ޚަބަރު

ރަސްރަނި ބަގީޗާއަށް ޢާއްމުންގެ ބޮޑު ތަރުޚީބެއް


 ސަރުކާރުން ތަރައްޤީކުރެއްވި ރަސްރަނި ބަގީޗާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހުޅުއްވައިދެއްވީ މިދިޔަ ހޯމަ ދުވަހުގެރެއެވެ. މި ބަގީޗާއަކީ ކުޑަކުދިންނަށް އުފާވެރިކަން ލިބޭފަދަ އަދި އެކުދިންނަށް ތަރުބިއްޔަތާއި އުނގެނުމުގެ ވެށްޓެއް ފެންނަ ގޮތަށް އަދި ކުޑަކުދިންނަށް ޙަރަކާތްތެރިވެ އުޅެން ފަސޭހަ ރީތި މާޙައުލެއް ހިމެނޭ ގޮތަށް ތަރައްޤީކޮށްފައިވާ ބަގީޗާއެކެވެ.

މި ބަގީޗާ ޢާންމުކޮށް ހުޅުވާލުމާއެކު ކުޑަކުދިންނާއި ޢާއިލާތަކުގެ ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ. އެއްތަން އަނެއްތަނާ ގުޅިފައިވާ ރަސްރަނި ޕާކާއި އިސްލާމިކް މަރުކަޒު މައިދާނުގައި ފާހަގަކުރާ ހުކުރު އުފާއާއި ޖުމްހޫރީ މައިދާނު ސަރަޙައްދު ފެންނަނީ ކުޑަކުދިންނާއި ޢާންމު ގިނަ އަދި އުފާވެރިކަން ބޮޑު މަންޒަރެއްގެ ގޮތުގައެވެ. ރަސްރަނި ބަގީޗާ ޢާންމުކޮށް ހުޅުވާލީ އެތާނގައި ފާހަގަކުރި ޚާއްޞަ ކުޑަކުދިންގެ ހަވީރަކާއެކުއެވެ.  

ރަސްރަނި ބަގީޗާ އާންމުނަށް ވަދެވޭ ގޮތަށް ހުޅުވިއިރު، ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒުވެސް ވަނީ އާއިލާއާއެކު ބަޖީޗާއަށް ޒިޔާރަތްކުރައްވާފައެވެ. މި ހަވީރުގައި ބައިވެރިވުމުގެ ފުރުޞަތު ހުރިހާ ކުޑަކުދިންނާއި އާއިލާތަކަށް ހުޅުވާލިއިރު، ގިނަ އަދަދެއްގެ ކުޑަކުދިންނާއި އެކުދިންގެ އާއިލާތަކުގެ މެމްބަރުންނާއި ވަޒީރުންގެ އާއިލާތަކާއި ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ އާއިލާތައްވެސް ވަނީ ރަސްރަނި ބަގީޗާއަށް ޒިޔާރަތްކުރައްވާފައެވެ.

ރަސްރަނި ބަގީޗާއަށް ވަޑައިގެން ޕީއެސްއެމް ނިއުސްއާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މުޢިއްޒު ވިދާޅުވީ، އާންމުކޮށް ވަދެވޭގޮތަށް ރަސްރަނި ބަގީޗާ ހުޅުވިއުރު އާންމުންނަށް ބަގީޗާ ބޭނުންކުރާނެ ގޮތް ކިޔައިދީ، ބަގީޗާގެ ގަވައިދުތައް ބުނެދެމުންދާ ކަމަށެވެ.

img:http://s3.psmnews.mv/images/660x400/15036543942090.jpg|ރަސްރަނި ބަގީޗާ-

މިނިސްޓަރު މުޢިއްޒު ވިދާޅުވީ ބަގީޗާގައި މިހާރު ނުހުޅުވިވާ ހަމައެކަނި ތަނަކީ ވިންޓަރ ކޯނަރ ކަމަށާއި އަދި އެތަނުގެ މަސައްކަތް އެއްކޮށް ނިންމާ މިއަހަރުގެ ޑިސެންބަރު މަސްތެރޭގައި ހުޅުވުމަށް ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުންވެސް މިނިސްޓަރު ވިދާޅުވީ ބަގީޗާގައި ހިމެނޭ ބުރިޖުގެ ސްލައިޑެއް ހަރުނުކުރެވިވާ ކަމަށާއި އެހެން ނަމަވެސް މިފެށޭ ހަފްތާގެ ތެރޭގައި އެކަންވެސް އެއްކޮށް ނިމޭނެ ކަމަށެވެ. ހޯމަ ދުވަހުގެ ރޭ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމްގެ ދެ ކަނަބަލުން ހުޅުވައިދެއްވި، ރަސްރަނި ބަގީޗާއަކީ، ކުޑަކުދިންނަށް ޙަރަކާތްތެރިވެވޭނެ އުފާވެރި އެތައް ކަންތައްތަކެއް އެކުލެވޭގޮތަށް ތަޢުލީމާއި މުނިފޫހިފިލުވުމާއި ރާއްޖޭގެ ތާރީޚާ ޘަގާފަތް ދައްކުވައިދޭ ކޮންސެޕްޓަށް ރާއްޖޭގައި ތަރައްޤީކުރި ފުރަތަމަ ޕާކެވެ.

