ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމުގެ ތެރެއިން ސުންނާފަތި ކޮށްލާފައިވާ އިމާރާތެއްގެ ދަށުން 19 މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ. ޣައްޒާގެ މަދަނީ ސަލާމަތާ ބެހޭ އިދާރާއިން ބުނީ، ހަަތަރު ދުވަހުގެ މަސައްކަތަށް ފަހު، ޣައްޒާ ސިޓީގައި ހުރި މި އިމާރާތުގެ ދަށުން ނެރެވިފައިވާ ހަށިތަކުގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންގެ ހަށިތައް ކަމުގައެވެ. ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ޝަހީދުންގެ ހަށިތައް ހޯދުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ މުޙައްމަދު އަބޫ ދާން ވިދާޅުވީ، ޣައްޒާ ސިޓީގެ އެހެން ސަރަޙައްދުތަކުގައި ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ އިތުރު މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ކުރަމުންދާ ކަމުގައެވެ.
މި މަސައްކަތުގައި މަދަނީ ސަލާމަތާ ބެހޭ އިދާރާއަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު ދައްޗަކީ، އިމާރާތްތަކުގެ ގައު ކުނޑިއާއި ބޮޑެތި ކޮންކުރީޓުގަނޑުތައް އުފުލައި ސާފުކުރާނެ އެކްސްކަވޭޓަރު ފަދަ ވަސީލަތްތައް ނެތުމެވެ. މި ވަގުތު ހަށިތައް ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ އަތުން، އެއްވެސް ވަސީލަތެއްގެ އެހީތެރިކަމާ ނުލައެވެ. ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ފެށި ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރެއިން 8,000 އަށްވުރެ ގިނަ މީހުންގެ ހަށިތައް އަދިވެސް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ ކަމުގައެވެ.
ޤަތުލުޢާންމު ހުއްޓައިލުމަށް 2025 އޮކްޓޫބަރު 11 ގައި ޔަހޫދީން ވަނީ އެއްބަސްވެފައެވެ. ނަމަވެސް، އޭގެ ފަހުން ދީފައިވާ ނިރުބަވެރި ހަމަލާތަކުގައި މިހާތަނަށް 1,254 މީހުން ޝަހީދުކޮށްލައި، އިތުރު 4,121 މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ ޞިއްޙީ ވުޒާރާއިން ހާމަކުރެއެވެ. އެއްބަސްވުން އެކުލަވައިލި ފަހުން ވެސް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުން 804 މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. ހައްދުފަހަނައެޅި ޔަހޫދީންގެ މުޅި ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޖުމުލަ ޢަދަދު ވަނީ 73,300 އަށްވުރެ މައްޗަށް އުފުލިފައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 174,000 އަށްވުރެ ގިނައެވެ.