ކުޅިވަރު

ޓީމެއްގެ ގޮތުގައި ކުޑަހުވަދޫ ވަރުގަދަ - ޞޮބާ


ކުޑަހުވަދޫ ޓީމްގައި ހުނަރުވެރި ކުޅުންތެރިން އެބަތިބިކަމަށާއި، ޓީމެއްގެ ގޮތުގައި ކުޑަހުވަދޫ ވަރަށް ވަރުގަދަކަމަށް ގްރީން ސްޓްރީޓްސް ކޯޗު ސޮބާހު މުޙައްމަދު ބުނެފިއެވެ. 

ލީގުގައި މިއަދު ހަވީރު ގްރީން ސްޓްރީޓްސް ނިކުންނާނީ ދ.ކުޑަހުވަދޫއާއި ދެކޮޅަށެވެ. މި މެޗާއި ގުޅޭ ގޮތުން ވާހަކަދައްކަމުން ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހު މުޙައްމަދު ބުނީ ޕްރިމިއަރ ލީގުގައި ބަލި ޓީމެއް ނޯންނާނެކަމަށާއި، ކުޑަހުވަދޫ ލީގުގެ ފުލުގައި އޮތަސް ފަސޭހަކޮށްލައިފިނަމަ ދެރަ ގޮތެއް ވެދާނެކަމަށެވެ. އޭނާ ބުނީ ކުޑަހުވަދޫގެ ކޯޗު މުޙައްމަދު ޝިޔާޒު (މޯހަން)ގެ ތަޖުރިބާއަކީ މި މެޗުގައި ގްރީނުން ސަމާލުވާންޖެހޭނެ ކަމެއް ކަމަށެވެ. މޯހަންއަކީ ސޮބާއަށް އިރުޝާދުދީފައިވާ ކޯޗަކަށްވުމާއިއެކު އޭނާއަށް މޯހަންގެ ފެންވަރު އިނގޭކަމަށްވެސް ސޮބާހު ބުންޏެވެ. ސޮބާ ބުނީ ކުޑަހުވަދޫގައި ހުނަރުހުރި ކުޅުންތެރިން ގިނަކަމަށާއި، ބިދޭސީ ތިން ކުޅުންތެރިންނަކީވެސް މަސައްކަތު ރޭޓު ރަނގަޅު ތިން ކުޅުންތެރިންކަމަށެވެ.

 ލީގުގެ އެންމެ ވަރުގަދަ ޓީމްތަކާއިޖެހޭއިރު އެހެން ޓީމްތައް އަތުން ގިނަ ޕޮއިންޓްތަކެއް ހޯދަން ޖެހޭކަން ފާހަގަކުރަމުން އޭނާ ބުނީ، މި މެޗުން ތިން ޕޮއިންޓް ހޯދައިގެން ޓީމްގެ އިތުބާރު ހޯދަން ބޭނުންވާކަމަށެވެ. މިދެޓީމް ވާދަކުރާ މެޗު ޔެސް ޓީވީން ވަގުތުން ދައްކާނެއެވެ. އަދި މެޗު ހިނގަމުންދާ ގޮތް ދިވެހިރާއްޖޭގެ އަޑުން ދުރަށް ފޮނުވާނެއެވެ.