ހޮންގް ކޮންގައި ކުރިއަށްދާ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގައި ދިވެހިރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ސިންގަޕޫރު އަތުން ބަލިވެއްޖެއެވެ.
ސިންގަޕޫރުގައި ކައި ޓަކް ސްޕޯޓްސް ޕާކުގައި ކުޅުނު މި މެޗުން ސިންގަޕޫރު މޮޅުވީ 19-81 އިންނެވެ.
މެޗުގެ ފުރަތަމަ ކުއާޓަރ ސިންގަޕޫރުން ކާމިޔާބުކުރީ 4-23 އިންނެވެ. އަދި ދެވަނަ ކުއާޓަރުގައި 3-21 އިން މޮޅުވިއިރު ތިންވަނަ ކުއާޓަރުގައި އެ ޓީމު މޮޅުވީ 3-23 އިންނެވެ. ފަހު ކުއާޓަރުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ކުޅުން ރަނގަޅު ކުރިތަން ފެނިގެންދިޔައިރު މި ކުއާޓަރ ސިންގަޕޫރުން ކާމިޔާބުކުރީ 9-14 އިންނެވެ.
މިފަހަރުގެ ފުރަތަމަ މެޗުގައި 19-81 އިން ސިންގަޕޫރު އަތުން ރާއްޖެ ބަލިވި ނަމަވެސް، މިއީ އެންމެފަހުން ރާއްޖެއިން ސިންގަޕޫރާ ދެކޮޅަށް ކުޅުނު މެޗުގެ ނަތީޖާއާ އަޅާ ބަލާއިރު ބޮޑު ކުރިއެރުމެކެވެ. 2022 ވަނަ އަހަރު ސިންގަޕޫރުގައި ބޭއްވި 12 ވަނަ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގައި ސިންގަޕޫރު އަތުން ރާއްޖެ ބަލިވީ 10-96 އިންނެވެ.
ސަރަހައްދީ ނެޓްބޯޅައިގައި ސިންގަޕޫރަކީ ވަރުގަދަ ބާރެކެވެ. އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގެ ތަފާސްހިސާބުތަކަށް ބަލާއިރުވެސް، މެޗަކުން އެންމެ ފަރަގު ބޮޑު ނަތީޖާއަކުން މޮޅުވެފައި ވަނީ ވެސް ސިންގަޕޫރުންކަން ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން 2022 ވަނަ އަހަރު އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގައި ޖަޕާން އަތުން ސިންގަޕޫރު މޮޅުވީ 03-103 އިންނެވެ. އެއީ 100 ޕޮއިންޓުގެ ތަފާތެކެވެ.
އެފަހުން، 2024 ވަނަ އަހަރު، އިރާޤާ ދެކޮޅަށް ކުޅެ 119 ޕޮއިންޓުގެ ތަފާތަކުން ވެސް ސިންގަޕޫރު މޮޅުވެފައިވެއެވެ. އެ މެޗުން ސިންގަޕޫރު މޮޅުވީ 03-122 އިންނެވެ.
މިހާރު ކުރިއަށްދާ 14 ވަނަ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުން ބަލިވިއިރު ދެވަނަ މެޗުގައި މިއަދު މެލޭޝިއާ އާއި ދެކޮޅަށެވެ. އެ މެޗު ކުޅޭނީ 16:00 ގައެވެ.
ތިންވަނަ މެޗު ރާއްޖެއިން ކުޅޭނީ އިންޑިއާ އާއި ދެކޮޅަށެވެ. އެ މެޗު އޮންނާނީ 10 ވަނަ ދުވަހު 12:00 ގައެވެ.
އަދި ހަތަރުވަނަ މެޗުގައި ހޮންގް ކޮންގާ ދެކޮޅަށް 11 ވަނަ ދުވަހުގެ 16:00 ގައި ނުކުންނައިރު ފަސްވަނަ މެޗުގައި 12 ވަނަ ދުވަހުގެ 15:00 ގައި ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ.
މި މުބާރާތް ވެގެންދާނީ ރާއްޖޭގެ ގައުމީ ނެޓްބޯޅަ ޓީމަށް، ބައިނަލްއަޤްވާމީ ތަޖުރިބާއާއި ކާމިޔާބީ އަދި ކުރިއެރުން ހޯދުމަށް ރަނގަޅު ފުރުސަތަކަށެވެ.
ޖެހިޖެހިގެން ފަސް ދުވަހު، ފަސް މެޗު ކުޅެން ޤައުމީ ޓީމުން ޖެހޭއިރު، ރާއްޖެއިން މުބާރާތުގައި ވާދަކުރަން މި ޖެހެނީ އޭޝިއާ ސަރަހައްދުގައި ނެޓްބޯޅައިގެ ވަރުގަދަ ބާރުތަކަކާއެވެ.
ރައުންޑް ރޮބިން އުސޫލުން ލީގު ފޯމެޓަށް، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެކޮޅަށް މެޗުތައް ކުޅުމަށްފަހު އެންމެ ރަނގަޅު ނަތީޖާއެއް ނެރޭ ހަތަރު ޓީމެއް ސެމީ ފައިނަލުގައި ކުޅޭނެއެވެ. ރާއްޖެއާއި މި ފަސް ޓީމު ހިމެނެނީ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގެ "ކަޕް ޑިވިޝަން" ގައެވެ.