ދީން

ޙައްޖުވުމަށް 2 މިލިއަނަށްވުރެ ގިނަ މީހުން މައްކާގައި


މިއަދަކީ މަތިވެރިވެގެންވާ ޙައްޖު ދުވަހެވެ.

ޙައްޖު ދުވަހަކީ، ޙައްޖުވެރިން، ޢަރަފާތުގައި ތިބޭ ދުވަހެވެ. މި ދުވަހަށް ޢަރަފާތު ދުވަހޭވެސް ކިޔައެވެ. މާތް ﷲ މާތްކުރެއްވި ޙައްޖު ދުވަހަކީ ކޮންމެ ހިޖުރީ އަހަރެއްގެ ޛުލްޙިއްޖާ މަހުގެ ނުވަވަނަ ދުވަހެވެ. މި ދުވަހަކީ ޙައްޖާޖީން ޢަރަފާތު ބިމުގައި ތިބޭ ދުވަހެވެ. ޙައްޖު ލިބެނީ ޛުލްޙިއްޖާ މަހުގެ ނުވަވަނަ ދުވަހުގެ ދުވާލު ވަގުތު ޢަރަފާތު ބިމަށް ވަދެވުނު މީހާއަށެވެ. އެ ނޫން މީހަކަށް ޙައްޖެއް ނުލިބޭނެއެވެ.

ކޮންމެ އަހަރަކުވެސް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރަން މާތްވެގެން މައްކާއަށް ޖަމާވާ އެންމެން ޢަރަފާތު ބިމަށް ޙާޟިރުވެއެވެ. އަދި އެ ބިމުގައި ހޭދަކުރާ ވަގުތަކީ އެމީހަކަށް ކުރެވިފައިވާ ކުށްފާފަތައް ފުއްސެވުން އެދި އަދި ﷲ ގެ ރުއްސެވުން އެދި ދުޢާކުރާ ވަގުތުތަކެއް. ނަމާދުކުރާ ވަގުތުތަކެކެވެ.

ޙައްޖަކީ އެންމެމާތް އަޅުކަމުގެ ތެރެއިން ހިމެނޭ، އަދި الله އާކުއްތަންވުމުގެގޮތުން އަދާކުރެވޭ މަތިވެރިއަޅުކަމެކެވެ. އެއީއިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން އެއްރުކުނެވެ. ކުޅަދާނަވެގެންވާމީހާ އުމުރުން އެއްފަހަރު ހައްޖުނުވެ، އޭނާގެ އިސްލާމްކަން ފުރިހަމައެއްނުވާނެއެވެ. ޝަރުޢުގައި ޙައްޖަކީ ވަކިދުވަސްވަރެއްގައި، ވަކިގޮތްތަކެއްގެ މަތީން، އަދާކުރެވޭ އަޅުކަމެއް އަދާކުރުމަށްޓަކައި، ކަޢުބަތުﷲ ގެފުޅުގެ އަރިހަށްގޮސް، ގެފުޅުވަށައިގެން ޠަވާފުކުރުމާއި ޞަފާފަރުބަދައާއި މަރްވާ ފަރުބަދައާދެމެދު ސަޢުޔުކުރުމާއި ޙައްޖުމަހުގެ 9 ވަނަދުވަހު ޢަރަފާތުބިމުގައި މަޑުކުރުމާއި ޙައްޖުމަހުގެ 9 ވަނަ ދުވަހުގެ ރޭ މުޒްދަލިފާގައި މަޣުރިބް ނަމާދާއި ޢިޝާ ނަމާދަށްފަހު އެތާނގައި ވަގުތުހޭދަކޮށް، އެއަށްފަހު މިނާ ގައި އެރޭގެ މެންދަމުގެ ބައެއްގައި ވަގުތު ހޭދަކުރުން ހިމެނޭ އަޅުކަމެކެވެ.

ޙައްޖު ދުވަހަކީ އެ އަހަރަކު ޙައްޖަށް ނުގޮސް ތިބި މީހުންނަށްވެސް މަތިވެރި ދުވަހެކެވެ. އެ ދުވަހުގެ ރޯދައަކީ ޘަވާބު އިތުރުވެގެންވާ ސުންނަތްކަން ގަދަވެގެން ރޯދައެކެވެ. ދިވެހިރާއްޖޭގައި މިއަދު އެތައްހާސް ބަޔަކު ތިބީ ރޯދައަށެވެ.

ދިވެހިރާއްޖެއިން މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އެއްހާހަށްވުރެ ގިނަ މީހުން ވަނީ މައްކާއަށް ގޮސްފައެވެ. މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ދެ މިލިއަނަށްވުރެ ގިނަ މީހުން މިއަހަރު މައްކާއަށް ގޮސްފައިވެއެވެ.