ކުޅިވަރު

އަޝްފާޤު އައުމުން ކޯޗަށްވެސް ބޮޑު ހިތްހަމަޖެހުމެއް


އަލީ އަޝްފާގް ޤައުމީ ޓީމްގައި އަލުން ހިމެނުމަކީ ކިންގެއް އައުންދަފަ ކަމެއްކަމަށް ކޯޗް ޑަރެން ސްޓެވާޓް ބުނެފިއެވެ.

 އޭޝިއަންކަޕް ކޮލިފައިން ގުރޫޕް ސްޓޭޖްގައި އޮމާނާ ވާދަކުރާ މެޗަށް އެންމެ ފުރަތަމަ އެފްއޭއެމްއިން އެކުލަވާލި ސްކޮޑްގައި އަޝްފާގް ހިމަނާފައެއް ނުވެއެވެ. ނަމަވެސް އަޝްފާގްގެ މެޑިކަލް ޓެސްޓް ތަކަށްފަހު އަޝްފާގު ގައުމީ ޓީމްގައި ހިމަނާ، އަނިޔާގައި ހުރި އަސަދުﷲ އަބްދުﷲ ވަނީ ބާކީކޮށްފައެވެ. ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗް ޑަރެން ސްޓެވާޓް ބުނީ ޓީމްގައި ހިމެނުމަށް އަސަދުﷲ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރިކަމަށާއި، ނަމަވެސް އަނިޔާގެ ސަބަބުން އަސަދުﷲއަށް ނުދެވުނީކަމަށެވެ. ކޯޗް ޑަރެން ސްޓެވާޓް ބުނީ ކޯޗިންގައި ފާއިތުވެގެންދިޔަ ވިހި އަހަރުގެ ތެރޭގައި އަޝްފާގު ވަރުގެ ކުޅުންތެރިއަކަށް މިހާތަނަށް ކޯޗު ކޮށްދީފައިނުވާކަމަށެވެ. އޭޝިއަން ކަޕް ކޮލިފައިންގައި އޮމާނާ ރާއްޖެ ވާދަކުރާ މެޗްގެ ކުރިން ބޭއްވި ފަރިތަކުރުންތަކުގައިވެސް އަލީ އަޝްފާގުގެ މުހިންމުކަން ވަރަށް ބޮޑަށް އެނގިގެންދިޔަ ކަމަށްވެސް ކޯޗް ފާހަގަކޮށްފައިވެއެވެ. ކުޅުންތެރިންގެ މޫނުމަތިން ފެންނަމުންދާ ހިތްހަމަޖެހުމާއި، އިތުބާރަކީ މިވަގުތު ޓީމަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއްކަމަށް ކޯޗް ބުންޏެވެ. އޮމާން މެޗަށް ނިކުންނައިރުވެސް ރާއްޖޭގެ ޓީމަށް ލިބިފައިވާ އެންމެ ބޮޑު ހަތިޔާރަކީ އަލީ އަޝްފާގް (ދަގަނޑޭ)ކަމަށް ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗް ޑަރެން ސްޓެވާޓް ބުންޏެވެ.

"މިހާރު އަހަރެން ސައުތް އޭޝިޔާގެ އެކި ޓީމްތަކާއި ޤައުމްތަކަށް ކޯޗުކޮށް ދެމުން އަންނަތާ 20 އަހަރު ވެއްޖެ. ދަގަނޑޭވަރުގެ ކުޅުންތެރިއަކު އަދި މިހާތަނަކަށް ނުދެކެން. އާންމުކޮށް މޮޅު ކުޅުންތެރިއަކު ވެއްޖިއްޔާ ރުޅިގަދަވާނެ، ވަރަށް ބޮޑާހާކާނެ. ނަމަވެސް އަޝްފާގަކީ ފުރިހަމަވެފައި ހުރި ޕެކޭޖރކޭވެސް ބުނެވިދާނެ. އެފެންވަރުގެ ކުޅުންތެރިއަކު އުފެދެން ވަރަށް ދުވަސް ނަގާނެ. މިސާލަކަށް ނޭމާ، ރޮނާލްޑޯ އަދި މެސީ  ފެންވަރުގެ ކުޅުންތެރިން، ޔޫރަޕުންވެސް ނުއުފެދޭ. ދަގަނޑޭގެ އެންމެ ރަނގަޅު އެއްސިފައަކީ ލީޑަރޝިޕް."އަޝްފާޤަށް ތައުރީފް ކުރަމުން ކޯޗު ބުންޏެވެ.

ޤައުމީ ޓީމްގެ ކުޅުންތެރިންވެސް ބުނީ އަޝްފާޤު އައުމުން އިތުރު ހިތްވަރެއް ލިބިގެން ގޮސްފައިވާކަމަށެވެ. މެޗުން ބަލިވެފައި އޮންނައިރުވެސް އަޝްފާގު ދަނޑުމަތީގައި ހުރެއްޖެނަމަ، މެޗްގެ ނަތީޖާ ބަދަލުކޮށްލާނެކަމުގެ އިތުބާރު އަބަދުވެސް އޮންނަކަމަށް ކުޅުންތެރިން ބުންޏެވެ.