ސިއްހަތު

މެޑިކަލް އެޑިއުކޭޝަން ޕްރޮގްރާމެއް ބާއްވައިފި


ހަކުރުބައްޔާ ބެހޭގޮތުން މައުލޫމާތު ދިނުމަށް، މެޑިކަލް އެޑިއުކޭޝަން ޕްރޮގްރާމެއް ބާއްވައިފިއެވެ.

މިއީ އައިޖީއެމްއެޗްގެ އެކަޑަމިކް އެންޑް ރިސާރޗް ޔުނިޓާއި ޑެންމާކުގެ ކުންފުންޏެއްކަމަށްވާ ނޯވޯ ނޯޑިސްކް ގުޅިގެން ދިވެހިރާއްޖޭގެ ހަކުރު ބައްޔާ ބެހޭގޮތުން ބޭއްވި ޕްރޮގްރާމެކެވެ. އައިޖީއެމްއެޗުން އިސްނަގައިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމް އަމާޒް ކޮށްފައިވަނީ ޑޮކްޓަރުންނާއި، ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށެވެ. މި ޕްރޮގްރާމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ އިތުރުން އެޑީކޭ ހޮސްޕިޓަލާއި ޓްރީ ޓޮޕް ހޮސްޕިޓަލް އަދި ކްލިނަކްތަކުގެ ޑޮކްޓަރުން ބައިވެރިވެފައިވެއެވެ.

ހޮޓެލް ޖެންގައި ކުރިއަށްދިޔަ މި ޕްރޮގްރާމާ ބެހޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން، އައިޖިއެމްއެޗްގެ އިންޓާނަލް މެޑިސިން ޑިޕާޓްމަންޓްގެ ކޮންސަލްޓަންޓް ޑރ.މޫސާ މުރާދު ވިދާޅުވީ މި ޕްރޮގްރާމަކީ ހަކުރުބަލީގެ މީހުން ބޭނުންކުރާ އިންސިއުލިންގެ ތެރެއިން ރާއްޖެއަށް އަލަށް ތާރަފްކުރެވުނު އިންސިއުލިން އާ ބެހޭ ގޮތުންނާއި، އެ ބޭނުންކުރުވޭނެ ގޮތްތަކަށް ސިއްޙީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އަހުލުވެރިކުރުވުމަށް ކުރިއަށްގެންދެވުނު ޕްރޮގްރާމެއްކަމަށެވެ.

މި ޕްރޮގްރާމުގެތެރެއިން ހަކުރުބަލީގެ މީހުން ބެނުންކުރާ އިންސިއުލިންގެ އާވައްތަރެއް ތާރަފްކޮށްފައިވެއެވެ. ޑެންމާކުގެ ކުންފުންޏެއްކަމަށްވާ ނޯވޯ ނޯޑިސްކްއިން އުފައްދާ މި އިންސިއުލިން ގެ ސަބަބުން ހަކުރުބަލީގެ މީހުންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެކަމަށް އައިޖީއެމްއެޗުން ބުނެއެވެ.