ކުޅިވަރު

އަސަދުﷲ އުނިކޮށް، އަޝްފާޤު ހިމަނައިފި


އަނިޔާގެ ސަބަބުން އަސަދުﷲ އުނިކޮށް، ފިޓްކޮށް ހުރި ކެޕްޓަން އަލީ އަޝްފާގަށް އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި އޮމާންއާއި ދެކޮޅަށް ކުޅޭ ޓީމުން ފުރުޞަތު ދީފިއެވެ. 

ޤައުމީ ޓީމް އެކުލަވާލާފައިވަނީ އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި އަންނަ މަހު 5 ވަނަ ދުވަހު އޮމާނާ ދެކޮޅަށް ކުޅޭ މެޗަށެވެ. އަސަދުﷲ އަބްދުﷲއަށް އަނިޔާވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އުރީދޫ ދިވެހި ޕްރިމިއާރ ލީގްގައި މާޒިޔާއާއި ށ.އަތޮޅު މިލަންދޫ ވާދާކުރު މެޗްގައެވެ. އަސަދުﷲގެ ކަކުލަށް ލިބިފައިވާ އަނިޔާ ބެލުމަށްފަހު އެފްއޭއެމްގެ މެޑިކަލް ޓީމުން ވަނީ އަސަދުﷲ ފިޓްނޫންކަމަށް ނިންމާފައެވެ. އަދި ޤައުމީ ކެޕްޓަން އަލީ އަޝްފާގްގެ ޓެސްޓްތަކަށްފަހު އަޝްފާގް ފިޓްކަމަށް މެޑިކަލް ޓީމުން ވަނީ ބުނެފައެވެ. އަނިޔާއަށްފަހު ދިވެހި ލީގުގައި ނިއު ކުޅުނު ތިން މެޗުގައިވެސް އަޝްފާޤު ވަނީ ކުޅެފައެވެ.

ލީގުގައި ނިއު މިހާތަނަށް ތިން މެޗް ކުޅެފައިވާއިރު އަޝްފާގްވަނީ ދެ ލަނޑު ޖަހާފައެވެ.  

އަޝްފާގް އެންމެ ފަހުން ޤައުމީ ޓީމަށް ކުޅުނީ މިދިޔަ އަހަރު އޭޝިއަން ކަޕް ކޮލިފައިންގެ ފުރަތަމަ ލެގުގައި ލާއޯސްއާއި ދެކޮޅަށެވެ. އޭގެ ފަހުން އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި ފަލަސްތީނު އަދި  ބޫޓާން މެޗްގައި އަޝްފާގް ކުޅެފައެއް ނުވެއެވެ.