ޚަބަރު

އިންސްޓިޓިއުޓް އޮފް އޮޑިޓް އެންޑް އެޝުއަރަންސް އިފްތިތާހް ކޮށްފި


ދިވެހިރާއްޖޭގެ އިޤްތިޞާދު ކުރިއަރަމުން އަންނައިރު ދައުލަތުގެ ހިސާބުތައް ބެލެހެއްޓުމުގެ ނިޒާމާ އެއްވަރަށް އަމިއްލަ ކުންފުނިތަކުގެ ހިސާބު ބެލެއްހެއްޓުންވެސް ތަރައްޤީކޮށް ހަރުދަނާކުރަން ޖެހޭކަމަށް އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު ވިދާޅުވެއްޖެއެވެ. 

އޮޑިޓަރ ޖެނެރަލް މިހެން ވިދާޅުވީ، އޮޑިޓް ދާއިރާގެ މީހުން ތަމްރީންކުރުމަށް އުފެއްދި އޮޑިޓް އިންސްޓިޓިއުޓް އިފްތިތާޙްކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. 

އޮޑިޓާއި އެކައުންޓެންސީ ދާއިރާއިން މީހުން ބިނާކުރުމާއި، ތަމްރީން ދިނުމުގެ މަޤްޞަދުގައި އުފެއްދި އިންސިޓިއުޓް އޮފް އޮޑިޓް އެންޑް އެޝުއަރެންސް އިފްތިތާޙްކޮށްދެއްވީ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ.މުޙައްމަދު ލަޠީފެވެ. 

މި އިންސްޓިޓިއުޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު ވިދާޅުވީ، ދައުލަތުގެ ކުރިއެރުމާއި ތަރައްޤީ ބިނާވެގެންވަނީ އިންސާނީ ވަޞިލަތް ތަރައްޤީކުރާނެ ދެމެހެއްޓެނިވި އިންތިޒާމެއް ޤާއިމްކޮށްގެންކަމަށެވެ. އެގޮތުން ރާއްޖެ އިޤްތިޞާދީގޮތުން ކުރިއަރަމުންދާއިރު، ހިސާބުތައް ބެލެހެއްޓުމުގެ ނިޒާމް ތަރައްޤީވާންޖެހޭކަމަށް އޭނާ ވިދަޅުވިއެވެ. އެގޮތުން ހަމައެކަނި ދައުލަތުގެ ހިސާބުތައް ބެލެހެއްޓުމުގެ އިތުރުން ޕްރައިވެޓް ސެކްޓަރގެ ހިސާބުތައް ބެލެހެއްޓުންވެސް ތަރައްޤީކޮށް ހަރުދަނާކުރަންޖެހޭކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ. 

"އިންސްޓިޓިއުޓް އިފް އޮޑިޓް އެންޑް އެޝިއުރަންސް ވެގެންދާނީ އެކައުންޓެންސީ އާއި އޮޑިޓް ދާއިރާގެ ފަންނީ ޤާބިލްކަން އިތުރުކޮށް، ޕޮލިސީ ބިނާކުރާ ދިރާސާތައް ނެރޭނެ ޤައުމީ ނާރެހަކަށް. އަޅުގަނޑު ދެކޭގޮތުގައި، މިއީ ފުޅަވަމުން ދާނެ އިންޑަސްޓްރީއެއް. މި އިންޑަސްޓްރީ ކުރިއެރުވުމަށްޓަކައި ދިވެހިން މިދާއިރާއަށް ނެރެ ތަމްރީންކޮށް، އެފަރާޓްތަކަށް ފުރުޞަތު ފަހިކޮށްދޭން އެބަޖެހޭ. އަދި ރާއްޖޭގެ ތަރައްޤީގެ ބައިވެރިއެއްގެ ގޮތުން އަޅުގަނޑުމެން އޮޑިޓަރުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރަން އެބަޖެހޭ. އަޅުގަނޑުމެން މިތިބީ މިހާރު އެދިމާލަށް މިސްރާބު ޖަހާފައި." އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު ވިދާޅުވިއެވެ. 

އޮޑިޓް އިންސްޓިޓިއުޓް އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ.މުޙައްމަދު ލަޠީފް ވިދާޅުވީ، ދައުލަތުގެ އިދާރާތަކާއި، އަމިއްލަ ކުންފުނިތަކާއި ވިޔަފާރިއާއި ރިސޯޓްތަކަކީ އިންސާނީ ވަސީލަތާއި މާލީ ކަންކަން ފުޅާ ދާއިރާއެއްގައި ގެންގުޅޭތަންތަންކަމަށްވާއިރު، އެ ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ބޭނުންހިފަންޖެހޭކަމަށެވެ. 

އެހެންކަމުން މިދާއިރާއިން މީހުން ބިނާކުރުމުގައި ބައިނަލްއަޤްވާމީ  މުއައްސަސާތަކުން ބަލައިގަންނަ ފެންވަރަށް އެކަންކަން ކުރިއަށް ގެންދިއުމަށް ޗާންސެލަރ ގޮވާލެއްވިއެވެ. 

އޮޑިޓް  އިންސްޓިޓިއުޓުން އިސްނަގައިގެން އޮޑިޓާއި އެކައުންޓެންސީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި، ހުރި ފުރުޞަތުތަކާއި،  ބަދަލުތަކަށް މަޝްވަރާކޮށް މަޢުލޫމާތު ބަދަލުކުރުމަށް "މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް"ގެ ނަމުގައި ޤައުމީ މަހާސިންތާއެއް ކޮންމެ އަހަރަކު ބޭއްވުމަށް ނިންމާ އެކަން ވަނީ އިޢުލާންކޮށްފައެވެ. 

މި މަހާސިންތާ ބޭއްވުމަށް ތައްޔާރު ވަމުން އަންނަކަމަށް އޮޑިޓް އޮފީހުން މަޢުލޫމާތުދެއެވެ.