ޚަބަރު

އަޙްމަދު ނަޞީރުގެ ނަން ކޮމިޓީއަށް !


މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ފައިވާ ކ.މާފުށި، މުސްތަރީގެ އަޙްމަދު ނަޞީރުގެ ނަންފުޅު ދިރާސާ ކުރައްވައި ގޮތެއް ނިންމެވުމަށް ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީއަށް ފޮނުވައިފިއެވެ. 

މިމައްސަލަ ދާއިމީ ކޮމިޓީއަށް ފޮނުވާފައިވަނީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ. 

މަރުކަޒީ ބޭންކް، އެމް.އެމް.އޭގެ ގަވަރުނަރުގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ކ.މާފުށި މުސްތަރީގެ، އަޙްމަދު ނަޞީރުގެ ނަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވީ އާދީއްތަދުވަހުއެވެ. އަޙްމަދު ނަޞީރަކީ، ގިނަ ދުވަސްތަކެއް ވަންދެން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ސީއެމްޑީއޭ، އާއި އެމްއެމްއޭގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި އޭނާ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް އޭނާ ކުރައްވާފައިވެއެވެ. 

ގަވަރުނަރުގެ ނަންފުޅު ދާއިމީ ކޮމިޓީއަށް ފޮނުއްވުމުގެ އިތުރަށް "އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން" "އަޔޯރ" ގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ މައްސަލަވެސް ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް މިއަދުގެ ޖަލްސާގައިވަނީ އެމައްސަލަވެސް ފޮނުވާފައެވެ.