ޚަބަރު

ދިރާގުން މޮބައިލް ގޭމެއް ތަޢާރަފްކޮށްފި


ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް، ދިރާގުން ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއަށް އޭއާރު މޮބައިލް ގޭމެއް ތަޢާރަފްކޮށްފިއެވެ.

އާރުބީ ކްއެސްޓްގެ ނަން ދީފައިވާ މި ގޭމް ފަރުމާކޮށްފައިވަނީ ދިވެއްސެއްކަމަށް ދިރާގުން ބުނެއެވެ. އާރުބީ ކްއެސްޓް މި ގޭމްގައި ޖެހެނީ އެކިތަންތަނުން ރާޅުބިސް ހޮވާާށެވެ. ދިރާގުން ބުނީ، ޕްލޭ ސްޓޯއިންނާއި އެޕް ސްޓޯއިން މިހާރު އާރުބީ ކްއެސްޓް ގޭމް ޑައުންލޯޑް ކުރެވޭނޭކަމަށެވެ. 

ޑައުންލޯޑްކޮށް ރަޖިސްޓަރ ކުރުމަށްފަހު މި ގޭމް ކުޅެވޭނެއެވެ. ދިރާގުން ވަނީ މި ގޭމް ތައާރަފްކުރުމާއިއެކު ފަސްދުވަހުގެ ޕްރޮމޯޝަނެއް ފަށާފައެވެ. މި ޕްރޮމޯޝަނުގެ މުއްދަތުގެ ތެރޭގައި އެންމެގިނަ ރާޅުބިސްހޮވާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ދިނުމަށް ދިރާގުން ވަނީ ނިންމާފައެވެ. އެއްވަނައަށް ހޮވޭ ފަރާތަކަށް ކަނޑައެޅިފައި ވަނީ، ޑިޖިޓަލް ޕެކެކެވެ. ދެވަނަ އިނާމެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ، ޔޫރަޕަށް ދިއުމަށް ދެމީހަކަށް ހުރުމާއިއެކު ދެކޮޅު ޓިކެޓެވެ. ތިންވަނައަށް ކަނޑައަޅާފައިވާ އިނާމަކީ ޝެރަޓަން ރިސޯޓަށް ޗުއްޓީ ހޭދަކޮށްލުމަށް ތިންދުވަހުގެ ދަތުރެކެވެ.  

އާރުބީ ކްއެސްޓް ގޭމް ތައާރަފްކުރުމަށް ބޭއްވި ހަފްލާގައި ދިރާގުން ވަނީ މި ގޭމް ތަޖުރިބާކުރުމުގެ ފުރުސަތު އެތަނުގައި ތިބި ފަރާތްތަކަށް ދީފައެވެ.