ރަސްރަނި ބަގީޗާގެ ހިތްގައިމުކަމާ، ކުޅިވަރު ކުޅުމަށް ބޭނުންވާ ގިނަ ސްޓޯލްތަކެއް ހުރިއިރު، މިއީ ކޮންމެ ކުޑަކުއްޖަކާއި ބެލެނިވެރިއެއްވެސް ހިނިތުންވުމާއެކު ބަލައިގަންނަ ކަމެކެވެ. އެގޮތުން ބަގީޗާއަށް ޒިޔާރަތްކުރި އެކިއެކި ފަރާތްތަކުން މައުލޫމާތުދިން ގޮތުގައި މިހާ ފުރިހަމަކޮށް ކުޑަކުދިން ކުޅޭނެ ބަގީޗާއެއް މާލޭގައި ހެދިގެންދިޔަކަމީ ދިވެހި ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެކެވެ. ވަކިން ހާއްސަކޮށް ހުކުރު ދުވަސް ފަދަ ދުވަސްތަކުގައި އާއިލާއާއެކު ވަގުތު  ހޭދަކޮށްލުމަށްވެސް މި ބަގީޗާއަކީ އެންމެ ހިތްފަސޭހަތަން ކަމުގައި ދެކޭ ކަމަށެވެ.

ކުރީގެ ސަލްޓަންޕާކު ސަރަހައްދު އަލުން ތަރައްޤީކޮށް އެޑިއުޓެއިންމަންޓް އެންޑް ހެރިޓޭޖް ނުވަތަ ތަޢުލީމް އުނގެނި ހިތްފަސޭހަކޮށްލެވޭ ތާރީޚާ ސަގާފަތް ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ ރަސްރަނި ބަގީޗާއަކީ، މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު، އަދި އެންމެ ތަފާތު ކަންތައްތައް ހިމެނޭގޮތައް ތަރައްޤީކޮށްފައިވާ ޕާކްވެސްމެއެވެ. މި ތަނުގައި ކުޑަކުދިން ޢާއިލާއާއެކީ މަޖާކޮށްލާ ވަގުތު ހޭދަކުރުމަށް، އެކުދީންނަށް ޙާއްސަ ވަސީލަތްތައް ޤާއިމްކޮށްފައިވެއެވެ.

ރަސްރަނި ބަގީޗާއަށް އާންމުކޮށް ވަދެވޭގޮތަށް ހުޅުވާލިއިރު، އެތަނަށް ޒިޔާރަތްކުރި ކުޑަކުދިންގެ މޫނުމަތިން ވަނީ އުފާވެރިކަމުގެ ހިނިތުންވުން ފެނިގެންގޮސްފައެވެ. އަދި އެކުދިންގެ އާއިލާގެ ކުދިބޮޑު އެންމެން ވަނީ އެ އުފަލުގައި ބައިވެރިވެފައެވެ. ރަސްރަނި ބަގީޗާއަށް ވަނުމަށް ކިޔޫ ހަދާފައި އޮތްއިރު، އެތަނުގައި ތެރޭގައި ވަނީ މިއަދަށް އުފަންދުވަސް ފާހަގަކުރާ ކުދިންނަށް ކޭކު ފެޅުމާއި ތަފާތު އެކި ވައްތަރުގެ އައިޓަމްތައްވެސް ކުރިއަށްގެންގޮސްފައެވެ.

ރަސްރަނި ބަގީޗާ އާންމުނަށް ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެދުނު ހަޔަކުން ދަންވަރު ބާރައަށެވެ. އަދި ހުކުރު ދުވަހު މެންދުރު ކުރި އެގާރައިން މެންދުރުފަހު ދޭކަށް ބަންދުކުރެވިފައި ހުރި ނަމަވެސް އެހެން ގަޑި ތަކުގައި އާންމުނަށް ވަދެވޭނެ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއެވެ.