ކުޅިވަރު

އޮމާނާ ވާދަކުރަން ރާއްޖެ ފުރައިފި، ފުރުޞަތު އެބައޮތް


އޭޝިއަން ކަޕަށް ކޮލިފައިވާން އޮތް ފުރުސަތު ގެއްލުވާލަން ބޭނުން ނުވާކަމަށް ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗް ޑަރެން ސްޓެވާޓް ބުނެފިއެވެ. 

އަންނަ މަހުގެ ފަސްވަނަ ދުވަހު އޮމާންގައި އޮމާންއާއި ވާދަކުރާ މެޗަށް ފުރުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗް ޑަރެން ސްޓެވާޓް ބުނީ މިއީ އުނދަގޫ މެޗެއްކަން އިނގޭކަމަށެވެ. އޮމާނުން ބޫޓާން ކޮޅަށް 14ލަނޑު ޖެހުމަކީ ރާއްޖެއިން އެއްވެސް ވަރަކަށް ވިސްނަންވީވަރުގެ ކަމެއްނޫންކަމަށާއި އޮމާންގެ މައްޗަށް ކުރި ހޯދޭނެ ގޮތް މިހާރުވެސް އިނގޭކަމަށް ކޯޗް ބުންޏެވެ. އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި ރާއްޖެ ހިމެނޭ ގުރޫޕްގައި އޮމާންއަކީ ފުޓްބޯޅަ ކުޅެންވެސް އުނދަގޫއެއް ޤައުމެއް ކަމަށާއި ނަމަވެސް ޓީމްގެ ތޭވީސް ކުޅުންތެރިން މަސައްކަތްކޮށްފިނަމަ، މިއީ ރާއްޖެއަށް ނުވާވަރުގެ ކަމެއް ނޫންކަމަށް ކޯޗު ބުންޏެވެ. ފަލަސްތީނާއި އޮމާން ވާދަކުރި މެޗްގައި އޮމާންގެ ކުޅުމަށް ބަލާއިރު، ރާއްޖެއަށް ވަރަށް ގިނަ ކަންތައްތަކުން ފައިދާ ނެގިދާނެކަމަށް ޤަބޫލް ކުރެވޭކަމަށްވެސް ގައުމީ ފުޓްބޯޅަ ޓީމްގެ ކޯޗް ޑަރެން ސްޓެވާޓް ބުންޏެވެ.

"އޮމާނުން ބޫޓާން ކޮޅަށް 14 ލަނޑު ޖެހުމަކީ ހައިރާންވާންޖެހޭ ވަރުގެ ކަމެއް ނޫން. ޕަލަސްތީނާއި އޮމާން ވާދަކުރި މެޗް އަހަރެން ބެލިން، އެމެޗްގައި އޮމާންގެ ކުޅުމަށް ބަލާއިރު ރާއްޖެއަށް ފައިދާ ނެގޭނެ ވަރަށް ގިނަ ކަންތައްތައްވަނީ ފެނިފަ. އޭޝިއަން ކަޕަށް ކޮލިފައިވުމަށް މިއަހަރު ރާއްޖެއަށް ވަރަށް ފުރުސަތު ބޮޑު. އޮމާން މެޗް ރާއްޖެއިން ޕޮއިންޓަކުން ފުއްދާލައިފިނަމަ 10 އޮކްޓޯބަރގައި މާލޭގައި އޮމާނާއި ރާއްޖެ ވާދަކުރާ މެޗް ވެގެންދާނީ ވަރަށް ވާދަވެރި މެޗަކަށް. އޭރުން ޕްރެޝަރު އޮންނާނީ އޮމާނަށް." ކޯޗު ބުންޏެވެ.

އޮމާން މެޗްގެ ކުރިން ޤައުމީ ޓީމް މިއަދު ދާނީ ޤަޠަރަށެވެ. ޤަޠަރުގައި ކޭމްޕް ކުރާއިރު، އެކުވެރިކަމުގެ އެއް މެޗް ގަތަރުގައި ކުޅުމަށް ހަމަޖެހިފައިވާކަމަށް އެފްއޭއެމްއިން މަޢުލުމާތުދެއެވެ. ކޮލިފިކޭޝަންގައި ރާއްޖެ ހިމެނޭ ގުރޫޕް ޑީގެ އެއްވަނާގައި 6 ޕޮއިންޓާއެކު އޮތީ ޕަލަސްތީނެވެ. އޮމާން އަދި ރާއްޖެއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ގޯލްގެ ތަފާތުން އޮމާން އޮތީ ގުރޫޕްގެ ދެވަނާގައެވެ. ރާއްޖެއަށް ތިންވަނަ ލިބޭއިރު، ކުޅުނު ދެ މެޗުންވެސް ބަލިވެފައިވާ ބޫޓާން އޮތީ ގުރޫޕްގެ އެންމެ ފުލުގައެވެ.