ޚަބަރު

ރާއްޖޭގެ ގިނަ ރަށްތަކެއްގައި އުޟުޙިޔާ ކަތިލައިފި


1438 ވަނަ އަހަރުގެ އަޟްޙާ އީދު ނަމާދަށްފަހު އުޟްޙިޔާ ކަތިލައިފިއެވެ. މާލޭގައި އެންމެ ގިނައިން އުޟްޙިޔާ ކަތިލުން ކުރިއަށް ގެންގޮސްފައިވަނީ އިންޑަސްޓްރިއަލް ވިލެޖްގައެވެ.

އުޟްޙިޔާ ކަތިލުމަކީ الله އަށް ކުއްތަންވުމުގެ ގޮތުން ޢީދުގެ ދުވަސްތަކުގެ ތެރޭގައި ނަޢަމް ޞޫފީގެ ތެރެއިން ޖަނަވާރެއް ކަތިލުމެވެ. މިއީ އިސްލާމީ ޝިޢާރުތަކުގެ ތެރޭގައި ހިމެނޭ ކަމެއް. މިކަން ކީރިތި ޤުރްއާނުންނާއި ސުންނަތުން އަދި ދަންނަބޭކަލުންގެ އިޖްމާޢިން އެކަން ޘާބިތުވެއެވެ.

ރާއްޖޭގައި އުޟްޙިޔާ ކަތިލުމަށް ދެމުން އަންނަ ސަމާލުކަން އިތުރުވަމުން އަންނައިރު، މިކަން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުރިއަށް ގެންދެއެވެ. އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސުން އިސްނަގައިގެން ކުރިއަށްގެންދިޔަ އުޟްޙިޔާ ކަތިލުމުގައި، މިއަހަރު 75 ބަކަރި ކަތިލާފައިވެއެވެ. އަގީގާ އެމްވީ އާއި ގުޅިގެން ކުރިއަށްގެންދިޔަ މި ޙަރަކާތް އޮތީ އިންޑްސްޓްރިއަލް ވިލެޖްގައެވެ. އެތަނަށް ގިނަ އަދަދެއްގެ އާއްމުން ޖަމާވިއެވެ.

img:http://s4.psmnews.mv/images/660x400/15042631379675.jpg|

މީޑިއާއަށް މައުލޫމާތުދެއްވަމުން، އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސްގެ އަންހެނުންގެ ގޮފީގެ ރައީސާ އާމިނަތު ޙަބީބާ ވިދާޅުވީ، އުޟްހީޔާ ކަތިލުމަށް ޢާއްމުންގެ ބޮޑު ތަރުޙީބެއް ލިބިފައިވާކަމަށެވެ. އަދި މިއަހަރު ގެނައި ބަކަރިތައް އީދުކުރިން ވިކި ހުސްވެފައިވާއިރު މިއަހަރުގެ ޑިމާންޑަށް ބަލައި އަންނަ އަހަރު އިތުރަށް ބަކަރި ގެނައުމުގެ މަސައްކަތް ކުރާނެކަމަށެވެ.

އިސްމާލިކް ފައުންޑޭޝަނުގެ އިތުރުން ބައެއް ޢާއްމުންވެސް އުޟްޙިޔާ ކަތިލުމުގެ ކަންކަން އަމިއްލައަށް ކުރިއަށް ގެންގޮސްފައިވެއެވެ. އިސްލާމިކް ފައުންޑޭޝަނުން އުޟްހިޔާ ކަތިމުގެ އިންތިޒާމް ކުރިއަށް ގެންދާތާ މިއީ ފަސްވަނަ އަހަރެވެ.