ސިއްހަތު

ޑޮކްޓަރަށް ދެއްކުމަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަނީ


ރާއްޖޭގެ އާބާދީ ބޮޑެތި ރަށްރަށުގައި ހެދުމަށް ހަމަޖެހިފައިވާ ޓާޝަރީ ހޮސްޕިޓަލްތައް ނިމުމުން ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ޒިންމާ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ޑޮކްޓަރަށް ދެއްކުމުގައި އެންމެ ގިނައިން މިނިސްޓްރީއަށް ލިބެމުން އަންނަ ޝަކުވާއަކީ ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ ދަތިތަކުގެ ވާހަކަ ކަމަށެވެ. އެގޮތުން ޑޮކްޓަރަށް ދެއްކުމަށް، ޙާއްސަކޮށް މާލޭގައި ދިގު ކިއުއެއްގައި ހުންނަންޖެހޭ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ މާލޭގައި ހަދާ 25 ބުރީގެ ހޮސްޕިޓަލާއި އައްޑޫ ސިޓީގައި ހަދާ ޓާޝަރީ ހޮސްޕިޓަލްގެ އިތުރުން ކުޅުދުއްފުށީގައި ހަދާ ޓާޝަރީ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލަށް ގެންނަ ތަރައްޤީއާއެކު، ޑޮކްޓަރަށް ދެއްކުމުގައި މިހާރު ދިމާވަމުންދާ ދަތިތަކަށް ހައްލެއް ލިބިގެންދާނެކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ވަކި ޑޮކްޓަރަކަށް ދެއްކުމަށް އެޕޮއިންޓްމެންޓެއް ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އަދި އެއީ ދުނިޔޭގެ ހުރިހާ ނިޒާމެއްގައިވެސް ހިނގަމުން އަންނަ ކަމެއް ކަމަށެވެ. ހަމައެހެންމެ ބަލި މީހެއްގެ ޙައިސިއްޔަތުން ޚުދު އެމަނިކުފާނުވެސް ބޭނުންވާ ޑޮކްޓަރަށް އެޕޮއިންޓްމަންޓް ހަމަނުޖެހުމަކީ ދެރަވާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޑޮކްޓަރަކަށް ދެއްކުމުގައި އެއަށްވުރެ ފަސޭހައިން އެކަން ކުރުވޭނެ ނިޒާމެއް ގެނައުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އެގޮތުން ބަލީގެ ފުރަތަމަ ކޮޅު މެޑިކަލް އޮފިސަރަކަށް ދެއްކުމަށްފަހު، އެ ޑޮކްޓަރުގެ އިރުޝާދާއެކު ބައްޔާބެހޭ ޚާއްސަ ޑޮކްޓަރަކަށް ނުވަތަ ސްޕެޝިއަލިސްޓުންނަށް ދެއްކޭނެ ނިޒާމެއް ވުޖޫދުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އިންތިޒާމް ހަމަޖެހުމުން ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ 30 އަހަރު ކުރިން ފެށިގެން ރާއްޖޭގެ ސިއްޙީ ނިޒާމް ބޮއްސުންލާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމްގެ ސަރުކާރުން ދަނީ ރާއްޖޭގެ ސިއްޙީ ނިޒާމް ރަނގަޅުކުރުމަށްޓަކާ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލޭގައި އިމާރާތްކުރަމުންދާ ފަންސަވީސް ބުރީގެ އާ ހޮސްޕިޓަލެއްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހުސްނުވާ އާސަންދައިގެ ޚިދުމަތްވެސް އަންނަނީ ފޯރުކޮށްދެމުންނެވެ.

މީގެ އިތުރުންވެސް ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބޭސް ވިއްކާ ފާމަސީއެއް ހުންނައިރު، ރާއްޖޭގެ ސައްބީސް ސަރަޙައްދެއްގައި "ސީ އެންބިއުލެންސް"ގެ ޚިދުމަތްވެސް އަންނަނީ ފޯރުކޮށްދެމުންނެވެ.