ސިޔާސީ

ޕީޕީއެމްއަށް ޤައުމުގެ މެޖޯރިޓީ އޮތްކަން ދައްކުވައިދޭނަން- ފަލާހް


އިލެކްޝަންސް ކޮމިޝަނުން ބައި-އިލެކްޝަން އިޢުލާންކޮށްފައިވާ ދާއިރާތައް ޕީޕީއެމުން ކާމިޔާބުކޮށް ޤައުމުގެ މެޖޯރިޓީ އޮތްގޮތް ދައްކުވައިދޭނެކަމަށް ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ނާއިބު ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޕީޕީއެމްގެ ރުމާލު ދޭއް ޖަގަހާގައި ބޭއްވި އެޕާޓިގެ ހަރަކާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޕީޕީއެމްގެ މުސަތަޝާރު، އަދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ބައިވެރިވެ ވަޑައިގެންނެވި މި ޖަލްސާގައި ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ނާއިބު ލީޑަރު ފަލާޙް ވަނީ އިދިކޮޅު ސިޔާސީ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ ތަރައްޤީއަށް ބޮޑެތި މަސައްކަތްތަކެއް ބަޖެޓްކޮށްފައި ނުވާކަމަށް ވިދާޅުވިއެވެ. އޭނާ ވަނީ ރައީސް ޔާމީންގެ ސަރުކާރުން ގެންނަވާ ތަރައްޤީއަށް ތަފްސީލްކޮށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވާފައެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވޯޓު ނަގަން މަސައްކަތްކުރަނީ، އިދިކޮޅު ފަރާތްތަކުގެ ވިޔަފާރީގެ މަސްލަހަތަށްޓަކައިކަމަށް ފަލާޙް ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަދެއްކެވި ގިނަ މެންބަރުންވެސް ވަނީ ބައި-އިލެކްޝަން ޕީޕީއެމުން ކާމިޔާބު ކުރާނެކަމަށް ވިދާޅުވެފައެވެ. އެ މެންބަރުން ވިދާޅުވީ، ޕީޕީއެމް ދޫކޮށް ދިޔަ މެންބަރުންނަކީ މާކުރިން އިތުބާރު ގެއްލިފައިވާ މެންބަރުންތަކެއްކަމަށެވެ. މެންބަރުން ވިދާޅުވީ، މަޖިލީހުގެ ތެރެއިން ފެންނަނީ ރާއްޖޭގެ މިނިވަންކަން ނަގާލުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރާ ތަންކަމަށެވެ.

މި ޖަލްސާގައި ވާހަކަ ދެއްކި މެންބަރުން ވިދާޅުވީ ރާއްޖޭގެ އަދުލްއިންސާފްގެ ނިޒާމަކީ ހަސަބާއި ނަސަބަކަށް ބެލުމެއްނެތި ރައްޔިތުންނާއި ޤައުމުގެ ޙައްގުގައި މަސައްކަތްކުރާ މިނިވަން މުސްތަޤިއްލު ނިޒާމެއްކަން ހާމަވެގެންދާކަމަށެވެ.