ޚަބަރު

ޤައުމީ އިނާމަށް 66 ފޯމު އަދި ޚާއްޞަ އިނާމަށް 54 ފޯމު ހުށަހަޅައިފި


މިއަހަރުގެ ޤައުމީ އިނާމަށާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް، ނަން ހުށަހެޅުމުގެ ފުރްޞަތު ހަމަވިއިރު، ސަތޭކައަށްވުރެ ގިނަ ފޯމް ހުށަހަޅާފައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވިގޮތުގައި މިއަހަރުގެ ޤައުމީ އިނާމަށް 66 ފޯމު އަދި ޚާއްޞަ އިނާމަށް 54 ފޯމު ހުށަހަޅާފައިވެއެވެ.

މި ފޯމުތައް ބެއްލެވުމުގެ މަސައްކަތް ޤައުމީ އިނާމާބެހޭ ކޮމިޓީންނާއި ޚާއްޞަ އިނާމާބެހޭ ކޮމިޓީން މިހާރު ފަށްޓަވާފައިވާކަމަށްވެސް ރައީސް އޮފީހުން މަޢުލުމާތުދެއްވައެވެ.

ސަރުކާރުން ދެއްވަމުން ގެންދަވާ ޤައުމީ އިނާމަކީ، ދިވެހި ޤައުމާއި، ދިވެހި މުޖްތަމަޢުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުންނާއި، ވިޔަފާރީގެ އިދާރާތަކުން ދިވެހި ޤައުމުގެ ތަރައްޤީއަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކާމިޔާބީތަކުގެ އަގު ވަޒަންކޮށް، ހިތްވަރު ދިނުމުގެ މަޤްޞަދުގައި ދެވޭ އިނާމެކެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަކީ، ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީއާއި، ހިތްވަރާއި، ހުނަރާއި، މަސައްކަތްތެރިކަމާއި، އުފެއްދުންތެރިކަމާއި، ޢިލްމީގޮތުން މަތީ ވަނަތަކާއި ޝަރަފް ޙާޞިލުކުރާ ފަރާތްތަކުގެ ކާމިޔާބީ އިޙްތިފާލުކޮށް، އެ ފަރާތްތަކުގެ އަގު ވަޒަންކޮށް، ހިތްވަރުދީ، ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތަކާއި މަސައްކަތްތެރިކަން މިޞްރާބު ކުރުމުގެ މަޤްޞަދުގައި ދެވޭ އިނާމެކެވެ.

ޤައުމީ އިނާމާއި ޚާއްޞަ އިނާމު ދެއްވާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.