ކުޅިވަރު

އުނގޫފާރާއި، އިނގުރައިދޫ ފުޓްސެލް ދަނޑު ހުޅުވައިފި


ސްޕޯރޓްސް އެރީނާ ޕްރޮޖެކްޓްގެ އެކި ކަންކަމަށް މުޅި ރ.އަތޮޅަށް މިހާތަނަށް 18 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދު ކުރައްވާފައިވާ ކަމަށް މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ މިހެން ވިދާޅުވީ ރ.އަތޮޅު އުނގޫފާރުގައި ޤާއިމްކުރި ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ. މިނިސްޓަރ ވިދާޅުވީ ރ.އަތޮޅުގެ އަށް ރަށެއްގައި ފުޓްސަލް ދަނޑުގެ ޢަމަލީ މަސައްކަތް ނިމި މިހާރު ބޭނުން ކުރަމުން އަންނަ ކަމަށާއި އެހެން ރަށްތަކުގެ ދަނޑުތަކުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ މިހާރު މަސައްކަތް ކުރިޔަށްދާ ފުޓްސަލް ދަނޑުތައްވެސް ވީހާވެސް އަވަހަކަށް ނިންމާ ރަށްރަށުގެ ޒުވާނުންނަށް އެދަނޑުތަކުގެ ބޭނުން ހިފޭނޭ މަގު ފަހުކޮށްދިނުން ކަމަށެވެ. ސަރުކާރުން ބޭނުންވަނީ ދިވެހި ޒުވާނުންނަކީ ބޭކާރު ކަންކަމުންނާއި ކުށިގެ ވެށިން ދުރުވެ ތިބި ބަޔަކަށް ހަދަން ކަމަށާއި އެ ކަންކަން ވަރަށް ރަނގަޅަށްވެސް ޙާސިލްވަމުން އަންނަ ކަމަށް މިނިސްޓަރ އިރުތިޝާމް ވިދާޅުވިއެވެ.

އުނގޫފާރުގެ އިތުރުން މިނިސްޓަރ ވަނީ އެއަތޮޅު އިނގުރައިދޫ ފުޓްސަލް ދަނޑުވެސް ރަސްމީކޮށް ހުޅުއްވައި ދެއްވާފައެވެ. މީގެ އިތުރުން އުނގޫފާރުގައި ޤާއިމްކޮށްފައިވާ ބަށިކޯޓްވެސް މިއަދު ވަނީ ރަސްމީކޮށް ހުޅުވާފައެވެ. އަދި ކައިރި މުސްތަޤްބަލެއްގައި އިނގުރައިދުއާއި އުނގޫފާރު ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން އިތުރު ކޯޓްތަކެއް އެޅުމަށް ތައްޔާރުވެފައި ވާކަމަށްމިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ވިދާޅުވިއެވެ.