ކުޅިވަރު

އޭޝިޔާގެ މުބާރާތަކުން ފުރަތަމަ ރަން މެޑަލް ޝާހީން ހޯދައިފި


އޭޝިޔާގެ މުބާރާތަކުން ރާއްޖޭގެ ކުޅިވަރަކުން ހޯދި ފުރަތަމަ ރަން މެޑަލް ބޮޑީބިލްޑިންގއިން ރާއްޖެއަށް ހޯދައިދީފިއެވެ. 

51ވަނަ އޭޝިއަން ބޮޑީބިލްޑިންގ އެންޑް ޕިޒިކް ޗެމްޕިއަންސްގައި ވާދަކޮށް ރާއްޖެއަށް ރަން މެޑަލް ހޯދައިދިނީ ޝާހީން އިބްރާހިމް ދީދީއެވެ. އޭނާ ރަން މެޑަލް ހޯދީ ފަންސާސް ފަސް ކިލޯ ކެޓަގަރީންނެވެ. 

އޭޝިޔާގެ އަށް ގައުމަކުން ނުވަ އެތްލީޓުން ވަދަކުރި މި ކެޓަގަރީން ރާއްޖޭގެ ޝާހީން އެއްވަނަ ހޯދިއިރު، ދެވަނަ ހޯދީ މޮންގޯލިއާއެވެ. ތިންވަނަ ނޭޕާލް ހޯދިއިރު، ހަތަރުވަނަ ހޯދީ ތައިލެންޑެވެ. ސަރަހައްދީ ގަދަ ބާރު އިންޑީޔާއަށް ލިބުނީ ފަސްވަނައެވެ. މީގެ އިތުރުންވެސް ކޮރެޔާ، ޗައިނާގެ އިތުރުން ވިއެޓްނާމެގެ އެތްލީޓުންވެސް ޝާހީންއާއިވަނީ ވާދަކޮށްފައިއެވެ. 

ޝާހީން ރާއްޖެއަށް ހޯދައިދިން ރަން މެޑައްޔަކީ އޭޝިޔާގެ މަތީ ފަންތީގެ ކުޅިވަރު މުބާރާތަކުން ރާއްޖެއިން ހޯދި ފުރަތަމަ ރަން މެޑައްޔެވެ. 

ޝާހީންއަކީ މިއަހަރު ރާއްޖޭގައި ބޭއްވި މިސްޓަރ މޯލްޑިވްސްގެ ދެވަނަ ހޯދި ބޮޑީބިލްޑަރެވެ. 

ޝާހީންއާއިއެކު ރާއްޖެއިން ޖުމްލަ ފަސް ބައިވެރިން މުބާރާތުގެ އެކި އިވެންޓްތަކުގައި ވާދަކުރިއެވެ. 

ދެކުނު ކޮރެޔާގައި ކުރިއަށްދިޔަ އޭޝިއަން ބޮޑީބިލްޑިންގ އެންޑް ޕިޒިކް ޗެމްޕިއަންސްގައި 26 ގައުމަކުން 380 އަށްވުރެ ގިނަ އެތްލީޓުންވަނީ ވާދަކޮށްފައެވެ.