ޚަބަރު

ޢީދުގައި އެއްބައިވަންތަވެ އެގޮތުގައި ދެމިތިބުމަށް ގޮވާލައްވައިފި


މުޅި އިސްލާމީ އުންމަތުން، މިއަދު މުސްލިމުންގެ އެންމެ ބޮޑު ޢީދު ފާހަގަކުރަމުން އެބަދެއެވެ.

މިއަދުގެ ޢީދު ނަމާދު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޮޑު ޖަމާޢަތުގައި ވަނީ ކޮށްފައެވެ. މިއަދުގެ ޢީދު ނަމާދުގެ ޚުޠުބާގައި، އިމާމް ވަނީ، ޙައްޖާއި ޢީދު ޝަރުޢުކުރެއްވީ މިއުންމަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށާއި ސުލްޙަ މަސަލަސްކަން ޤާއިމުކުރެއްވުމަށްކަން ބަޔާންކުރައްވައި، ޢީދުގައި އެއްބައިވަންތަވެ އެގޮތުގައި ދެމިތިބުމަށް ގޮވާލައްވާފައެވެ.

މުސްލިމް އުންމަތުން ފާހަގަކުރަނީ ދެ ޢީދެވެ. އެއީ ރަމަޟާން މަހުގެ ރޯދަހިފުމާ ގުޅިގެން ފާހަގަކުރާ ފިޠުރު ޢީދާއި ޙައްޖުގެ މަތިވެރިއަޅުކަން އަދާކުރުމާ ގުޅިގެން ފާހަގަކުރާ އަޟްޙާ ޢީދެވެ. މިއިން ކޮންމެ ޢީދެއްވެސް ފެށެނީ މުސްލިމް ޖަމާޢަތްތައް އެއްތަނަކަށް ޙާޟިރުވެ ޢީދުގެ ތަކުބީރު ކިޔައި ނަމާދުކޮށް، ޙަމްދުކޮށް، ނަސޭޙަތުގެ ޚުޠުބާ އަޑުއަހައި އެންމެންމެ ސަލާންގަލާންކޮށް ހިތްހެޔޮކޮށް، ހިތްހެޔޮކަން ފާޅުރުކުމަށްފަހު، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ޝުޢޫރު ފާޅުކުރުމަށްފަހުގައެވެ.

މާލެއާއި އަތޮޅުތަކުގެ ބޮޑެތި ޖަމާޢަތްތަކުގެ އިތުރުން މިސްކިތްތަކުގެ ޖަމާޢަތްތަކުގައި މިއަދުކުރި ޢީދުނަމާދުގައި އިއްވި ޚުޠުބާގައިވަނީ، ޙައްޖުގެ މަރިވެރި އަޅުކަމާ ގުޅިގެން އަންނަ މި އަޟްޙާ ޢީދާއި ޙައްޖަކީ އަނެކާގެ ޙަޔާތަށް ޙުރުމަތްތެރިކޮށް ހިތުމާއި އެކަކު އަނެކަކަށް ޢަދާވާތްތެރި ނުވުމުގެ ތަމްރީނުދޭ ދުވަސްތަކެއްކަން ބަޔާންކުރައްވާފައެވެ. އަދި އަނެކުންގެ ހައްޤުތަކާއި މިނިވަންކަމަށް އަރައިނުގަތުމަކީ މި ދުވަސްތަކުގައި މުސްލިމުންނަށް ލިބޭ ތަރުބިއްޔަތެއްގެގޮތުގައި ސިފަކުރައްވާފައިވެއެވެ. މީގެ އިތުރުން ޢީދުޚުޠުބާގައި ބަޔާންކުރައްވާފައިވާގޮތުގައި ޢީދަށް ޢީދޭކިއުނީ ކޮންމެ އަހަރަކުވެސް އާ އުފާތަކަކާއެކު އަޅުގަނޑުމެންގެ ގާތަށް މިދުވަސްތައް އަންނާތީއެވެ. އިސްލާމީ ޢީދުތަކުގައި އުފާވެރިކަމާއި މުނިފޫހިފިލުވުން އޮންނަނީ، މީސްތަކުންގެ ހިތްތަކުގެ ސާފުކަމުންނާއި މޫނުތަކުގެ އުފާވެރިކަމުންކަމަށް ޚުޠުބާގައި ބަޔާންކުރައްވާފައިވެއެވެ. އަދި އެފުފާވެރިކަން ހިމެނެނީ އެކަނިވެރިޔާގެ އެކަނިވެރިކަން ފިލުވައިދީގެންނާއި، ފަޤީރުމީހާގެ މުހުތާދުތައް ފުއްދައިދީގެންނާއި، ނިކަމެތިމީހާ ބާރުވެރިކޮށްދީގެންކަމަށްވެސް ޚުޠުބާގައިވަނީ ބަޔާންކުރައްވާފައެވެ.

