރައްޔިތުންދަނީ ކުރަމުންނެވެ. އަދި މިއަހަރު 26 ރަށެއްގައި ފެނުގެ ނިޒާމާއި 47 ރަށެއްގެ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް އެކި މަރުޙަލާތަކުގައި މިހާރުވެސް ކުރިއަށް އެބަގެންދެއެވެ.

އެންވަޔަރމަންޓް މިނިސްޓަރ ތޯރިޤް އިބްރާހިމް ވިދާޅުވީ ފެނާއި ނަރުދަމާގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މެދުނުކެނޑި ސާފުބޯފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ސަރުކާރުން ފަށާފައިވާ މަސައްކަތަށް  ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށެވެ.

ރައީސް ޔާމީންގެ އަމާޒަކީ އެމަނިކުފާނުގެ ފުރަތަމަ ދައުރު ނިމުމުގެ ކުރިން ރާއްޖޭގެ އާބާދީގެ 75 ޕަސެންޓް މީހުންނަށް ނަރުދަމާގެ ޚިދުމަތާއި ފެނުގެ ނިޒާމުގެ ޚިދުމަތް ޤާއިމުކޮށްދިނުމަށެވެ. މިކަން ކުރުމަށް ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބެމުން އަންނަކަމަށް އެންވައިރަންމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ.

ފެނާއި ނަރުދަމާގެ ޤައުމީ ސިޔާސަތުގެ އެންމެބޮޑު މަޤްޞަދަކީ ރައްކާތެރި ފެނާއި އެކަށީގެންވާ ނަރުދަމާގެ ޚިދުމަތް ރައްޔިތުންނަށް ކަށަވަރުކޮށްދިނުމާއި ފެނާއި ނަރުދަމާގެ ނިޒާމު ތަރައްޤީކުރުމުގައި ތިމާވެށްޓާ ރަށްޓެހި، ޚަރަދުކުޑަ ޓެކްނޮލޮޖީ ބޭނުންކުރުމާއި ފެނާއި ނަރުދަމާގެ ޚިދުމަތާބެހޭ ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުން. އެއާއެކު އެ ދާއިރާ ތަރައްޤީކުރުމުގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމަށް ތަރުޙީބު ދިނުމާއި ފެނާއި ނަރުދަމާގެ ދާއިރާއާ ގުޅުން ހުރި މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ލިބިދިނުމާއި ދާއިރާއާ ގުޅުން ހުރި ދިރާސާތަކަށް މަގުފަހިކޮށްދިނުމާއި އަދި ފެނުގެ ވަޞީލަތްތައް ރައްކާތްތެރިކޮށް ޙިމާޔަތްކުރުން ހިމެނެއެވެ.