ޚަބަރު

ތުރުކީ ދަތުރުފުޅަށްފަހު، ފޮރިން މިނިސްޓަރ ރާއްޖެ ވަޑައިގެންފި


ތުރުކީއަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޚާރިޖީ ވަޒީރު ޑރ.މުހައްމަދު އާސިމް ރާއްޖެ ވަޑައިގެންފިއެވެ.

ދެދުވަހުގެ މި ދަތުރުފުޅުގައި ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ގުޅުން ބަދަހިކުރުމާއި، ދެ ޤައުމުން އެކުގައި މަސައްކަތްކުރުމާބެހޭ ދެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވެއެވެ. މިއެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ރާއްޖޭގެ ހާރިޖީ ވަޒީރު ޑރ. މުހައްމަދު އާސިމާއި އެޤައުމުގެ ޚާރިޖީ ވަޒީރު މެވްލުތް ޝަވުޝޫލޫ ބޭއްވި ބައްދަލްވުމަށްފަހުއެވެ. މިގޮތުން ރާއްޖެއާ ތުރުކީ ވިލާތުގެ ސަރުކާރުން ސޮއިކުރެއްވި އެއްބަސްވުންތަކަކަކީ ޚާރިޖީ ވުޒާރާތަކުން ގުޅިގެން މަސައްކަތްކުރުމާ، އަރުޝީފް ހިއްސާކުރުމުގެ އެބަސްވުމެކެވެ.

މިއެއްބަސްވުންތަކާ ބެހޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން، ދެ ޤައުމުގެ ޚާރިޖީ ވަޒީރުން ވިދާޅުވީ، މި އެއްބަސްވުންތަކުގެ ސަބަބުން ދެޤައުމުގެ ދާޚިލީ ގުޅުން އިތުރަށް ފުޅާވެގެންދާނެކަމަށެވެ.

މިނިސްޓަރގެ މި ދަތުރުފުޅުގައި ތުރުކީގެ ޚާރިޖީ ވަޒީރު މެވްލުތް ޝަވުޝޫލޫއާ އެކު ބޭއްވެވި ބައްދަލުވުންތަކުގައި، ވިޔަފާރިއާއި އިޤްތިޞާދުގެ އިތުރުން ފަތުރުވެރިކަމާއި އިންސާނީ ވަޞީލަތް ހަރުދަނާކުރުމާގުޅޭ މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވެއެވެ.

ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި ޑރ.އާސިމް ވަނީ އެޤައުމުގެ ޑިޕްލޮމެޓިކް އެކެޑަމީގެ އިސްވެރިޔާ މެސުތް އޯޒްކަން އާއިވެސް ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި ދެބޭފުޅުންވަނީ ޑިޕްލޮމޭޓުން ތަމްރީނުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.