ޚަބަރު

ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރުން ވަގުތީގޮތުން މާލެއަށް!


ހައިކޯޓްގެ ދެކުނު ގޮތްޕަށް އައްޔަންކުރި ފަނޑިޔާރުން ވަގުތީ ގޮތުން މާލޭގައި ހުންނަ ހައިކޯޓަށް ބަދަލުކުރުމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ. 

ސުޕްރީމް ކޯޓުން މިއަދު ނެރުނު ކޯޓް އަމުރެއްގައި ވަނީ، މާލޭގައި ޤާއިމުވެފައި ހުންނަ ހައިކޯޓަށް ހުށައެޅިފައިވާ މައްސަލަތައް ނުނިމި ގިނަ ދުވަސްވަމުންދާތީ، ހައިކޯޓްގެ ދެކުނު ގޮފީގެ މަސައްކަތްތައް ނުހުއްޓޭގޮތަށް، ހައިކޯޓްގެ ދެކުނު ގޮތްޕަށް ޢައްޔަންކުރި 3 ފަނޑިޔާރުން ސެޕްޓެމްބަރ 5 ވަނަ ދުވަހުން ފެށިގެން 3 މަސް ދުވަހަށް މާލޭގައި ޤާއިމުވެފައި ހުންނަ ހައިކޯޓަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށެވެ. 

ސުޕްރީމް ކޯޓްގެ ކޯޓްގެ އަމުރުގައިވަނީ ހައިކޯޓަށް ހުށައެޅިފައިވާ މައްސަލަތަކުގެ ތެރެއިން 500 އަށްވުގެ ގިނަ މައްސަލަ ނުނިމިވާކަން ފާހަކުރެވިފައިވާކަމަށާއި، މީގެތެރެއިން ގިނަ މައްސަލަތަކަކީ، ޝަރުޢީ ކޯޓްތަކަށް ހުށައެޅޭ މައްސަލަތައް ނިންމުމަށް އެކަށީގެންވާ މުއްދަތެއްކަމަށް ކަނޑައަޅާފައިވާ 6 މަސްދުވަހަށްވުރެ ގިނަދުވަސްވެފައިވާ މައްސަލަތައްކަމަށެވެ. އެހެންކަމުން އެކަށީގެންވާ އަވަސްމިނެއްގެ ޢަދުލު އިންސާފަށް ވާސިލުވުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން އެމައްސަލަތައް ނިންމުން އަވަސްކުރުމަށްޓަކައި، ހައިކޯޓްގެ ދެކުނު ގޮފީގެ މަސައްކަތްތައް ނުހުއްޓޭނެހެން އެގޮފީގެ ފަނޑިޔާރުން މާލެއަށް ބަދަލުކުރުމަށް ނިންމީކަމަށެވެ. 

ހައިކޯޓްގެ ފަނޑިޔާރުންގެ ތެރެއިން ދެކުނު ގޮތްޕަށް ބަދަލުކޮށްފައިވަނީ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދާއި، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާއާއި، ފަނޑިޔާރު ޝުޖާޢު ޢުޘްމާނެވެ.

ކޯޓްތަކާބެހޭ ޤާނޫނަށް ގެނައި އިޞްލާޙްގެ ދަށުން ހައިކޯޓްގައި 11 ފަނޑިޔާރުން ތިއްބަވަންޖެހެއެވެ. އެހެންނަމަވެސް ހައިކޯޓްގައި ކުރިން ތިއްބަވާ 9 ފަނޑިޔާރުންގެ ތެރެއިން 2 ފަޑިޔާރުން ރިޓަޔަރ ކުރެއްވުމާ ގުޅިގެން މިހާރު ހައިކޯޓްގައި ތިއްބެވީ ޖުމްލަ 7 ފަނޑިޔާރުންނެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުން ދާދިފަހުން ވަނީ ހައިކޯޓަށް 4 ފަނޑިޔާރުން ހޯދުމަށް އިޢުލާންކޮށްފައެވެ.