ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ގަވަރނަރގެ މަޤާމަށް ކ. މާފުށި، މުޝްތަރީގެ އަޙުމަދު ނަސީރު އައްޔަން ކުރައްވައިފިއެވެ.
 
އެމްއެމްއޭގެ ގަވަރނަރގެ މަޤާމަށް އަޙުމަދު ނަސީރު އައްޔަން ކުރައްވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
 
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ގަވަރުނަރުގެ މަޤާމަށް އަހުމަދު ނަސީރު ޢައްޔަން ކުރެއްވުމަށް ރުހުން ދީފައިވަނީ މިއަދު ހެނދުނު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. ނަސީރު އެ މަޤާމަށް ޢައްޔަން ކުރެއްވުމަށް ނިންމާފައިވަނީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުންނެވެ.
 
 އަޙްމަދު ނަޞީރަކީ، ގިނަ ދުވަސްތަކެއް ވަންދެން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ސީއެމްޑީއޭ، އަދި އެމްއެމްއޭގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.  އަދި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައިވެއެވެ.
 
ގަވަރުނަރުގެ މަޤާމަށް އަޙްމަދު ނަޞީރު ޢައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، އެ މަޤާމްގައި ކުރިން ހުންނެވި ޑރ.އަޒީމާ އާދަމް އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.