img:http://s4.psmnews.mv/images/660x400/15042501501560.jpg|މާލޭގައި ބޮޑު ޖަމާޢަތުގައި ކުރެވުނު ޢީދު ނަމާދުގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

"އިސްލާމްދީނުގައި ޢީދަކީ ޝަހުވަތުގެ ފަހަތުން ދުއްވައިގަތުމެއްނޫން. އެއީ ކާބޯތަކެތިން ބަނޑު ފުރާލުމެއްވެސްނޫން. އެއީ ﷲ ގެ ޙައްދުތައް ފަހަނައަޅައި ދިއުމެއްވެސް ނޫން. އިސްލާމީ ޢީދުތައް އަންނަނީ ﷲ އަށް އަދާކުރަންޖެހޭ މުހިންމު އަޅުކަންތަކާ ގުޅިގެން. އެހެންކަމުން އިސްލާމީ ޢީދުތަކަކީ ﷲ އަށް ކިޔަމަންގަތުމުގެ މަތީގައިވާ މުނާސަބަތުތަކެއް." ޚުތުބާގައި ބަޔާން ކުރައްވާފައިވެއެވެ.

ނަޞާރާއީންނާއި ޔަހޫދީންނާއި އެމީހުންގެ ފަހަތުން އެނބުރޭ މީހުން އިސްލާމްދީނާ ދެކޮޅަށް ކުރާ އެކިއެކި ކަންކަމާއި، އެމީހުންގެ ބާރުގެ ދަށުގައިވާ ޚަބަރުފަތުރާ ވަޞީލަތްތައް މެދުވެރިކޮށް އިސްލާމްދީނަށް ކުރާ ފުރައްސާރައާއި، ޖެއްސުމުގެ ޢަމަލުތަކަކީ އެމީހުންގެ ހިތްތަކުގައި މިމާތް ދީނާމެދު އޮންނަ ޙަސަދަވެރިކަމުގެ ނަތީޖާކަން ބަޔާންކުރައްވައި މިއަދުގެ ޚުޠުބާގައިވަނީ މުސްލިމު އުންމަތަށް ނަޞޭޙަތްދެއްވާފައި. އެގޮތުން މާތްﷲ އެންގެވި ގޮތުގެމަތީ އެކަލާނގެ އިންތަކުގެ ތެރޭގައި އުޅުމަށް ގޮވާލައްވާފައިވެއެވެ.

އިސްލާމީ އުންމަތުގެ ދުޝްމަނުންގެ މައްޗަށް މިއުންމަތް ހޯދާފައިވާ ކޮންމެ ކަމިޔާބެއްގެ އަސްލަކީ އުންމަތުގެ އެއްބައިވަންތަކަންކަން މިއަދުގެ ޚުޠުބާގައި ބަޔާންކުރެއްވިއެވެ.

"މި ޢިއްޒަތާއި ޤަދަރު ޙާޞިލްކުރެވޭނީ އަޅުގަނޑުމެންގެ އެއްބައިވަންތަކަން ހަރުދަނާކޮށްގެން . އަޅުގަނޑުމެން ބައިބައިނުވެ އުންމަތުގެ މަޞްލަޙަތުތައް ޙާޞިލްކުރުމަށްޓަކައި އެއްގަލަކަށް އަރައިގެން. މުސްލިމުންނަށް ލިބިފައިވާ ކާމިޔާބުތަކުގެ ސަބަބަކަށް ވެފައިވަނީ އެމީހުންގެ އެއްބައިވަންތަކަން. އެމީހުންނަށް ލިބިފައިވާ ނާކާމިޔާބުތަކުގެ ސަބަބަކަށް ވެފައިވަނީ އެމީހުންގެ ބައިބައިވުން." ޚުތުބާގައި ބަޔާން ކުރައްވާފައިވެއެވެ.

މާތްﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ޢަދަދުނުކުރެވޭހާ ގިނަ ނިޢުމަތްތަކަށް ޝުކުރުކޮށް މިއަދު ޒިކުރުކުރުމާއި ތަކުބީރުކިއުން ގިނަކުރުމަށް ޢީދުޚުޠުބާގައިވަނީ ގޮވާލައްވާފައެވެ.