ކުޅިވަރު

ހުރިހާ ވެސް މީހަކީ އަސަދުﷲ، ޕްލޭން ބީއެއް ބޭނުން: މާޒިޔާ ކޯޗު


މިހާތަނަށް މާޒިޔާގެ ކުރި ބިނާވެފައި އޮތީ ފޯވަޑް އަދި ކެޕްޓަން އަސަދުﷲ އަބުދުﷲ އަށް ކަމަށާއި އޭނާ ނެތުމުން ޓީމަށް ޕްލޭން ބީއެއް ބޭނުންވާ ކަމަށް މާޒިޔާގެ ކޯޗު ބުނެފި އެވެ.

މެސެޑޯނިއާގެ ކޯޗު މަރްޔާން ސެކުލޮސްކީ މިހެންބުނީ އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ރޭ ގދ. ތިނަދޫ އަތުން ބަލިނުވެ ކިރިޔަ ކިރިޔާ ސަލާމަތްވި މެޗަށް ފަހު އެވެ.

"އަހަރެން އުއްމީދު ކުރަނީ އަސަދުﷲ (އަނިޔާއިން ރަނގަޅުވެގެން) އެނބުރި އަންނާނެ ކަމަށް. އަހަރުމެން ޓީމުގެ ޓާގެޓް މޭން އަކީ އޭނާ. އޭނާ ނެތުމުން ވަރަށް ބޮޑަށް އުނދަގޫވި. އޭނާ ނެތިއްޖެނަމަ އަހަރުމެން ޓީމަށް ޕްލޭން ބީއެއް ބޭނުންވޭ. މިހާރު ޕްލޭންބީއެއްނެތް،" އަނިޔާވެފައިވާ ފޯވަޑަށް ތައުރީފް ކުރަމުން ކޯޗު ބުންޏެވެ.

އަސަދުﷲ އަށް އަނިޔާވީ ލީގުގައި ހުސްވިހަފުތާގައި ށ. މިލަންދޫއާ ދެކޮޅަށް ކުޅެނިކޮށެވެ. އަނިޔާއިން ރަނގަޅުވެގެން އަލުން އޭނާ ޓީމަށް ގުޅެން މަދުވެގެން ތިން ހަފުތާވާނެ އެވެ. އޭނާ އަކީ މިދިޔަ އަހަރުނޫން ކުރީ ދެ އަހަރު ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖަހައިގެން ރަންބޫޓު ހޯދި ފޯވަޑެވެ.

ނަމަވެސް އަސަދުﷲ ނެތުމުން ލަނޑު ޖެހުމުގެ މައްސަލަ ޓީމަށް ވަރަށް ބޮޑު ކަމަށާއި އެކަން ހައްލުކުރުމަށް ޕްލޭން ބީ އެއް ރޭވުމަކީ ވެސް އޭނާ އަށް ކުރަންޖެހިފައިވާ ވަރަށް އުނދަގޫ މަސައްކަތެއް ކަމަށް ވެސް ކޯޗު ބުންޏެވެ.

މާޒިޔާ މިވަގުތު އޮތީ ލީގުގައި ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓާއެކު އެއްވަނާގަ އެވެ.