ޚަބަރު

ޤާސިމް އިބްރާހިމް 3 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކޮށްފި


ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމްގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ދިނުމަށް ހުށައެޅުމުގެ ދައުވާ ސާބިތުވެ 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.

ޤާސިމްގެ މައްޗަށް ޖިނާޢީ ކުށެއް ސާބިތުވެ ޖަލަށް ލުމަށް ޙުކުމް ކުރުމާއެކު ރައްޔިތުންގެ މަޖިލީހުގެ މާމިގިލީދާއިރާގެ މެމްބަރުކަމުން ޤާސިމް ވަނީ ވަކިވެފައެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރކަމުންވެސް ޤާސިމް އިބްރާހީމް ވަނީ ވަކިވެފައެވެ.

މިމައްސަލައިގެ ޝަރީޢަތްތައް ކުރިއަށްގެންގޮސްފައިވަނީ ސިއްރުކޮށްގެންކަމުން ޙުކުމް އިއްވުމަށް ބޭއްވި ޝަރީޢަތުގެ މަޖިލީހަށް މީޑިއާއަށް ވަނުމުގެ ފުރުޞަތު ލިބިފައެއްނުވެއެވެ. އަދި މިރޭ 11 ޖެހިއިރު ކްރިމިނަލް ކޯޓްގައި ބޭއްވި އަޑުއެހުމަށް ޤާސިމާއި، އޭނާގެ ޤާނޫނީ ވަކީލުންވެސް ހާޟިރުވެފައެއްނުވެއެވެ. އެހެން ނަމަވެސް ޤާސިމާއި، އޭނާގެ ޤާނޫނީ ވަކީލުން ކޯޓަށް ހާޟިރު ނުވެއްޖެނަމަ މިމައްސަލަ ޣައިރު ހާޟިރުގައި ނިންމާނެކަމަށް ކްރިމިނަލް ކޯޓުން ވަނީ އަންގާފައެވެ.

ޤާސިމްގެ ޣައިރު ހާޟިރުގައި މައްސަލަ ނިންމައި ކްރިމިނަލް ކޯޓުން ކުރި ޙުކުމްގައި ބުނެފައިވަނީ، 26 މާރޗް 2017 ވަނަ ދުވަހުގެރޭ މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި މަޖިލިސް ރައީސްގެ އިތުބާރުނެތްކަމަށް ފާސްކުރުމަށް ވޯޓް ދީފިނަމަ، އެމެމްބަރަކު ތަމްސީލުކުރާ ދާއިރާއެއްގެ ޓިކެޓް ދޭނެކަމަށާއި، "އެހެން ހުރިހާ ގޮތަކުން ވެސް އެހީތެރިވާނެ" ކަމަށްބުނެ ޤާސިމް ދައްކާފައިވާ ވާހަކަތަކަކީ ރާއްޖޭގެ ސިޔާސީ މަސްރަޙްގެ ޢުރުފު ޤަބޫލުކޮށްފައިވާ ވާހަކަތަކެއް ނޫންކަން އެނގޭކަމަށެވެ. އަދި އެވާހަކަތަކީ ވަކިބަޔަކަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަތަކެއްކަން އެނގޭކަމަށާއި، ޤާސިމް އިބްރާހީމް އެދުވަހު ދެއްކެވި ވާހަކަތަކަކީ ޤާނޫނީ އިމުގެ ތެރެއިން ދެއްކެވި ވާހަކަތަކެއްކަން އޭނާގެ ޤާނޫނީ ވަކީލުންނަށް ކޯޓުގައި ސާބިތުކޮށްދެވިފައި ނުވާކަމަށް ކްރިމިނަލް ކޯޓްގެ ޙުކުމްގައިވެއެވެ. އެހެންކަމުން ރިޝްވަތު ދޭން ހުށައެޅުމުގެ ކުށުން ޤާސިމް އިބްރާހީމް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، ޤާނޫނުލްޢުޤޫބާތުގައި ބަޔާންކޮށްފައިވާގޮތުގެމަތިން 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޤާސިމް އިބްރާހީމް ޖަލުގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިރޭ ވަނީ ޙުކުމްކޮށްފައެވެ.

އަދި ޤާސިމް އިބްރާހީމްގެ ޞީއްޙީ ފަރުވާއަށް ރާއްޖޭން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދީފައިވާކަން ކޯޓަށް ހުށައަޅާފައިވާ ލިޔެކިއުންތަކުން އެނގޭތީ، ރާއްޖެއިން ބޭރުން ޤާސިމްގެ ބޭސްފަރުވާ ހޯދޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ކަމާބެހޭ ފަރާތްތަކަށް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.

މިމައްސަލައިގައި ނިޔާ ކަނޑައެޅުމާއެކު، ޤާސިމް އިބްރާހީމްގެ މައްޗަށް ކޮށްފައިވާ ރަސްމީ ޙައިޞިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒުފޯރުވަން އުޅުމުގެ ކުށުގެ ދައުވާއާއި، ވޯޓް ދޭންހުރި މީހަކަށް ނުފޫޒުފޯރުވަން އުޅުމުގެ ކުށުގެ ދައުވާ އިތުރަށް ކުރިއަށްގެންދާނެ ތަނެއް ނެތްކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ޤާސިމްގެ މައްޗަށް ރިޝްވަތު ދިނުމަށް ހުށައެޅުމުގެ ދައުވާ ކޮށްފައިވަނީ، ގުޅިފައިވާ ސިޔާސީ ފަރާތްތަކުން ބޭއްވި ޖަލްސާއެއްގައި، މަޖިލީސް ރައީސްގެ އިތުބާރުނެތްކަމަށް ވޯޓްދޭ މެމްބަރުންނަށް ޖުމްހޫރީ ޕާޓީގެ ޓިކެޓް ދޭނެކަމަށާއި، އެމެމްބަރުން 2019 ގައި އޮންނަ މަޖިލިސް އިންތިޚާބުގައި ގޮނޑި ކާމިޔާބު ކުރުމަށް އެހީވާނެކަމަށްބުނެ ދައްކާފައިވާ ވާހަކަތަކާ ގުޅިގެންނެވެ.

ޤާސިމް އިބްރާހީމްގެ މައްޗަށް ކޮށްފައިވާ މިދައުވާއާ ގުޅިގެން މިއަދު މެންދުރުފަހު އޮތް އަޑުއެހުމަށް އޭނާ ހާޟިރުވެފައިވެއެވެ. އެހެންނަމަވެސް ޤާސިމްގެ ޝަރީއަތް މިރެއަށް ފަސްކޮށްފައިވަނީ އޭނާގެ ސިއްޙީ ހާލަތު ހުރިގޮތުންނެވެ. އައި.ޖީ.އެމް ހޮސްޕިޓަލުން ބުނީ ޤާސިމްގެ ހިތުގެ ވިންދު އަވަސްވުމުގެ ސަބަބުން އަނބުރައި ގަނެގެން ހޮސްޕިޓަލަށް ގެންގޮސް އޮބްޒަވޭޝަން އަށް އެޑްމިޓްކޮށް ފަރުވާ ދެމުންދާކަމަށެވެ.

ޤާސިމްގެ ޣައިރު ޙާޟިރުގައި ކްރިމިނަލް ކޯޓުން ކުރި ޙުކުމްގައިވަނީ، ޖަލުޙުކުމެއް ތަންފީޛް ކުރަމުންދިއުމަކީ ބޭސްފަރުވާ ހޯދުމަށްއޮތް ހުރަހަކަށް ނުވާނެކަމަށެވެ.